"ބާރަތު" އަށް ކެޓްރީނާ ސޮއިކޮށްފި
"ބާރަތު" އަށް ކެޓްރީނާ ސޮއިކޮށްފި

ކުއްލި ގޮތަކަށް ޕްރިޔަންކާ ޗޯޕްޅާ ދޫކޮށްލި ފިލްމް "ބާރަތު" އަށް ކެޓްރީނާ ކެއިފް ސޮއިކޮށްފި އެވެ.

އެކަން ކަށަވަރުކޮށްދެމުން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނީ މިދިޔަ އަހަރު ރިލީޒް ކުރި "ޓައިގާ ޒިންދާ ހޭ" އަށް ފަހު ސަލްމާން ހާނާއި ކެޓްރީނާގެ ޖޯޑު އަލުން ސްކްރީނަށް ގެނެވޭތީ ވަރަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.

އަލީ ބުނި ގޮތުގައި ކެޓްރީނާއަކީ އެހާމެ ރީތި އަދި އެހާމެ ހުނަރުވެރި ބަތަލާއެކެވެ. އެހެންވެ "ބާރަތު" އިން ވެސް އޭނާ އަށް ދިން ރޯލަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ބުންޏެވެ.

އެ ފިލްމްގެ ލީޑް ބަތަލާގެ ރޯލަށް ކެޓްރީނާ ހަމަޖައްސާފައި މި ވަނީ ޕްރިޔަންކާ ފިލްމް ދޫކޮށްލުމުން، އިތުރު އެހެން ބަތަލާއިންތަކެއް ވެސް "ބާރަތު" ގެ ބަތަލާގެ ރޯލުން ފެނިދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އޭގެ ތެރޭގައި ދީޕިކާ ޕަދްކޯނާއި ކަރީނާ ކަޕޫރާއި އަނުޝްކާ ޝަރްމާ ހިމެނެ އެވެ. މި ނަންތަކާ އެކު ވެސް މީޑިއާތަކުން ބުނި ގޮތުގައި "ބާރަތު" އިން ފެނުމުގެ ފުރުސަތު ބޮޑީ ކެޓްރީނާ އެވެ.

ސަލްމާނާ އެކު ކެޓްރީނާ މީގެ ކުރިން ވެސް ވަނީ ކާމިޔާބު ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި އޭކް ތަ ޓައިގާ (2012) ޔުވްރާޖް (2008)، ޕާޓްނާ (2007) އަދި މޭނޭ ޕިޔާރް ކިޔު ކިޔާ (2005) ފަދަ ފިލްމްތައް ހިމެނެ އެވެ.

އަލީ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމްގެ ބަތަލާއަކީ ވެސް ކެޓްރީނާ އެވެ. އެއީ 2011 ގައި ރިލީޒް ކުރި "މޭރޭ ބްރަދާ ކީ ދުލްހަން" އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބާރަތު" ގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓްނީ، ތައްބޫ، ޖެކީ ޝްރޮފް، ސުނިލް ގްރޯވާ އަދި ނޯރާ ފަތެހީ ވެސް ހިމެނެ އެވެ.

ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމް "އޯޑް ޓް މައި ފާދާ" ގެ ޕްލޮޓަށް ހަދާ ފިލްމެކެވެ.

"ބާރަތު" ގެ ޝޫޓިން ރަސްމީކޮށް ފަށާފައި ވަނީ މި މަހުގެ 21 ގަ އެވެ. މި ފިލްމްގެ މަންޒަރުތައް އިންޑިއާގެ އިތުރުން އަބޫ ދާބީ އާއި މޯލްޓާގައި ވެސް ނަގާނެ އެވެ.

ކެޓްރީނާ "ބާރަތު" އަށް ސޮއި ކުރި އިރު، އޭނާގެ ދެ ފިލްމެއް މި އަހަރު ރިލީޒްވާން އެބަ އޮތެވެ. އެއީ ނޮވެމްބަރު 7 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" އާއި ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އެވެ.