30 ޖުލައި 2018 - 11:04

އިސްލާމްއާބާދު (ޖުލައި 30) - ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންގެންދާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ކުރިމަތިވި ހިތްޕުޅުގެ އާލާސްކަންފުޅަކާ ގުޅިގެން ރާވަލްޕިންޑީގެ އަޑިއަލާ ޖަލުން އިސްލާމްއާބާދުގެ ޕާކިސްތާން އިންސްޓްޓިއުޓް އޮފް މެޑިކަލް ސައެންސް (ޕިމްސް) އަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފި އެވެ.
ޕަންޖާބް ޕްރޮވިންސްގެ މިނިސްޓަރެއް ކަމަށްވާ ޝައުކަތު ޖާވިދު ވިދާޅުވީ އުމުރުން 68 އަހަރުގެ ނަވާޒް ޝަރީފުގެ މޭގައި ރިއްސަން ފެށުމުން ޑޮކްޓަރުން ޓެސްޓްތައް ހަދައި އިލެކްޓްރޯކާޑިއޯގްރާމް (އީސީޖީ) އެއް ހެދި ކަމަށެވެ. އަދި ހިތްޕުޅުގައި މައްސަލައެއް އުޅޭތީ އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލްގައި އޮންނަވާނީ ކިތައް ދުވަސް ކަމެއް އަދި ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ޕިމްސް ހޮސްޕިޓަލްގެ ތަރުޖަމާން ވަސީމް ޚަވާޖާ ވިދާޅުވީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުގައި ފަރުވާ ދެމުންދާ ނަވާޒްގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށެވެ.
ޕާކިސްތާންގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި މި މަހު 24 ވަނަ ދުވަހު ނަވާޒް ޝަރީފް ބެއްލެވި ޑޮކްޓަރުން ވަނީ އެމަނިކުފާނަށް ސިއްހީ ފަރުވާ ބޭނުންވާ ކަމަށް ބުނެފަ އެވެ.
ނަވާޒް ޝަރީފުގެ ހަކުރު ބަލީގެ މައްސަލަ ހުންނަ އިރު ހިތްޕުޅުގެ އާލާސްކަންފުޅު ވެސް ބޮޑެވެ. އެމަނިކުފާން ވަނީ ބައިޕާސް އޮޕަރޭޝަނެއް 2016 ވަނަ އަހަރު ކޮށްފަ އެވެ.
ކޮރަޕްޝަނުގެ ކުށުގައި ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ޖަލަށްލާން ހުކުމްކުރީ ޖޫން 6 ވަނަ ދުވަހު އެވެ. ޖުލައި 13 ވަނަ ދުވަހު ލަންޑަނުން ޕާކިސްތާނަށް ވަޑައިގަތުމާ އެކު ވަނީ އެއާޕޯޓުން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.