31 ޖުލައި 2018 - 07:22

ޑޮކްޓަރެއް ގާތަށް ދިޔުމުގެ ކުރިން ވެސް، ތިމާގެ ސިއްހަތަށް އަންނަ އެކި ލޮޅުންތައް ދުރާލާ ދެނެގަނެވޭނެ މަގުތައް މިހާރު ވަނީ ފަހިވެފައެވެ. އެކި ނަންނަމުގައި އުފަންވެފައިވާ، އަތުކުރީ އަޅާ ގަޑިން ފެށިގެން ކަރުގައި އަޅާ ފަށުގެ ފުލުން ވެސް ގިނަ މައުލޫމާތުތަކެއް ދެނެގަނެ، ސިއްހަތާމެދު ރައްކާތެރިވުމަށް މިހާރު ފުރުސަތު އެބައޮތެވެ. އެންމެ ފަހުން ލިބުނު އުފާވެރި ޚަބަރަކީ އިނގިލިކުރިން ވެސް މިފަދަ މުހިއްމު މައުލޫމާތު އެއްކުރެވިދާނެކަމެވެ.
ހާޓް އަޕް ފަރުމާކޮށްފައިވަނީ އެއް އިނގިއްޔަށް ލައްވާ އަންގިއެއްގެ ސިފައިގައެވެ. ޝަހާދަތް އިނގިލި އެކަނި ނިވާވާގޮތަށް ހަދާފައިވާ މި އަންގިން އެމީހަކު ކުރި ކަސްރަތުގެ މައުލޫމާތާއި ކެލޮރީ އަންދާލެވުނު މިންވަރާއި ދަތުރުކުރެވުނު ރާސްތާ އާއި ކަސްރަތުގެ ފެންވަރު ބަލައިލެވެން ހުރެއެވެ. އައިފޯނާ ނުވަތަ އެންޑްރޮއިޑް ފޯނާ ގުޅުވާލުމުން ޖީޕީއެސް ކަސްރަތު ގަޑިއަކަށް ވެސް މި އަންގި ފުދެއެވެ.
މި އަންގީގެ ޚާއްސަ ސިފައަކީ ހިތުގެ ހާލު އަންގައިދިނުމެވެ. މެރެތަން އާއި ޓަރަޔަތުލޯން ޖަހާ އެތުލީޓުންނަށް މިއީ ވަރަށް މުހިއްމު ކަމެކެވެ. މިއިން ކުޅިވަރެއްގެ ތެރޭގައި އުޅުމުގެ ތެރޭގައި މިފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އާންމު ހާލަތްތަކަށްވުރެ ބޮޑެވެ. ޓްރަޔަތުލޯން ޖަހާ 9 މިލިއަން މީހުންގެ މެދުގައި 30 އަހަރަށް ދެމިގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި ކޮންމެ އެއް ލައްކަ މީހަކުން 1.74 މީހަކަށް ހިތް ހުއްޓުމުގެ ނުރައްކާ ބޮޑެވެ.
ހާޓް އަޕް އަންގި އުފައްދާފައިވަނީ ހިތުގެ ހިނގުމާ ބެހޭ ގިނަ މައުލޫމާތުތަކެއް އެއްފަހަރާ ޖަމާކުރެވޭ ގޮތަށެވެ. އޭގެ ތެރޭގައި ހިތުގެ ހިނގުމާއި ހިތުގެ ހިނގުން ބަދަލުވަމުންދާ މިންވަރާއި ހިތަށް އޮކްސިޖަން ލިއްބައިދޭ މިންވަރާއި ނިދީގެ ހާލަތު ވެސް ހިމެނެއެވެ.
ހާޓް އަޕް އަންގި ފުރިހަމައަށް މަސައްކަތްކުރަނީ މީގެ އެޕްގެ އެހީގައެވެ. އެޕްގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި، ކުއްލި ނުރައްކަލެއް ދިމާވެއްޖެ ހާލަތެއްގައި ގާތްތިމާގެ މީހުންނާއި ޑޮކްޓަރަށް ރިޕޯޓްކުރެވެން ހުރެއެވެ. އަންގަންޖެހޭ ފަރާތުގެ މައުލޫމާތާއި ގުޅޭނެ ނަމްބަރު އެޕަށް އަޅާފަ އޮތުމުން އެވީއެވެ. އޭރުން ބަލިމީހާ ހުރިތަނަކާއި ހާލަތު ވަގުތުން ވަގުތަށް އަންގައިދީ ފަރުވާ އަވަސްކުރުމަށް މަގުފަހިވާނެއެވެ.
ހާޓް އަޕްއަކީ ކޮންމެ ބާވަތެއްގެ ކަސްރަތެއް ކުރާއިރު ވެސް ބޭނުންކުރަން ރަގަޅު އަންގިއެކެވެ. ގެންގުޅެން ފަސޭހަވުމާއި ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭނެކަން ގާތްގަޑަކަށް ޔަގީނެވެ. އަންގި ގަންނައިރު ބޭނުން އަތަކަށް އަންގި ހޯދިދާނެއެވެ. މީގެ ކަނާތާއި ވައަތު އަންގި ހުރެއެވެ. ބޭނުންނަމަ އެކި ވަރުވަރުން ވެސް ލިބެން ހުރެއެވެ.