އާ ހޯދުންތަކަށް ވާވޭ އިންވެސްޓްކުރަނީ
އާ ހޯދުންތަކަށް ވާވޭ އިންވެސްޓްކުރަނީ

އިލެކްޓްރޯނިކް ދުނިޔެ 5ޖީ ރޭހުގައި ވާދަކުރަނީ އެވެ. ކޮޅެއްގައި ނުޖެހި ބާކީވާން އެއްވެސް ބަޔަކު ނޭދެ އެވެ. ބޮޑެތި އިންވެސްޓްމަންޓްތަކާ އެކު، ކުރި އަށް ހުރި މަސައްކަތްތަކަށް ބަޖެޓް ކަނޑައަޅަމުން އަންނައިރު، އާ ހޯދުންތަކަށް 15 ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ޚަރަދުކުރަން ޗައިނާގެ ވާވޭ ކުންފުނިން ވަނީ ނިންމާފަ އެވެ.

ވާވޭ ގަބޫލުކުރާ ގޮތުގައި 5ޖީ ރޭހުގައި ޗެމްޕިއަނަކަށް ވެވިދާނެ އެވެ. ވަގުތު ކުޑަތަންވެފައި އޮތް ނަމަވެސް، އާ ހޯދުންތަކަށް ހޭދަނުކޮށް، ކާމިޔާބުކުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ، 20 ބިލައަން ޑޮލަރު ވެސް އިންވެސްޓްކުރެވިދާނެ ކަމަށް ވާވޭ ބުނެ އެވެ.

އާ ހޯދުންތަކަށް ހޭދަކުރުމަކީ ވާވޭ އަށް ލިބޭ އުފަލެކެވެ. އެ ކަމަށްޓަކައި ބޮޑެތި އަދަދުތައް އިންވެސްޓްކުރާނެ ކަމަށް ބުނެ، 2017 ގައި 13.23 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. މިއީ ކުންފުންޏަށް ލިބޭ ޖުމުލަ އާމްދަނީގެ 14.9 ޕަސެންޓެވެ.

އިލެކްޓްރޯނިކް މާކެޓްގައި އާ ހޯދުންތަކަށް އެންމެ ގިނައިން ހޭދަކުރާ ކުންފުނިތަކުގެ ތެރޭގައި ވާވޭ ހިމެނެ އެވެ. އެމެރިކާ އަށް ނިސްބަތްކުރެވޭ ކުންފުނިތަކުގެ ތެރެއިން އާ ހޯދުންތަކަށް އެންމެ ބޮޑު ހޭދައެއްކުރަނީ އެމެޒޯން އަދި އަލްފާބެޓް (ގޫގުލްގެ މައި ކުންފުނި) އެވެ. ފާއިތުވި އަހަރު އެމެޒޯން އިން 22.6 ބިލިއަން ހޭދަކޮށްވައި ވާއިރު، އަލްފާބެޓުން ހޭދަކުރީ 16.6 ބިލިއަން ޑޮލަރެވެ.

އާ ހޯދުންތަކަށް ވާވޭ ދޭ އަހަންމިއްޔަތު ވަރަށް ބޮޑެވެ. ކުންފުނީގައި މަސައްކަތްކުރާ ގާތްގަނޑަކަށް 80،000 މުވައްޒަފުންގެ 45 ޕަސެންޓް، އާ ހޯދުންތަކުގައި ބައިވެރިވެ، މަސައްކަތްތަކުގައި ހިއްސާވެ އެވެ. މިއީ ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި ވާވޭ ގޮފިތައް ހިމަނައި އަންދާޒާކުރެވޭ އަދަދެކެވެ.