ޓްރާންސްފާގެ މަޝްވަރާތަކަށް ރެއާލުގެ ރައީސް ލަންޑަނަށް
ޓްރާންސްފާގެ މަޝްވަރާތަކަށް ރެއާލުގެ ރައީސް ލަންޑަނަށް

މެޑްރިޑް (ޖުލައި 30) - ކުޅުންތެރިންގެ ޓްރާންސްފާގެ މަޝްވަރާތަކެއް ކުރުމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަންނަ ހަފްތާގައި ލަންޑަނަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޕެރޭޒްގެ މި ދަތުރުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީގެ އޮފިޝަލުންނާ މަޝްވަރާތަކެއް ކުރުމަށް ވަނީ ނިންމައިފަ އެވެ. ޗެލްސީއާ މަޝްވަރާ ކުރަން ނިންމާފައިވަނީ އެ ޓީމުގެ ގޯލްކީޕަރު ތިބައު ކޯޓުއާ އާއި އެޑެން ހަޒާޑްގެ ޓްރާންސްފާއާ ގުޅޭގޮތުންނެވެ. އަދި ޓޮޓެންހަމާ މަޝްވަރާ ކުރާނީ ހެރީ ކޭންއާ ބެހޭގޮތުންނެވެ.

ޗެލްސީން އަންނަނީ ރެއާލަށް ކޯޓުއާ އާއި ހަޒާޑް ވިއްކާލުމަށް ދެކޮޅު ހަދަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގެ އާ ކޯޗު މައުރީޒިއޯ ސާރީ ވަނީ ހަޒާޑަށް އެ ޓީމުގެ ކެޕްޓަން ބޭންޑް ދޭން ނިންމައިފަ އެވެ. އެއީ ހަޒާޑަކީ އޭނާގެ ޕްލޭނުގެ އެންމެ މުހިއްމު ކުޅުންތެރިއާ ކަމަށް ބުނުމަށް ފަހު އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ހަޒާޑް ވަނީ ޗެލްސީ ދޫކޮށް ރެއާލާ ގުޅޭނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި ހަޒާޑް ގޮސްފިނަމަ ކޯޓުއާ ވެސް ޓީމު ބަދަލުކުރާނެ ކަމަށް އޭނާ ވަނީ މީޑިއާގައި ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ހަޒާޑް ވިއްކާލުމަށް ޗެލްސީން ކިޔާ އަގު ބޮޑުވުމުން އޭނާ ގަތުމުގެ މަސައްކަތް މަޑުޖައްސާލުމަށް ފަހު ރެއާލުން މިހާރު ވިސްނަނީ މި ވަގުތު ކޯޓުއާ ގެންނާށެވެ. ޗެލްސީއާ އެކު ކޯޓުއާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރަށް ހަމަވާނެ އެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ތަޖުރިބާކާރު ގޯލްކީޕަރު ރޮބަޓް ގްރީންގެ ސޮއި ހޯދައިފަ އެވެ. ގްރީން އާއި އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލޭރޯ އެ ޓީމުގައި ހުރި ނަމަވެސް ކޯޓުއާ ގޮސްފިނަމަ ޗެލްސީން ދެން ވިސްނާނީ ސްޓޯކް ސިޓީގެ ކީޕަރު ޖެކް ބަޓްލަންޑް ނޫނީ އެވަޓަން އަށް ކުޅޭ އިންގްލެންޑްގެ އެއް ވަނަ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ގެންނާށެވެ.

ރެއާލުގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ދޫކޮށްލުމުން އެތަން ފޫބައްދަން ރެއާލުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމްގެ ހެރީ ކޭން ހިމެނެ އެވެ. އެކަމަކު ދާދި ފަހުން ކޭން ވަނީ ދިގުމުއްދަތުގެ އެއްބަސްވުމެއްގައި ޓޮޓެންހަމާ އެކު ސޮއިކޮށްފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޓޮޓެންހަމުން އަދި ކުޅުންތެރިއެއް ނުގެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޓޮތެންހަމަށް ކުޅުންތެރިން ގެންނަން ކުރިމަތިވެފައި އޮތް ހުރަހަކީ އެ ޓީމުގެ އާ ސްޓޭޑިއަމް އަވަހަށް ނިންމަން ޖެހޭތީ އެ މަސައްކަަތަށް ހިނގާ ހަރަދު ބޮޑުވުމެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުން ބޭނުންވަނީ މި ވަގުތު ޓޮޓެންހަމަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ފައިދާ ނަގައި ކޭން ގެނައުމުގެ މަސައްކަތް ވަރުގަދަ ކުރާށެވެ. އަދި ޓޮޓެންހަމުން އެއްބަސްވާނަމަ އަންނަ އަހަރު ކޭން ގެންނަ ގޮތަށް ޕްރީ އެގްރީމަންޓެއް ހެދުމަށް ވެސް ރެއާލްގެ ވިސްނުން ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަންނަ ހަފްތާގައި ޕެރޭޒް ލަންޑަނަށް ދާން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އިނގިރޭސި ޓްރާންސްފާ މާކެޓް އަންނަ މަހު ނުވަ ވަނަ ދުވަހު ބަންދުވާއިރު، ކުރިއަށް އޮތް ސީޒަނަށް އޭނާ އެންމެ ބޭނުންވާ ވަރަށް ރެއާލް ވަރުގަދަނުވުމެވެ.

ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޒުވާން ތިން ކުޅުންތެރިއެއްގެ ސޮއި ހޯދައިފަ އެވެ. އެ ކުޅުންތެރިންނަކީ ސްޕެއިނުގެ އުއްމީދީ ފުލްބެކް އަލްވާރޯ އޮޑްރިއޮޒޯލާ، ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާ އަދި ޔޫކްރޭންގެ ޒުވާން ގޯލްކީޕަރު އަންޑްރީ ލުނިން އެވެ.