03 އޯގަސްޓް 2016 - 06:35

ޑީޕް ވެއިން ތުރޮމްބޯސިސް (ޑީވީޓީ) ނުވަތަ ފައިގެ ނާރުތަކުގައި ލޭ ގަނޑުވުމުން ދިފާއުކޮށްދޭ ހައި-ޓެކް ފައިވާނެއް ޖަޕާނުގައި އުފައްދައިފި އެވެ.

މިހާރު ޖަޕާންގައި ޓެސްޓްކުރަމުންދާ މި ފައިވާނުގައި ހުންނަނީ ޕަމްޕްތަކެއް ހަރުކޮށްފަ އެވެ. އަދި މި ފައިވާނަށް އެރުމުން ފައިގެ ދަށްފުށަށް ޕްރެޝަރު ކޮށް ލޭ ޕަމްޕްކޮށްދޭން އެހީވެ އެވެ.
މި ފައިވާނަށް އަރައިގެން އޮށޯވެ އޮތަސް ހިނގުމުން ދެ ފަޔަށް ލޭ ޕަމްޕްވާ ގޮތާ ދާދި އެއްގޮތަކަށް ލޭ ދައުރުވަމުން ދާނެ އެވެ. އޭރުން ފައިގައި ލޭ ގަނޑެއް ނުވާނެ އެވެ.
މިގޮތަށް ލޭ މާ ބޮޑަށް ގަނޑުވުމަކީ ފުރާނައަށް ނުރައްކާވާ ކަމެކެވެ. އިނގިރޭސި ވިލާތުގެ ކޮންމެ 1000 މީހަކުން އެކަކީ މި މައްސަލަ ކުރިމަތިވެފައިވާ މީހެއް ކަމަށް ޑެއިލީ މެއިލްގައި ބުނެފައިވެ އެވެ.
ޑީވީޓީ އަކީ ހަށިގަނޑުގެ އެންމެ އަޑީގައިވާ ނާރުތަކުގައި ލޭ ގަނޑުވުމެވެ. އާންމުކޮށް މިގޮތަށް ދިމާވަނީ ފައިގެ ފަލަމަސްގަނޑަށް ނުވަތަ ފައިގެ ތިރީގެ ކޮންމެވެސް ހިސާބެއްގަ އެވެ.
މިގޮތަށް ގިނައިން ދިމާވަނީ ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެން އޮންނަން ޖެހޭ މީހުންނާއި ދުރު ތަންތަނަށް ފްލައިޓުގައި ދަތުރުކުރާ މީހުން ފަދަ ގިހިނގާ ބިނގާވެ އުޅުން މަދު މީހުންނަށެވެ.
އާންމުކޮށް އަހަރެމެން ހިނގާއިރު ފައިތިލަ ބިންމަތީގައި އަޅާ އޮއްބާލެވުމުން އެ ލިބޭ ޕްރެޝަރުގައި ފައިގައި ހުންނަ ލޭ ހޮޅިތައް ފުޅާވެ ލޭތައް މައްޗަށް ވާގޮތަށް ހިތާ ހަމައަށް ދައުރުވާން ފަށަ އެވެ.
މި ހަރަކާތް މިގޮތަށް ނުގެނެވޭ ނަމަ ނުވަތަ ހިނގާބިނގާވެ ނޫޅެވި އެއްތަނެއްގައި އިންނަ ނަމަ ހުރިހާ ލެޔެއް ހުންނާނީ ފަޔަށް ޖަމާވެފަ އެވެ.
ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ވެސް ގަނޑުލޭކޮޅެއް އުފެދި ލޭ ދައުރުވާ ނިޒާމުގެ ތެރޭގައި ދައުރުވާން ފަށައިފާނެ އެވެ. ބައެއް ފަހަރަށް މިފަދަ ގަނޑުލޭކޮޅު ފުއްޕާމޭގެ ހިމަ ލޭ ހޮޅިތަކުގައި ހަރުލަ އެވެ. މިހެން ދިމާވުމަށް ޑޮކްޓަރީ ބަހުން ކިޔަނީ ޕަލްމޮނަރީ އެމްބޮލިޒަމް އެވެ. މިއީ ފުރާނައަށް ނުރައްކާ ވެދާނެ ކަމެކެވެ.
މިކަމުން ދިފާއުވުމަށްޓަކައި، ލޭ ގަނޑުވުމުގެ ނުރައްކާ އޮންނަ ބަލި މީހުންނަށް ލޭ ދިޔާކުރާ ބޭސް ކާންދެ އެވެ. އަދި ވަފަޔަށް ފިޓްވެފައި ހުންނަ ސްޓޮކިންގް ފަދަ އެއްޗެހި ލާން އިރުޝާދު ދެ އެވެ.
ނަމަވެސް މިގޮތަށް ލޭ ދިޔާކުރަން ކާންދޭ ބޭހުން ލޭ އަންނަން ފަށައި ލޭ މަނާކުރަން ދަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަނެއްކޮޅުން ބާރު ސްޓޮކިންގްސް ލައިގެން އުޅުމަކީ ގިނަ މީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވެއެވެ.
އެހެންކަމުން ފުޓް ޕަމްޕް ސްލިޕާސްގެ ނަމުގައި މި އުފެއްދި އާ އީޖާދު މިއީ ލޭ ގަނޑުވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް މިހާރު ދޭން ޖެހޭ ފަރުވާތަކަށް ވުރެ މާ ހިތްހަމަޖެހޭ ފަރުވާއަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އުކުޅުވަޅު އޮޕަރޭޝަންކޮށްފައި ތިބި ބަޔަކު މިފަދަ ފައިވާނަށް އަރުވައިގެން 2009 ގައި މިކަމާ ގުޅޭ ދިރާސާއެއް ވަނީ ކޮށްފަ އެވެ. މިގޮތުން މިފަދަ ފައިވާނަށް އެރުވި މީހުންނަށް މިކަމުން އެއްވެސް ނުރަނގަޅު އަސަރެއް ކުރިކަން ފާހަގަ ކުރެވިފައި ނުވާއިރު މިއިން އެއްވެސް މީހަކަށް ބޭސް ނުކެޔަސް ލޭގަނޑުވުމުގެ މައްސަލަ ދިމާވެފައެއް ނުވެ އެވެ.
އަދި އޭގެ ފަހުން އަޖުމަބެލީ ޖަޕާންގެ ނަގަސާކީ ޔުނިވަސިޓީ ހޮސްޕިޓަލުގައި ކަކޫ އޮޕަރޭޝަން ކުރަން ބައިތިއްބާފައި ތިބި 70 މީހެކެވެ. މި މީހުންނަށް ބޮޑު ފައިދާއެއް ކުރަނީ ލޭ ދިޔާކުރާ ބޭހެއް ދިނުމުންތޯ ނުވަތަ އިށީނދެގެންނާއި އޮށޯވެގެން އޮންނަ ވަގުތުތަކުގައި މި އަލަށް އީޖާދުކުރި ފައިވާނަށް އެރުވުމުންތޯ ދެނެގަނެފައިވެ އެވެ.
މި އެންމެން ވެސް އޮޕަރޭޝަން ކުރުމަށް ފަހު މަސް ދުވަސް ފަހުން، ލޭގަނޑުވާ މައްސަލަ ހުރި ވަރެއް ޗެކްކުރާނެ އެވެ.
މި އާ ޓެކްނޮލޮޖީ އާ ގުޅޭ ގޮތުން ކްރޮއިޑޯން ޔުނިވަސިޓީ ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ވެސްކިއުލާ ސާޖަން ޑރ. ސްޓެލާ ވިގް ވިދާޅުވެފައި ވަނީ ފައިގެ ތިރީބައިގައި އެއްކޮށް ހަރުކޮށްލެވޭ ކަހަލަ ޑިވައިސްތައް މިހާރު ވެސް ތައްޔާރުކޮށްފައި އެބަހުރި ކަމަށެވެ. ނަމަވެސް އެފަދަ އެއްޗެހި ހަރުކޮށްފައި ބެހެއްޓުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ.
މިހާރު އަލަށް މި ހޯދުނު ޓެކްނޮލޮޖީން އެ ބޭނުންކުރާ މީހުންނަށް އަރާމު ލިބި އެމީހުން މާ ބޭނުންކުރާހިތްވާނެ ކަމަށް ގަބޫލުކުރޭ ކަމަށާއި މާ އަގުބޮޑު ފަރުވާތަކަށް ވުރެ މިކަހަލަ އާދައިގެ ނަމަވެސް އޭގެ އަސަރު ރަނގަޅަށް ކުރާ އެއްޗެހީގެ ފައިދާ މާ ބޮޑުވާނެކަމަށް ގަބޫލު ކުރެވޭ ކަމަށް ވިގް ވިދާޅުވެފައިވެ އެވެ.