31 ޖުލައި 2018 - 00:09

އިދިކޮޅު ފަރާތްތަކުން ދޮޅު އަހަރު ވެރިކަން ކުރަން ބޭނުންވާ ނަމަ، ރާއްޖޭ ގައި އިންވެސްޓް ކުރުމަށް ބަޔަކު ނާންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

"ޕޯޓް ހިޔާ ހައުސިން ސްކީމް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު އެ އިޝާރާތް ކުރައްވަނީ އިދިކޮޅު ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ގޮތަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމަނާފައިވާތީ އެ ކަމަށެވެ.
އެ މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކަކަށް ކަމަށެވެ. އަދި އެއީ ގިނަ ސިޔާސީ ޕާޓީތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް އެމްޑީޕީން އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލުމާ މެދު އެ ކޯލިޝަންގެ ބައެއް އިސްވެރިންގެ ހިޔާލު ތަފާތެވެ.
އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމެނޭ އެ ޕޮއިންޓަށް ފާޑުވިދާޅުވަމުން މިނިސްޓަރު ސައީދު މިރޭ ވިދާޅުވީ، ދޮޅު އަހަރުގެ މުއްދަތަކަށް ބަޔަކު ވެރިކަން ކުރަން އަންނައިރު، އެ މުއްދަތަށް މެނިފެސްޓޯއެއް ހަދާނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އިގްތިސާދީ ގޮތުން ރާއްޖެ އަށް ލިބުނު ބޮޑެތި ކުރިއެރުންތަކުން މިސާލު ނަންގަވައި ދެކުނު އޭޝިއާގައި އެންމެ ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދު ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި މީގެ ކުރިން އަޑު އިވުނީ ކަންކަން ނުވާނެ ކަމާއި ވަސީލަތް މަދު ވާހަކަ އެވެ. އެކަމަކު "ދިރުމެއް ވާނަމަ، އުންމީދެއް ވާނެ" ކަމަށް ރައީސް އަބްދުﷲ ޔާމީން ސާބިތުކޮށް ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ސައީދު ނެންގެވި ބައެއް މިސާލުތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި އެއާޕޯޓުތަކަށް ޖައްސާ މަތިންދާ ބޯޓު އިތުރުވުމާއި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްގައި ހުރި އަދަދު، މިދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި 299 މިލިއަން ޑޮލަރުން 799 މިލިއަން ޑޮލަރަށް އިތުރުވެގެން ދިޔަ ކަން ފާހަގަ ކުރެއްވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ހޯދުމަށް 300 މިލިއަން ޑޮލަރު ދައުލަތުން ދައްކަން ނުޖެހުނު ނަމަ، ދައުލަތުގެ ރިޒާވްގައި ބިލިއަނެއްހާ ޑޮލަރު ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އަޑުއިވިގެން ދަނީ އިދިކޮޅު ވެރިކަމެއްގައި ސަރުކާރުގެ ބައެއް ކުންފުނިތައް ކަމަށްވާ އެސްޓީއޯ އާއި އެމްޕީއެލް ވިއްކާލައި މުވައްޒަފުންގެ އަދަދު ތިރި ކުރަން އުޅޭ ވާހަކަ ކަމަށެވެ. އެކަމަކު، މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރީ އެންމެ ކުންފުނިތައް ވިއްކައިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިންގެ ޝަރަފެއްގެ ގޮތުގައި މި ތަންތަން ނަގާ ކޮޅަށް ޖަހަމުން ރިޒާވް އިތުރު ކުރީ،" ސަރުކާރުން ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާ ކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވި އެވެ.
"ސަރުކާރުގެ ކުންފުނިތައް ދަބަހަކަށް އަޅައިގެން ގަންނާނެއްބާ، ލާރިއަކަށް ކުރޮޅިއެއް ކިޔައިގެން ހިނގާ ޒަމާނާ ދިވެހިން އަލްވަދާއު ކިޔައިފި. އެ ސަގާފަތެއް ނުހިނގާނެ."
ސައީދު ވިދާޅުވީ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބަކީ ސިޔާސީ ވޯޓެއް ނޫން ކަމަށެވެ. އެއީ ދިވެހި ގައުމާއި ގައުމަށް އޮތް ކުރިއެރުމަށް ނިންމާ ނިންމުމެއްތޯ ނުވަތަ ދިވެހި ގައުމު އަނެއްކާ ވެސް ފަހަތަށް ސޮއްސާލާ ނިންމުމެއްތޯ ބަލަން ނަގާ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށާއި ޕީޕީއެމުން މަސައްކަތް ކުރަނީ ހައްގަށްޓަކައި ކުރެވޭ މަސައްކަތް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ ހައްގެއް. އެއީ މި ސަރުކާރުން އުފަން ކުރުވި މައްސަލައެއް ނޫން. މި ސަރުކާރަށް ވާރުތަ ކުރި މައްސަލައެއް. އެއީ ރައީސް ޔާމީން ވިދާޅުވާ ވާހަކަ އަކީ. އެކަމަކު، ހައްލު ހޯދައިދެނީ ކަން ކުރަން ކެރޭ ލީޑަރަކު ހުރީމަ، އެ ލީޑަރުގެ ފަހަތްޕުޅަށް ރައްޔިތުން ސާބިތުކަމާ އެކު އައިސް ތަރައްގީއާ އެކު ކުރިމަތިލީމާ،" ސައީދު ވިދާޅުވި އެވެ.