02 އޯގަސްޓް 2016 - 12:23

ޕެންސިލްވޭނިއާ (އޮގަސްޓް 2) - ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ހިލަރީ ކްލިންޓަނަކީ ޝައިތޯނެއް ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޕެންސިލްވޭނިއާގެ ހައި ސްކޫލެއްގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ހިލަރީއާ ވާދަކުރެއްވި ބާނީ ސެންޑާސް އަށް ވެސް ބަހުގެ ހަމަލާ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ޝައިތޯންއާ ސެންޑާސް ގުޅުނީ ޑީލެއް ހަދައިގެން ކަމަށެވެ.
"އެއީ ޝައިތޯނެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ޕްރައިމަރީ އަށް ފަހު ސެންޑާސް ވަނީ ހިލަރީ އަށް ތާއީދުކޮށް އެކަމަނާ ވެރިކަމަށް ގެންނަން މަސައްކަތް ފައްޓަވައިފަ އެވެ.
ޑިމޮކްރެޓިކުންނާއި އެއްގޮތަށް ރިޕަބްލިކަނުން ވެސް ވަނީ ޓްރަމްޕުގެ ބަސްމަގު ހުންނަ ގޮތުން ފާޑުކިޔަން ފަށައިފަ އެވެ. އިރާގު ހަނގުރާމައިގައި މަރުވި އެމެރިކާގެ މުސްލިމް ސިފައިންގެ މީހާގެ އާއިލާއާ ޓްރަމްޕް ދިމާކޮށްލި މައްސަލަ ވެސް ވަނީ އެ ޕާޓީގެ ސީނިއާ ސެނޭޓަރެއް ކަމަށްވާ ޖޯން މެކްކޭން ކުށްވެރި ކުރައްވައިފަ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި 2008 ވަނަ އަހަރު ރައީސް ބަރަކް އޮބާމާއާ ވާދަކުރެއްވި މެކްކޭން ވިދާޅުވީ ގަދަރުވެރި އާއިލާއެއްގެ އަބުރު ނަގާލުމުގެ ހައްގު ޓްރަމްޕަށް ނޯންނާނެ ކަމަށެވެ.
މުސްލިމް ސިފައިންގެ މީހާ ކެޕްޓަން ހުމަޔުން ޚާން މަރުވީ އިރާގު ހަނގުރާމައިގައި އުޅެނިކޮށް ކާރު ބޮމެއް ގޮވައިގެން 2004 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ 27 އަހަރެވެ.
ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަނުގައި ހުމަޔުންގެ ބައްޕަ ޚިޒްރު ޚާން ވަނީ ޓްރަމްޕަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ. ޓްރަމްޕް ފަހުން ވަނީ ކޮންވެންޝަނުގައި ޚާންގެ އަންހެނުން ގަޒާލާ ވާހަކަ ނުދެއްކުމުން ވެސް އޭނާ އަށް ފާޑު ވިދާޅުވެފަ އެވެ. ޓްރަމްޕަށް ރައްދު ދެމުން ގަޒާލާ ބުނެފައި ވަނީ ޓްރަމްޕަކީ އެހެން މީހުންގެ އިހްސާސްތައް ވަޒަން ކުރަން ނޭނގޭ މީހެއް ކަމަށެވެ.