ކޯޗުގެ އުއްމީދުތައް ގަތަރު ވޯލްޑް ކަޕަށް
ކޯޗުގެ އުއްމީދުތައް ގަތަރު ވޯލްޑް ކަޕަށް

ކުރިއަށް އޮތް ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައިވާނެ ކަމަށް އުއްމީދުކުރާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

އެކަމަކު ސާފް ސުޒުކީ ކަޕުގެ ތަށްޓަށް އުއްމީދުކުރަންތޯ އެހުމުން ކޯޗު ބުނީ ރާއްޖޭން އެންމެ ފަހުން ތަށި ހޯދީ މީގެ 10 އަހަރު ކުރިން ކަމަށާއި އެހެންވެ މިއީ އެ ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

"އަހަރެން އުއްމީދުކުރަން އަހަރެމެން ދެން ވޯލްޑް ކަޕަކަށް ދާނެ ކަމަށް. އަހަރެމެން ޓީމު ތައްޔާރުކުރާނަން ހަތަރު އަހަރު ފަހުން ދެން އޮންނަ ވޯލްޑް ކަޕަކަށް،" ކޯޗު ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުން އަލީ އަޝްފާގް (ދަގަނޑޭ) ނުހިމެނި ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން ސެގާޓް ވަނީ ދެން އަންނަ ވޯލްޑް ކަޕަކާ ކުރިމަތިލާއިރު ދަގަނޑޭގެ އުމުރުން 37 އަހަރުވެފައި ކަމަށް ބުނެ، އޭނާ ނުހިމެނި އެއް ސަބަބަކީ ވޯލްޑް ކަޕުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ނެތުން ކަމަށް އިޝާރާތްކޮށްފަ އެވެ.

ވޯލްޑް ކަޕުގެ ވާހަކައަކީ ޖޯކެއްތޯ ނޫސްވެރިއަކު އެހުމުން ކޯޗު ދެއްކީ ފަލްސަފީ ވާހަކަތަކެކެވެ. ސެގާޓް ބުނީ ހުވަފެނެއް ނެތިއްޔާ އެ މީހަކު އެ ހުރީ ދިރިއުޅުމުން ގެއްލިފައި ކަމަށާއި ކޮންމެ މީހެއްގެ ވެސް ވިޝަނެއް އޮންނަން ޖެހޭނެ ކަމަށެވެ.

"އެއީ އަހަރެންގެ ހުވަފެނަކީ. ކީއްވެ ނުވާންވީ. އޭޝިއަން ކަޕަށް ދާން ކީއްވެ މަސައްކަތްނުކުރަންވީ. ހުވަފެނެއް ނެތިއްޔާ އެ މީހަކު އެހުރީ ގެއްލިފައި. ފަހަރުގައި ވެދާނެ މިއީ މާބޮޑު ހުވަފެނަކަށް. ފަހަރުގައި މިކަން ނުވެވެސް ދާނެ. އެކަމަކު އުއްމީދު ކަނޑާލައިފިއްޔާ އެހުރީ ގެއްލިފައި،" ސެގާޓް ބުންޏެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ އުއްމީދުތަކުގެ ވާހަކަ ކޯޗު ދެއްކިއިރު ރާއްޖޭން ވަނީ މި އަހަރުގެ އޭޝިއަން ގޭމްސްގައި ބައިވެރިވާން އޮތް ފުރުސަތު ދޫކޮށްލައިފަ އެވެ. އެ މުބާރާތަކީ އޭޝިއާގެ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅެ ތަޖުރިބާ ހޯދަން ޒުވާން ކުޅުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަކީ ލާޒިމްކަމެއް ނޫން ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އެ ނިންމުން ބަދަލުނުވާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގައި ކޯޗުގެ ޓާގެޓަކީ ކޮބައިތޯ އެހުމުން ސެގާޓް ބުނީ އަމާޒަކީ ރަނގަޅު ކުޅުމެއް ކުޅުވައި ޒުވާން ކުޅުންތެރިންނަށް ޕްރެޝަރުގައި ކުޅެލުމުގެ ފުރުސަތު ދިނުން ކަމަށެވެ. ތަށި ހޯދުމުގެ ވިސްނުން ނެތްތޯ ސުވާލުކުރުމުން ސެގާޓް ބުނީ ރާއްޖޭން އެންމެ ފަހުން ތަށި ހޯދީ 10 އަހަރު ކުރިން ކަމަށާއި މިއީ ތަށި ހޯދާ ވާހަކަދައްކަން ރަނގަޅު ވަގުތު ނޫން ކަމަށެވެ.