"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަންނަ އަހަރަށް ފަސްކޮށްފި
"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަންނަ އަހަރަށް ފަސްކޮށްފި

ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދައި، ޕުނިތު މަލްއުތުރާ ޑައިރެކްޓް ކުރާ ފިލްމް ކުރިން ރިލީޒް ކުރާ ގޮތަށް އޮތީ އަންނަ ނޮވެމްބަރު މަހުގެ 23 ގަ އެވެ.

ނަމަވެސް ފިލްމްގެ އާ ޕޯސްޓަރަކާ އެކު ކަރަން ކުރި ޓްވީޓެއްގައި ވަނީ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ސިނަމާތަކަށް އަންނާނީ މެއި، 10، 2019 ގައި ކަމަށް ބުނެފަ އެވެ.

އެކަމަކު ފިލްމް ފަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މި ފިލްމަކީ 2012 ވަނަ އަހަރު ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސިދާތު މަލްތުއުރާ ބޮލީވުޑަށް ތައާރަފުކުރަން ކަރަން ޑައިރެކްޓް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ދެވަނަ ބައެވެ. މިއީ ކޮލެޖް ޒުވާނުންތަކެއްގެ ލޯބީގެ ވާހަކައެއް ކިޔައިދޭ، ޒުވާނުންނާ ވަރަށް ގުޅޭ ކަހަލަ ފިލްމެކެވެ.

ފިލްމްގެ ދެވަނަ ބައި ޕުނިތުއާ ހަވާލުކޮށްގެން ޑައިރެކްޓް ކުރުވާއިރު، މީގެ ކާސްޓުންނަކީ ޓައިގާ ޝްރޮފާއި އަލަށް ތައާރަފުވާ އަނަންޔާ ޕާންޑޭގެ އިތުން ތާރާ ސުތާރިއާ އެވެ. އަނަންޔާއަކީ މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅެވެ.

މިހާރު ގާތްގަނޑަކަށް ޝޫޓިން ނިމުމަކަށް އައިސްފައިވާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފް، ކުރީގެ މަޝްހޫރު ބަތަލާ ނީލަމް ކޮތާރީގެ ފިރިމީހާ ސަމީރް ސޯނީ އަދި ރޯނިތު (ބަޖާޖް) ރޯއި ހިމެނެ އެވެ. ބަޖާޖް ވަނީ މީގެ ފުރަތަމަ ބައިގައި ވެސް މުހިއްމު ރޯލެއް ކުޅެފަ އެވެ.

ޕުނިތު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ ކަރަން ޕްރޮޑިއުސް ކުރި 2013 ގެ "ގޯރީ ތެރޭ ޕިޔާރް މޭ" އެވެ. އެ ފިލްމްގެ ލީޑް ރޯލް ކުޅުނީ ކަރީނާ ކަޕޫރާއި އިމްރާން ހާނެވެ.

ކަރަންގެ ދަރްމާ އިން އެންމެ ފަހުން ރިލީޒް ކުރި ފިލްމަކީ މި މަހުގެ 20 ގައި ސިނަމާތަކަށް އައި "ދަޅަކް" އެވެ. އެ ފިލްމަކީ ވެސް އާ ތަރިންތަކެއްގެ ފިލްމެކެވެ.

އަންނަ ޑިސެމްބަރު މަހުގެ 28 އަށް ވަނީ ކަރަން ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ "ސިމްބާ" ތާވަލުކޮށްފަ އެވެ. އެ ފިލްމްގެ ތަރިންނަކީ ރަންވީރް ސިންގް އާއި ސާރާ އަލީ ހާނެވެ.

ދަރްމާ އިން މި އަހަރު މެއި މަހު ގެނެސް ދިން އާލިއާ ބަތަލާގެ ރޯލް ކުޅުނު "ރާޒީ" އަކީ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމް ވަނީ 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދައިފަ އެވެ.