30 ޖުލައި 2018 - 12:45

މި އަހަރުގެ ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެން ބޭނުންވި ކަމަށާއި އެކަމަކު އޭނާ ނުނަގަން ކޯޗު ޕީޓާ ސެގާޓް ނިންމި ނިންމުމަށް އިހުތިރާމްކުރާ ކަމަށް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.
ޓީމު އިއުލާންކުރުމަށް ފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ދަގަނޑޭ ނުނެގި އެއް ސަބަބަކީ އޭނާގެ އުމުރު ކަމަށާއި މިހާރު މިއީ އާ ޖީލަކަށް ފުރުސަތުދޭންވީ ވަގުތު ކަމަށެވެ. އެކަމަކު އޭނާ ވަނީ އެ ނިންމުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް އުޅޭ ކަމަށް ނުސީދާކޮށް އިޝާރާތްކޮށްފަ އެވެ. އެގޮތުން ގައުމީ ޓީމަށް ބޭނުންވަނީ 100 ޕަސެންޓް ކޮމިޓްމަންޓް ދޭ ކުޅުންތެރިން ކަމަށާއި ކުޅުން ހުއްޓާލުމާ މެދު ދެ ފިކުރެއްގައި ތިބޭ ކުޅުންތެރިން ބޭނުންނުވާ ކަމަށް ބުންޏެވެ. އަދި ކްލަބް ލެވެލްގައި މޮޅަށް ކުޅުނަސް ބައެއް ކުޅުންތެރިންނަށް ގައުމީ ޓީމުގައި ލަނޑު ނުޖެހޭ ކަމަށް ބުނެ ސެގާޓް ވަނީ ގައުމީ ޓީމުގައި ދަގަނޑޭގެ ފެންވަރާ މެދު ވެސް ނުސީދާކޮށް ސުވާލު އުފައްދައިފަ އެވެ.
ދަގަނޑޭ މިއަދު ކުރި ޓްވީޓެއްގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ވަރަށް ބޮޑަށް ބޮޑަށް ބޭނުންވި ކަމަށާއި އެކަމަށް މަސައްކަތް ވެސް ކުރި ކަމަށެވެ.
"އެކަމަކު އަހަންނަށް ކުޅެވޭނެ ހަމައެކަނި ގޮތަކީ ކޯޗު އަހަރެން ޓީމަށް ނެގުން. އަދި ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަހަރެން ކޯޗުގެ ނިންމުމަށް އިހުތިރާމްކުރަން،" ދަގަނޑޭ ޓްވީޓްކޮށްފައިވެ އެވެ.
އުމުރަށް ބަލާފައި ދަގަނޑޭ ނުނެގި އިރު އޭނާއާ ދާދި އެއް އުމުރެއްގައި ކުޅުންތެރިންތަކެއް ވެސް ނެގި އެވެ. އެހެންވެ ދަގަނޑޭ ޓީމުގައި ނުހިމެނުމުގެ ފަހަތުގައި އޮތީ ބޫޓާން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކަމަށް ވެސް އެއް ބަޔަކު ލަފާކުރެ އެވެ. އެކަމަކު އެއީ ވަގުތީ އަދަބެއް ކަމަށާއި ފަހުން ފުރުސަތު ލިބޭނެ ކަމަށް ކޯޗު ބުނެފައިވެ އެވެ. އަދި އޭގެ ފަހުން އެފްއޭއެމްގެ ވެރިންގެ ހާޒިރުގައި ކޯޗު ވަނީ ދަގަނޑޭއާ ބައްދަލުވެސްކޮށްފަ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އަލުން ގައުމީ ޓީމަށް ކުޅޭނެ ވާހަކައެއް ދަގަނޑޭ އެ ބައްދަލުވުމުގައި ނުބުނާ ކަމަށެވެ. ނުކުޅޭނެ ކަމަށް ސީދާ ބުނިތޯ އެހުމުން ޖަވާޒް ވިދާޅުވީ "ދަގަނޑޭ ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް މީޑިއާގައި ބުނެފައިވާ ކަމަށާއި" އެ ނިންމުން ބަދަލުކުރި ވާހަކައެއް ނުބުނާ ކަމަށެވެ.