30 ޖުލައި 2018 - 14:47

ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރިސޯޓުތަކުގެ މުވައްޒަފުން ރީ ރަޖިސްޓްރީކުރަން ހުށަހަޅާ ފޯމުގައި ރިސޯޓްގެ ސްޓޭމްޕް ޖަހަންޖެހޭތީ އެކަން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ޝަކުވާއެއްގެ ގޮތުގައި ހުށަހަޅައިފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު ވިދާޅުވީ ރިސޯޓުތަކުގެ މުވައްޒަފުން ރީ ރަޖިސްޓްރީ ކުރާއިރު، އެ މީހަކު މަސައްކަތްކުރާ ރިސޯޓެއްގެ ސްޓޭމްޕް، ރީރަޖިސްޓްރޭޝަން ފޯމުގައި ޖަހަން ޖެހޭ ކަމަށެވެ. މިކަމުން މުވައްޒަފުންނަށް އުނދަގޫވާނެ ކަމަށާއި އެހެންވެ އެކަން އިސްލާހުކޮށްދިނުމަށް އެދި އިލެކްޝަންސަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނަސް ވިދާޅުވި ގޮތުގައި ރިސޯޓުގެ ސްޓޭމްޕް ޖަހައިގެން، މުވައްޒަފުން ފޯމު ހުށަހަޅަން ޖެހޭއިރު، ސަރުކާރު އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން މި ފަދަ އެއްވެސް ކަމެއް ކުރާކަށް ނުޖެހެ އެވެ. އެހެންވެ، މިއީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ވޯޓުލުމުގައި ދަތިކޮށް، އެ ފުރުސަތު ހަނިކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މިސާލަކަށް ރިސޯޓުގައި އުޅޭ މުވައްޒަފަކު އޮފްޑޭ އަކަށް މާލެ އައިސް ވެސް، ރިސޯޓުގެ ތައްގަނޑު ނެތިގެން ރީރަޖިސްޓްރީ ނުކުރެވިދާނެ. އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިކަން ކުރަންޖެހޭ ސަބަބު ނޭނގުން. މިހާރު އޮތްގޮތުން، މުވައްޒަފު ރީ ރަޖިސްޓްރީ ކުރުމުގެ ބާރު މި ދޫކޮށްލަނީ ރިސޯޓުގެ މެނޭޖްމެންޓުގެ އަތްމައްޗަށް،" އަނަސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފަހަރު އެންމެ ފުރަތަމަ ނިންމީ ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށި 87 ޕަސެންޓް މަދުކޮށް، އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. ނަމަވެސް، އެ ކޮމިޝަނަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާ އެކު، އެ ނިންމުން ބާތިލްކޮށް، ވޯޓުލާން 100 މީހުން ރަޖިސްޓަރީކުރާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ފަހުން ވަނީ ނިންމައިފަ އެވެ.
މިހާރު ނިންމާފައިވާ ގޮތުން، 43 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާނެ އެވެ.
އީސީން ބުނީ ރިސޯޓު ތަކުގައި 100 އަށް ވުރެ މަދު މީހުން ވޯޓުލާން ރަޖިސްޓަރީ ކޮށްފި ނަމަ ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ. އަދި، އެ ފޮއްޓަށް ވޯޓުލާން ކުރި ރަޖިސްޓްރީ ބާތިލްވާނެ އެވެ. އެގޮތަށް ބާތިލްކުރަން ޖެހިއްޖެ ނަމަ އެ ފޮއްޓަކަށް ކުރިން ރަޖިސްޓްރީކުރި މީހުން އެހެން ފޮއްޓަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓަރީ ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދޭނެ އެވެ.