31 ޖުލައި 2018 - 10:16

މި ސަރުކާރުން ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާގެ ތެރެއިން އެންމެ ބޮޑު ހިތްދަތި ކަމެއް ދިނީ އދ. މާމިގިލީގެ ރައްޔިތުން ކަމަށް، އިދިކޮޅު ޕާޓީތަކުގެ ރަނިން މޭޓު، ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އދ. އަތޮޅުގައި ހުންނެވި ފައިސަލް، މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވި ގޮތުގައި އެ ރަށަށް އުފަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ނުހައްގުން ޖަލު ހުކުމެއް އިއްވުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމަކާއި މާޔޫސް ކަމެކެވެ. ރިޝްވަތުގެ ތުހުމަތުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައި ގާސިމާ ދޭތެރޭ މި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ވަރަށް ދެރަވެ، ލަދުގަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް އުފުލި ދައުވާގަ އެވެ. އެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން، ޖަރުމަނުވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ގާސިމް ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ.
"އެއީ، [ގާސިމަކީ] ގައުމަށްޓަކައި ފަޚުރުވެރި ދަރިއެއް. ސަރުކާރުން ވެސް ކޮށްނުދެވޭހާ މިންވަރަށް، މެދުކެނޑުމެއް ނެތި ރައްޔިތުންގެ އެކި ކަންތައް ފުއްދަމުން ގެންދެވި ބޭފުޅެއް. އަދި ހަމައެހެންމެ އިސްލާހީ ބަދަލުތަކަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދެވި ވެރިއެއް،" ފައިސަލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ވިދާޅުވި ގޮތުގައި ގާސިމް ފަދަ ގައުމަށް ޚިދުމަތްތެރި ބޭފުޅުން ޖަލު ގޮޅީގައި، ދަތި ހާލުގައި ދުވަސްތައް ހޭދަކުރެއްވުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫނެވެ. އެކަމަކު ރާއްޖޭގައި އިސްލާހަށް މަސައްކަތް ކުރައްވާ ކޮންމެ މީހަކަށް އޮތީ ޖަލުގެ ގޮޅި ކަމަށާއި ރާއްޖޭގައި ދިގު 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދޭތެރޭގައި ވެސް ސަރުކާރުން އަމަލުކުރަމުން ދަނީ އެ އުސޫލުން ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ރަނގަޅު މަގެއް ދިވެހިރައްޔިތުންނަށް ދައްކާ ކޮންމެ މީހަކަށް އޮތީ ޖަލު ގޮޅި. ގައުމުގެ ހާލަތު މިއޮތީ، ދުވަހަކު ވެސް ނުދާ މިންވަރަށް، އިންތިހާ ދަރަޖައަށް ދަށަށް ގޮސްފައި. މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ކުރަމުންދާ ތުހުމަތުތައް ތަކުރާރު ކުރައްވަމުން ފައިސަލް ވިދާޅުވީ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވައި ރައްޔިތުންގެ ހައްގުތަކާއި އިންސާފު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ވަރަށް ދަތި ހާލުގައި ކަމަށާއި އެއީ ރައްޔިތުން ގަބޫލުކޮށްގެން ތިބެންވީ މިންވަރެއް ނޫން ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ހާލަތު ބަދަލުކުރަން ރައްޔިތުންނަށް ލިބޭ ފުރުސަތަކީ ސެޕްޓެމްބަރު، 23، ގައި އޮންނަ ރިޔާސީ އިންތިޚާބު ކަމަށެވެ. އެ އިންތިޚާބުގައި، އަނިޔާވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެ ހެޔޮ ބަދަލެއް އިޚްތިޔާރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަކި މީހަކަށްވީތީ ތަފާތެއް ނުކުރާނަން، ހުރިހާ ރައްޔިތުންނަކީ އަޅުގަނޑުމެންގެ ކޯލިޝަން ސަރުކާރަށް ހަމަހަމަ ބައެއް،" ފައިސަލް ވިދާޅުވި އެވެ.