01 އޯގަސްޓް 2018 - 07:39

ދުނިޔެ ތޮއްޖެހިއްޖެ އެވެ. ބިމުގައި ޖާގައެއް ނެތެވެ. ޖާގަ އޮތް ތަނަކީ މާސް އެވެ. އެކަމަކު އިންސާނުން އަދިވެސް ތިބީ ދުނިޔޭގަ އެވެ. މާސް އަށް ދެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ދެވޭނެ ކަމެއް ވެސް ނޭނގެ އެވެ.
އެކަމަކު މާސް އަށް ދެވޭނެ ކަމުގެ އިންތިޒާރުގައި ތިބި ބަޔަކު، މާސްގައި ގެދޮރު ބިނާކުރާނެ ގޮތް، ބިމުގައި ތިބެގެން ޑިޒައިންކުރަނީ އެވެ. އެ މީހުން ދެކޭ ގޮތުގައި މާސްގައި ގެދޮރު އަޅަން މިއަށް ވުރެ ވަކި މޮޅު ގޮތެއް ނެތެވެ.
މާސް އަށް ދެވުނު ދުވަހަކުން، މާސްގައި ގެދޮރު ބިނާކުރާނެ ގޮތް ޑިޒައިންކުރުމަށް ނަސާއިން 2015 ގައި ހުޅުވާލި މުބާރާތަށް ކުރެހުންތަކެއް ވަނީ ލިބިފަ އެވެ. އަސްލާ އެއްގޮތްކުރުމަށް ޑިޒައިންތައް "ތްރީޑީ ޕްރިންޓް"ކުރެވެން ޖެހެ އެވެ. ބިމުގައި ތިބެގެން މާސްގެ ކޮޓަރިއެއްގައި ނިދާލެވެން ޖެހެ އެވެ.
ސައިންސްވެރިންގެ ތެރެއިން ބަޔަކު ގަބޫލުކުރާ ގޮތުގައި، ދުނިޔެ ދެމިއޮތުމަކީ ނާދިރުކަމެކެވެ. އިންސާނީ ދަރިފަސްކޮޅު ދުނިޔޭގައި ތިއްބައި ދުނިޔެ ހަލާކުވާނެ އެވެ. ޖައްވުގެ ތެރެއިން، ކޮންމެވެސް ދިމާއަކުން އަންނަ ބޮޑު ގިނަހިލަކުން ޖެހި ދުނިޔެ ފުނޑުފުޑުވާނެ އެވެ. އިންސާނުން ބިމުގައި ގާއިމުވުގެ ކުރިން ދުނިޔޭގައި އުޅުނު ކަމަށް ބުނާ ޑައިނަސޯތައް ވެސް ނެތި ދިޔައީ، ދުނިޔެ އަށް މުޑިއެރި ގިނިހިލައެއްގެ ސަބަބުންނެވެ. އިންސާނުން އެ ތަޖުރިބާކުރުމަށް ވުރެ މާސް އަށް ހިޖުރަކުން ބުއްދިވެރި އެވެ.
މާސްގައި ގެދޮރު އެޅުމަށް ސައިންސްވެރިން ގެންގުޅޭ ޚިޔާލުތައް ގިނަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ކަމުދާ ވިސްނުމެއް ގޮތުގައި ބަލައިގެންފައި ވަނީ، މާސް އިން ލިބެން ހުރި ތަކެތިން ގެދޮރު ބިނާކުރުމެވެ. އެކަމަށްޓަކައި މާސް އަށް ފޮނުވަންޖެހެނީ ތްރީޑީ ޕްރިންޓްކުރާ ރޮބޮޓެކެވެ.
މާސް އަށް އިންސާނުން ދިއުމުގެ ކުރިން ގެދޮރު އަޅައި ދިރިއުޅެވޭ ފެންވަރަށް ބިން ތަރައްގީކުރުމަކީ، ޕްރޮޖެކްޓްތަކަށް ބަހާލައިގެން ނާސާގައި ހިންގާ ފިކުރެކެވެ. މާސްގައި ދިމާވެދާނެ ހުރިހާ އުނދަގުލަކަށް ކެތްކުރެވޭ ފެންވަރަށް އިމާރާތްކުރެވިދާނެ ގޮތްތައް ނާސާއިން އަންނަނީ ދަސްކުރަމުންނެވެ.