01 އޯގަސްޓް 2018 - 07:39

ދެހާސް ދިހައެއްގައި ރިލީޒް ކުރި "ރާވަން" އަށް ފަހު، ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން އެކުގައި ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.
މި ފަހަރު ދެ ތަރިންގެ ޖޯޑު ޒަމާންގަނޑަކަށް ފަހު އަލުން ސްކްރީނުން ފެނިގެން ދާނެ ފިލްމަކީ އަނޫރާގް ކެޝަޕް ޕްރޮޑިއުސްކުރާ "ގުލާބް ޖާމޫ" އެވެ. މި ފިލްމް އެ ދެ ތަރިންނަށް ހުށަހަޅާފައިވާތާ މިހާރު ފަސްވަރަަކަށް އަހަރު ވެދާނެ އެވެ.
އެކަމަކު ސްކްރިޕްޓާ ދޭތެރޭ ދެ ތަރިން ހިތްހަމަނުޖެހޭތީ ބަދަލުތަކެއް ގެންނަން ވަގުތު ނެގީ އެވެ. "ގުލާބް ޖާމޫ" ޑައިރެކްޓް ކުރާނީ ސަރްވޭޝް މެވާރާ އެވެ.
މި ފިލްމްވެގެން ދާނީ ދަރިފުޅު އާރަދިޔާ ބައްޗަން ލިބުނު ފަހުން އައިޝްވާރިޔާ އާއި އަބީޝެކް އެކުގައި ކުޅޭ ފުރަތަމަ ފިލްމަށް ވެސް މެ އެވެ. "ގުލާބް ޖާމޫ" އަށް އަބީޝެކް ސޮއި ކުރި އިރު، ސެޕްޓެމްބަރު މަހުގެ 14 ގައި ރިލީޒް ކުރާ އަނޫރާގްގެ "މަންމަރްޒިޔާން" ގެ އެއް ބަތަލަކީ ވެސް އަބީޝެކެވެ.
މިއީ އަނޫރާގްގެ ފިލްމެއްގައި އައިޝްވާރިޔާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
ހުކުރު ދުވަހު ރިލީޒް ކުރާ "ފަނޭ ހާން" އިން އައިޝްވާރިޔާ ފެނިގެންދާ އިރު، އެންމެ ފަހުން އޭނާގެ ފިލްމެއް ސިނަމާ އަށް އައީ 2016 ގަ އެވެ. އެއީ ކަރަން ޖޯހަރްގެ "އޭ ދިލް ހޭ މުޝްކިލް" އެވެ.
އައިޝްވާރިޔާ އާއި އަބީޝެކް އެކުގައި ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ސަރްކާރް ރާޖް (2008) ގްރޫ (2007)، ދޫމް (2006) އަދި ކުޗް ނާ ކަހޯ (2003) ހިމެނެ އެވެ.
"ގުލާބް ޖާމޫ" އާ ބެހޭ ގޮތުން އައިޝްވާރިޔާ ބުނީ ދެމަފިރިން އެކުގައި ސްކްރީނަށް ގެންނަން ބޭނުންވެގެން ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު ސްކްރިޕްޓްތައް ހުށަހަޅާ ކަމަށެވެ. އެކަމަކު މިހާތަނަށް އެހާ ހިތްހަމަޖެހޭ ކަހަލަ އެއްޗަކާ ދިމާ ނުވާ ކަމަށް ބުންޏެވެ.
އެކަމަކު "ގުލާބް ޖާމޫ" ވެގެން ދާނީ ދެމަފިރިންގެ ވަރަށް ވެސް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.
"މިއީ ވަރަށް ލޯބި ސްކްރިޕްޓެއް. އަބީ އާއި އަހަންނަށް ވެސް މީތި ކަމުދިޔަލެއް ބޮޑުކަމުން މި ފަހަރު ފިލްމަށް އެއްބަސްވާން ނިންމީ،" އައިޝްވާރިޔާ ބުންޏެވެ.