01 އޯގަސްޓް 2018 - 07:40

ހިންދީ ފިލްމް "ބާރަތު" ދޫކޮށްލި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަނެއްކާ ވެސް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
ސަލްމާނާ އެކު ކުޅެން ސޮއިކުރި "ބާރަތު" ދޫކޮށްލި ނަމަވެސް، ސޮނާލީ ބޯސް ޑައިރެކްޓް ކުރާ ހިންދީ ފިލްމް "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ފަށަން ތައްތާރުވަމުން އަންނަ ބަތަލާ މި ފަހަރު ސޮއިކުރި ހޮލީވުޑް ފިލްމަކީ "ކައުބޯއި ނިންޖާ ވިކިން" އެވެ.
ވެރައިޓީން ބުނި ގޮތުގައި "ގޭމް އޮފް ތުރޯންސް" ގެ ޑައިރެކްޓަރު މިޝެލް މެކްލެރެން ޑައިރެކްޓް ކުރާ ފިލްމްގައި ޕްރިޔަންކާ ފެނިގެން ދާނީ މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓްއާ އެކުގަ އެވެ.
އޭޖޭ ލިއެބަމަން އާއި ރައިލީ ރޮސްމޯގެ ކޮމިކް ވާހަކައަކަށް ހަދާ "ކައުބޯއި ނިންޖާ ވިކިން" ގައި ކްރިސް ފެނިގެން ދާނީ ކައުބޯއިއަކަށާއި ނިންޖާ އަދި ވިކިންއަކަށް ބަދަލުވާ ޑރ. ސެބަސްޝިއަން ގިޒްލެން ކިޔާ ސައިކޯތެރަޕިސްޓެއްގެ ކެރެކްޓާއަކުންނެވެ. ޕްރިޔަންކާ ފެނިގެން ދާނީ އޭނާގެ ލޯބިވެރިޔާގެ ރޯލުންނެވެ.
"ކައުބޯއި ނިންޖާ ވިކިން" އަކީ ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ހޮލީވުޑަށް ފުންމައިލުމަށް ފަހު، ޕްރިޔަންކާ ސޮއި ކުރި ހަތަރު ވަނަ ހޮލީވުޑް ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު "ބޭވޮޗް" އެވެ.
ޕްރިޔަންކާ އެންމެ ފަހުގެ ފިލްމަކީ ޖޫން މަހު ރިލީޒް ކުރި "އަ ކިޑް ލައިޖް ޖޭކް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް" އިންނެވެ.
ޓޮޑް ސްޓްރޯސް-ޝުލްސަން ޑައިރެކްޓް ކުރާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ލިއަމް ހެމްސްވޯތު، އެޑެމް ޑެވިން، ރެބެލް ވިލްސަން އަދި ބެޓީ ގިލްޕިން ހިމެނެ އެވެ. މިދިޔަ އަހަރު ޝޫޓިން ފެށި "އިޒިންޓް އިޓް ރޮމޭންޓިކް" ގެ ޝޫޓިން ނިންމައިލީ މި މަހުގެ މެދުތެރޭގަ އެވެ.
ޔުނިވާސަލް ޕިކްޗާޒުން ގެނެސްދޭ "ކައުބޯއި ނިންޖާ ވިކިން" ސިނަމާތަކަށް އަންނާނީ ޖޫން، 28، 2019 ގަ އެވެ،
ދެހާސް ސޯޅައިގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު ޕްރިޔަންކާ ކުޅޭ ފުރަތަމަ ހިންދީ ފިލްމް "ދަ ސްކައި އިޒް ޕިންކް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި ފަރްހާން އަހްތަރާއި ޒާއިރާ ވަސީމް ހިމެނެ އެވެ.