ފަގީރު އަވަށަކުން ފެށި ދަތުރުން މިލިއަނަރަކަށް
ފަގީރު އަވަށަކުން ފެށި ދަތުރުން މިލިއަނަރަކަށް

އަމްބާރިޝް މިތުރާ އުމުރުން 15 އަހަރުގައި އިންޑިއާގެ ނިއު ދިއްލީގެ ފަގީރު އަވަށަކަށް ފިލައިިގެން ގޮސް ދިރިއުޅުން ބަދަލުކުރި އެވެ. ޖިފުޓީގައި ދިރިއުޅެމުން ގޮސް އުމުރުން 17 އަހަރުވީ އިރު އޭނާގެ ދަށުން މަސައްކަތްކުރާ 55 މީހުން ތިއްބެވެ. މިހާރު އެއީ މިލިއަނަރެކެވެ. މިއީ އަމްބާރިޝް އޭނާގެ ކާމިޔާބީއާ ބެހޭ ގޮތުން ބީބީސީ އަށް ދިން އިންޓަވިއުއެއްގެ ޚުލާސާއެކެވެ.

ފަގީރު އަވަށަކުން ފެށި ދަތުރުން މިލިއަނަރަކަށް
ފަގީރު އަވަށަކުން ފެށި ދަތުރުން މިލިއަނަރަކަށް

އޭގެ ފަހުން 20 އަހަރު ވެއްޖެ އެވެ. މިހާރު އަމްބާރިޝް އަކީ 1.2 ބިލިއަން ޑޮލަރުގެ މޯބައިލް ފޯން އެޕްލިކޭޝަނެއް ކަމަށްވާ "ބްލިޕާ"ގެ ވެރިޔާ އެވެ. މިއީ ފޯނުގެ ކެމެރާއިން އެއްޗެއް ނުވަތަ ތަނެއް ބަލައިލުމުން އެ ފެންނަނީ ކޮން އެއްޗިއްސެއްކަން ލަފާކޮށް ބުނެދޭ އަދި އެއާ ގުޅޭ އެހެން ބައެއް މައުލޫމާތު ވެސް ކިޔައިދޭ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން 2011 ވަނަ އަހަރު ލޯންޗުކޮށް މިހާރު ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. ވަރަށް ގިނަ އެއްޗެހި ދެނެގަންނަން އެ އެޕްލިކޭޝަނަށް އެނގެ އެވެ. ފޯނަށް ނަގާ މަންޒަރުތަކަށް ރީތި އެނިމޭޝަންތައް ވެސް މި އެޕްލިކޭޝަނުން އިތުރުކޮށްލަ އެވެ.

މި އެޕްލިކޭޝަން 170 ގައުމެއްގައި 65 މިލިއަން މީހުން ބޭނުންކުރާ ކަމަށް ބްލިޕާ އިން ބުނެ އެވެ.

މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ އަމްބާރިޝް ފިލައިގެން ގޮސް ފަގީރު އަވަށެއްގައި އުޅެން ފެށީ ސްކޫލްގައި އޭނާއަށް ކުރިމަތިވަމުން ދިޔަ ނާކާމިޔާބީތަކާ ގުޅިގެންނެވެ. ކްލާސްތަކުން އޭނާ ފާހެއް ނުވެ އެވެ. އިންޖިނިއަރަކަށް ވުމަށް ބައްޕަ ކުރިމަތިކުރަމުން ދިޔަ ޕްރެޝަރަކީ ވެސް އަމްބާރިޝް ހިތްހަމަނުޖެހުނު ކަމެކެވެ. ބައްޕަ ބޭނުންވާ ގޮތާ ޚިލާފަށް އަމްބާރިޝް ބޭނުންވީ ކޮމްޕިއުޓަރުގެ އިލްމެވެ.

އަމްބާރިޝް އޭނާގެ މައިންބަފައިންނާއި ގެދޮރު ދޫކޮށް ދާން ނިންމައި އެ ވާހަކަތައް ސިޓީއެއްގައި ލިޔެ ގޭގައި ބޭއްވުމަށް ފަހު އޭނާގެ ސާމާނުތައް ހިފައިގެން ދިޔައީ އެވެ. ސިޓީގައި ބުނެފައި ވަނީ މުމްބާއީ އަށް ދަނީ ކަމަށެވެ.

"މުމްބާއީ އަށް ދަނީ ކަމަށް ބުނީ އެއީ ފިލްމުތަކުގައި އަބަދުވެސް އެހެން ބުނާ އަޑު އިވޭތީ. އެކަމަކު އެއީ ވަރަށް މޮޔަ ވިސްނުމެއް،" އަމްބާރިޝް، 37، ބުނެފައިވެ އެވެ.

އޭނާ ބުނީ މުމްބާއީ އަށް ދިއުމުގެ ބަދަލުގައި އޭނާ ދިޔައީ ނިއު ދިއްލީގެ ފަގީރު ހިސާބަކަށް ކަމަށެވެ.

"އަހަރެން އުޅުނީ އިންޑިއާގައި އިހު ޒަމާނުގައި ހަދާ ކަހަލަ މަށީގެ ގެއެއްގައި،"

އެ ގޭގައި ފާޚާނާއެއް ނުހުރެ އެވެ. ނިދަން ޖެހެނީ އިތުރު ހަ މީހަކާ އެކު ތަޅުންމަތީގަ އެވެ.

މަގުމަތީގައި ނޫހާއި މަޖައްލާ ފަދަ ތަކެތި ވިއްކުމުގެ ވަޒީފާއަކާއި ރެސްޓޯރަންޓެއްގެ ވަޒީފާއެއް އަމްބާރިޝް ދިޔައީ އަދާކުރަމުންނެވެ. ވިޔަފާރީގެ ވިސްނުން އައީ އޭނާ އަށް ފެނުނު މަޖައްލާއެއްގައި ޖަހާފައިވާ އިސްތިހާރަކުންނެވެ. އޭގައި ބުނެފައި އޮތީ ކާމިޔާބު ވިޔަފާރިއެއް ކުރެވޭނެ ޚިޔާލެއް ދިން މީހަކަށް 10،000 ޑޮލަރު އިނާމަކަށް ދޭނެ ކަމަށެވެ. އަމްބާރިޝް އެ އިނާމު ހާސިލްކުރި އެވެ. އޭނާ ދިން ޚިޔާލަކީ އުމުރުން 16 އަހަރުގައި އޭނާ ދިން ޚިޔާލަކީ ވަކި އުމުރުފުރައެއްގެ އަންހެނުންނަށް ހިލޭ އިންޓަނެޓް ދިނުމެވެ.

އަމިއްލަ އާއިލާ ތެރޭގައި އެކި އަންހެނުންގެ މެދުގައި އޮންނަ ފަރަގަކީ މައްސަލައެއް ކަމަށް އަމިއްލަ އަށް ގަބޫލުކުރެވިފައި އޮތުމުން އައި ޚިޔާލުގައި "ވިމެން އިންފޮލައިން" އުފެއްދި އެވެ. އެ ކުންފުނިން އިސްތިހާރުކޮށްގެން ހޯދާ ފައިސާ ބޭނުންކުރީ އަންހެނުންނަށް ހިލޭ އިންޓަނެޓް ދިނުމަށެވެ. އެ ކުންފުނިން ފައިދާވާ ފަހަރަށް ވުރެ ގިނައީ ނުވާ ފަހަރެވެ. އެހެންވެ 2000 ވަނަ އަހަރު އަމްބާރިޝް ކުންފުނި ދޫކޮށްލި އެވެ.

ކުންފުނި ހުއްޓާލުމަށް ފަހު އަމްބާރިޝް އޭނާގެ އާއިލާއާ އަލުން ގުޅުނެވެ. ކުންފުނިން ލިބުނު ފައިސާކޮޅަކާއި އާއިލާ އިން ދިން އެހީއާ އެކު އިނގިރޭސި ވިލާތަށް ގޮސް އާމްދަނީ ހޯދަން އެކި މަސައްކަތްތައް ފެށި އެވެ. އަދާކުރި އާދައިގެ ވަޒީފާއިން މާބޮޑު ހިތްހަމަޖެހުމެއް ނުލިބެ އެވެ. އަތްމަތި ހުސްވި އެވެ. ކުރަން އުޅުނު އެއްވެސް ވިޔަފާރިއެއް ކާމިޔާބެއް ނުވި އެވެ. މި މާޔޫސްކަމުގައި އުޅުމުގެ ތެރޭގައި އެކުވެރިޔަކާ އެކު ދެކެވުނު ވާހަކައެއްގެ ތެރޭގައި ޖެހި ޖޯކަކުން އުފެދުނީ "ބްލިޕާ" އެވެ. ޕައުންޑުގެ ނޫޓުގައި ޖަހާފައިވާ ރާނީގެ ފޮޓޯ އިން ރާނީ ނިކުމެއްޖެ ނަމަ ހަދާނީ ކިހިނެއްތޯ ކުރި ސުވާލަށް ފަހު އަމްބާރިޝްގެ އެކުވެރިޔާ ހެދީ އަމްބާރިޝް އާއި ރާނީގެ މޫނު ފައްތަރުވެފައި އިންނަ ގޮތަށް ފެންނަ އެޕެއްގެ ނަމޫނާއެކެވެ.

މި ފެނުމުން އަމްބާރިޝް ވަނީ ކޮންމެ އެއްޗެއް ފޯނުން ބެލިޔަސް އެ އެއްޗަކާ ބެހޭ މައުލޫމާތު އެނގޭނެ ގޮތަށް އެޕްލިކޭޝަނެއް ހެދުމަށެވެ. މި ވެގެން ދިޔައީ ކާމިޔާބު ވިޔަފާރި ޚިޔާލަކަށެވެ. އެކުވެރިޔާ ވީ ބްލިޕާގެ ކޯ ފައުންޑާއަށެވެ.

މި އެޕްލިކޭޝަން ލަންޑަނާއި ނިއު ޔޯކާއި ސެން ފްރެންސިސްކޯ އާއި ނިއު ދިއްލީ އަދި ސިންގަޕޫރުގެ ސްކޫލްތަކުގައި ވެސް ބޭނުންކުރެ އެވެ. އިތުރު ހާޑްވެއާއެއް ބޭނުން ނުކޮށް ހަމައެކަނި ފޯނުން ފެންނަ ފޮޓޯ ދެނެގަނެ އޭގެ މައުލޫމާތު ބުނެދިނުން ވެފައި ވަނީ ދަސްކުރާ މީހުންނަށް އެހީއަކަށެވެ.

މި އެޕްލިކޭޝަންގެ އޮފީސްތައް ދުނިޔޭގެ 12 ތަނެއްގައި މިހާރު އެބަހުއްޓެވެ.

މިހާރު 300 އަށް ވުރެ ގިނަ މުވައްޒަފުންނާ އެކު އެކި ގައުމުތަކުން އިންވެސްޓްމަންޓުގެ ބޮޑެތި ފުރުސަތުތައް ދަނީ ހޯދަމުންނެވެ.