އަނބިކަނބަލުންނަށް ވެރިކަން ހޯދައިދޭން މަސައްކަތެއް ނުކުރަން: މުގާބޭ
އަނބިކަނބަލުންނަށް ވެރިކަން ހޯދައިދޭން މަސައްކަތެއް ނުކުރަން: މުގާބޭ

ހަރާރޭ (ޖުލައި 30) - ވެރިކަމުގައި ހުރި ދުވަސްވަރު އަނބިކަނބަލުން ގްރޭސް މުގާބޭ ރައީސް ކަމަށް ގެންނަން މަގު ފަހިވާ ގޮތަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ވިދާޅުވެއްޖެ އެވެ.

"އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން،" މުގާބޭ ވިދާޅުވި އެވެ.

ޒިމްބާބުވޭގެ އިންތިޚާބުގައި މިއަދު ވޯޓުލުމުގެ ކުރިން އިއްޔެ ދެއްވި އިންޓަވިއުއެގައި މުގާބޭ ވިދާޅުވީ އޭނާ ވެރިކަމުން ދުރުކުރީ އަސްކަރީ ބަޣާވާތަކުން ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ ގައުމު އިތުރު ހަމަނުޖެހުމަކަށް ނުގެންދަން ކަމަށް ވިދާޅުވި އެވެ. އެހެންވެ އޭނާ ވެރިކަމުން ދުރުކުރުމުގައި އިސްކޮށް ހުންނެވި މިހާރުގެ ރައީސް އަދި އިންތިޚާބުގައި ވާދަކުރައްވާ އެމާސަން ނަންގަގްވާ އަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ވެރިކަން އަތުލުމުގެ އިތުރުން އަޅުގަނޑު އުފެއްދި ޕާޓީން ވެސް ވަނީ ބޭރުކޮށްލާފައި،" މުގާބޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގައި ތާއިދުކުރާނީ އިދިކޮޅު ޕާޓީ، މޫވްމަންޓް ފޯ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) ގެ ކެންޑިޑޭޓް ނެލްސަން ޗަމިސާ އަށް ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ޒިމްބާބުވޭ ގެންދިޔައީ އޭރުގެ ނައިބް ރައީސް އެމާސަންގެ ބަދަލުގައި ގްރޭސް އަށް ވެރިކަން ދޭން މުގާބޭ މަސައްކަތް ކުރާ ކަމުގެ ތުހުމަތާ އެކު އެވެ. ސިފައިންގެ ބާރުގެ ދަށަށް ގައުމު ގެނެސް މުގާބޭ އަށް އިތުރު ފުރުސަތެއް ނެތްކަން ޔަގީންވުމުން އޭނާ އިސްތިއުފާ ދިނުމުން ވެރިކަމާ ހަވާލުވީ އެމާސަން އެވެ.

ޒިމްބާބުވޭގެ އިންތިޚާބުގައި ފަސް މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިޚާބުގައި 23 ކެންޑިޑޭޓުން ވާދަކުރެ އެވެ.