ލަންކާ ކަސްޓަމްސްގެ އޮފިސަރުންނަށް ހަމަލާ ދިން ކުވޭތުގެ ދެމަފިރިން ފުރުން މަނާކޮށްފި
ލަންކާ ކަސްޓަމްސްގެ އޮފިސަރުންނަށް ހަމަލާ ދިން ކުވޭތުގެ ދެމަފިރިން ފުރުން މަނާކޮށްފި

ކޮލަމްބޯ (ޖުލައި 30) - ސްރީ ލަންކާ ކަސްޓަމްސްގެ ފަސް އޮފިސަރުންނަށް ހަމަލާ ދިން ކުވޭތުގެ ދެމަފިރިންގެ ޕާސްޕޯޓް ކޯޓު އަމަރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

ކަސްޓަމްސްގެ އޮފިސަރުންނަށް އެ ދެމަފިރިން ހަމަލާ ދިނީ އެ މީހުން ލަންކާ އަށް އެތެރެ ކުރަން އުޅުނު ކުއްތާއެއް ކަސްޓަމްސް އިން ހިފަހައްޓަން އުޅުމުންނެވެ.

ލަންކާގެ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ އެ ދެމަފިރިން ފުރުން މަނާކުރުމަށް އިމިގްރޭޝަނަށް އަންގައިފަ އެވެ. އަދި އެ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ އޮގަސްޓް 10 އަށް ތާވަލްކޮށްފަ އެވެ.

އުމުރުން 32 އަހަރުގެ އަންހެން މީހާ އާއި 29 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކުރީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އެވެ. ފުލުހުން ބުނީ ކުއްތާއާ އެކު އެ ދެމަފިރިން ފިލަން އުޅުމުން ކަސްޓަމްސްގެ އޮފިސަރުން ވަނީ އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި ކަމަށާއި ހަމަލާ ދިނީ އޭގެ ތެރޭން ފަސް އޮފިސަރުންނަށް ކަމަށެވެ.

އެ ދެމަފިރިން ވަނީ 400،000 ރުޕީސް (2،500 ޑޮލަރު) ގެ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އެ ދެމަފިރިންގެ މައްސަލަ ލަންކާ ކަސްޓަމްސް އިން ވެސް ދަނީ ބަލަމުންނެވެ.