30 ޖުލައި 2018 - 10:44

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް، ފައިސަލް ނަސީމް ކެމްޕޭނަށް އދ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާ އެކު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ކުރައްވާ ދަތުރުގައި، އދ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ. އެންމެ ފުރަތަމަ ވަޑައިގަތީ މަންދު އަށެވެ.
ފައިސަލްގެ ދަތުރުގައި، ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެ އެވެ. އެ ޕާޓީގެ ތާއީދު ބޮޑު، އދ. އަތޮޅަކީ، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ނިސްބަތްވާ އަތޮޅެވެ.
މާމިގިއްޔަށް އުފަން ގާސިމް މިހާރު ދިރިއުޅުއްވަނީ، ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ޖަރުމަންވިލާތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް އުފުލި ދައުވާގައި، ގާސިމަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމުން އެނބުރި ވަޑައެއް ނުގެންނެވި އެވެ.
ރަނިންމޭޓަކަށް ފައިސަލް އިންތިޚާބުވުމާ އެކު، އޭނާ ކެމްޕެއިން ގައި އެންމެ ފުރަތަމަ ވަޑައިގަތީ އިބޫއާ އެކު އައްޑު އާއި ފުވައްމުލަކަށެވެ. ފައިސަލް އދ. އަތޮޅުގައި ކެމްޕޭން ކުރައްވާއިރު، ކޯލިޝަންގެ އިސް ބޭފުޅުންތަކަކާ އެކު އިބޫ ގެންދަވަނީ، ބ. އަތޮޅުގައި ވެސް ކެމްޕޭން ކުރައްވަމުންނެވެ.
ސެޕްޓެމްބަރު، 23، ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ބަލިކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ރައްޔިތުންނަށް ޔަގީންކަން ދެމުންނެވެ. އެކަމަކު، ޕީޕީއެމުން ވެސް ބުނަނީ، ރައީސް ޔާމީންގެ ފަސް އަހަރުގެ ތަރައްގީ ރައްޔިތުން ބަލައިގަނެފައިވާ ކަމަށާއި އިންތިޚާބުން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ކަށަވަރުވާނެ ކަމަށެވެ.