04 އޯގަސްޓް 2016 - 06:24

އިނގިރޭސި ވިލާތުގެ ކްލިނިކްތަކުގައި އަންހެނުން ފިރިހެނުންނަށް ބަދަލުކުރާ އޮޕަރޭޝަނަށްފަހު ދެން ކުރާ ކަމަކީ އެމީހުން ދަރިމައިވުމަށް ބޭނުންވާ ފަރުވާތައް ދިނުމެވެ. އުފެދުމުގައި ފިރިހެން ޖިންސުގެ މީހަކަށް ވިޔަސް އޮޕަރޭޝަނާއި އިތުރު ފަރުވާތަކަށް ފަހު އެ މީހަކު ދަރިމައިވެ ވިހައިފާނެ އެވެ.
އިނގިރޭސި ވިލާތުގެ މަތީ ފެންވަރުގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި މިފަދަ ތިން ފިރިހެނަކަށް އައިވީއެފް ފަރުވާ ދީގެން މިހާރު ބަލިވެ އިނދެ ވިހަން ވަނީ ތައްޔާރުވެފަ އެވެ. އަދި ޖިންސު ބަދަލުކުރުމުގެ އޮޕަރޭޝަން ނުވަތަ ހޯމޯން ތެރަޕީގެ ކުރިން ގިނަ ބަޔަކު މިހާރު ދަނީ އެމީހުންގެ ބިސް ފްރީޒްކޮށް ފަހަށް ރައްކާކުރަމުންނެވެ.
ފާޑުކިޔުންތައް ކުރިމަތިވެފައިވާ މި ފަރުވާ ދިނުމުން އިނގިރޭސި ވިލާތުގެ ޓްރާންސްޖެންޑާ ފިރިހެނުންނަށް މިހާރު ދަރިން ހޯދޭނެ އެވެ. މިގޮތަށް ފިރިހެނުން ބަލިވެ އިނދެ ވިހަނީ ވަރަށް މަދު ހާލަތެއްގަ އެވެ. ގިނަ ފަހަރަށް ޖެހެނީ އަންހެނެއްގެ ހަށިގަނޑުގައި ދަރިފަނި އިމްޕްލާންޓް ކުރާށެވެ.
މިގޮތަށް ޖިންސު ބަދަލުކުރަން ބޭނުންވާ މީހުންނަށް އިނގިރޭސި ވިލާތުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން އެ ކަންތައް ކޮށްދޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. ގާތްގަނޑަކަށް 34،000 ޕައުންޑް ޚަރަދުވާ މި އަގުބޮޑު ފަރުވާއިން އަންހެނަކު ފިރިހެނަކަށް ބަދަލުކުރުމުގެ ބަދަލުގައި ލޮލުގެ ފުސްކޮޅު ކަހާލުން ފަދަ އާދައިގެ އޮޕަރޭޝަން ވެސް ނުކުރެވިފައި ތިބި އެތައް ބަޔަކު ތިބިއިރު އެމީހުންނަށް އެހީތެރިވުން މާ ރަނގަޅުވާނާ ކަމަށް ފާޑު ކިޔާ މީހުން ދަނީ ބުނަމުންނެވެ. މި މީހުންނަށް ޚަރަދުކުރަނީ ޓެކްސް ފައިސާ ކަމަށް ވާތީ އެ ފައިސާ އެގޮތަށް ބޭނުންކުރުން ބޭކާރު ކަމަށް ދަނީ ބުނަމުންނެވެ.
ޚާއްސަކޮށް، އަންހެނުންނަކީ ގުދުރަތީ ގޮތުން ދަރިން ލިބުމުގެ ގާބިލްކަމާ އެކު އުފަންވާ ބަޔަކަށް ވާއިރު ގުދުރަތީ ނިޒާމާ ފުށުއަރާ ގޮތަށް އަންހެނުން ފިރިހެނުންނަށް ބަދަލުކޮށްގެން ދަރިން ހޯދިޔަސް އެއީ ހަގީގަތުގައި ފިރިހެނުންނަށް ދަރިން ލިބުނު ކަމަށް ނުބެލެވޭނެ ކަމަށް މިކަމާ ދެކޮޅު މީހުން ބުނެ އެވެ.