30 ޖުލައި 2018 - 07:31

ފޯނު ވެއްޓި މާ ފަސޭހައިން ހަލާކުވާ މައްސަލަ އަށް ހައްލު ހޯދަން، ފޯނު އުފައްދާ ކުންފުނިތަކުން ކެނޑިނޭޅި މަސައްކަތްކުރެ އެވެ. ވެއްޓެން ފެށުމުން ފިޔަފަޅާ ފޯނު ކަވަރެއް ވެސް ދާދިފަހުން ބާޒާރަށް ނެރުނެވެ. ސެމްސަންގުން ދެކޭ ގޮތުގައި މިއީ އަދި ހައްލެއް ނޫނެވެ.
ފޯނު ގެންގުޅޭ މީހުންނަށްވުރެ ފޯނު މޮޅުކުރަންވީއެވެ. ސެމްސަންގަށް ސްކްރީން ސަޕްލައިކުރާ ކޯނިންގް އިން މި ބޭނުމުގައި އެންމެ ފަހުން އާންމުކުރި ގޮރިއްލާ ގްލާސް 6 އަކީ ހަލާކުނުކުރެވޭހާ ބާރުގަދަ ބިއްލޫރިއެކެވެ. އެވަރުން ވެސް ސެމްސަންގްގެ ހިތެއް ނުފުރުނެވެ. އެކުންފުނިން ވަނީ އަންނަ އަހަރު ނެރޭ ގެލެކްސީ ފޯނުތަކުގައި، ހަލާކުނުވާ އޯލެޑް ސްކްރީނެއް އަޅުވަން ނިންމައިފަ އެވެ. އާ
މިފަހަރުގެ އޯލެޑް ސްކްރީން ފަރުމާކޮށްފައިވަނީ ޕްލާސްޓިކުންނެވެ. މީގެ ކުރިންވެސް ސެމްސަންގުން ވަނީ މި ބަދަލު ގެންނާނެކަމަށް ބުނެފައެވެ. ނަމަވެސް މިކަން ރަސްމީކޮށް މިފަހަރު މި ހާމަކުރީ އަންޑަރައިޓަޒް ލެބޯޓަރީޒް އިން ފާސްކުރުމުންނެވެ. އެމެރިކާ ސާރުކާރާ ގުޅިގެން މަސައްކަތްކުރާ އަންޑަރައިޓް ލެބޯޓްރީޒްއިން އަސްކަރީ ފެންވަރުގައި ޓެސްޓުކުރުމަށް ފަހު ވަނީ މިބާވަތުގެ އޯލެޑް ސްކްރީނަށް އާނބަސްދީފައެވެ.
އާންމުކޮށް އޯލެޑަކީ ބިއްލޫރިން ހަދާ ސްކްރީނެކެވެ. ނަމަވެސް ޕްލާސްޓިކަށް ބަދަލުކުރިއިރު ވަކި ފެންވަރު ދަށްނުވާނެކަމަށްވެއެވެ. ސެމްސަންގުން ނެރުނު ބަޔާނެއްގައި ބުނީ މި ބާވަތުގެ ސްކްރީން އިލެކްޓްރޯނިކް އާލާތްތަކަށް ކަމުދަނީ ހަމައެކަނި ހަލާކުނުވާތީ ނޫން ކަމަށެވެ. ލުއިވެފައި ވަރުގަދަކަމީވެސް މީގެ ސްކްރީންގެ މޮޅު ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި އޯލެޑް ސްކްރީން ޓެސްޓްކުރުމުގެ ތެރޭގައި ގާތްގަޑަކަށް 4 ފޫޓު މަތިން 26 ފަހަރު ވައްޓާލައިގެން ސަލާމަތްވިއެވެ. އަދި 71 ޑިގްރީ ސެލްސިޔަސްގެ ހޫނުގައި ވެސް މިއަށް އެއްވެސް ގޮތެއް ނުވެ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާގެ މިންގަނޑުތަކަށް ފެތޭ ވަރުގެ ޓެސްޓުތަކަށްފަހު ސެމްސަންގުން ވެސް ވަނީ އަމިއްލައަށް ވެސް ދެފަހަރު މަތިން ޓެސްޓުކޮށްފައެވެ. ގާތްގަޑަކަށް ހަ ފޫޓު މަތިން ވައްޓާލައިގެންނާއި މަރުތޭލަކުން ސްކްރީންމަތީ ޖަހައިގެންނެވެ. ދެފަހަރުވެސް ދެއްކީ ސްކްރީންގެ މޮޅުކަމެވެ.
މި ސްކްރީން ފޯނުތަކުން އެންމެ އަވަހަށްވެސް ފެންނާނީ އަންނަ އަހަރު އެވެ. މީގެ ކުރިންވެސް ސެމްސަންގުން ވަނީ އަންނަ އަހަރުގެ ގެލެކްސީ ފޯނުތަކުގައި ލެނބޭ ޒާތުގެ ސްކްރީނެއް ހުރެދާނެ ކަމުގެ އިޝާރާތެއްދީފައެވެ. ބެލެވޭ ގޮތުގައި މިއީ އެފަދަ ސްކްރީނަކަށް ފުދޭނެ ބާވަތެކެވެ. މިއަހަރުގެ އޮގަސްޓްމަހުގެ 9 ގައި ނެރޭ ގެލެކްސީ ނޯޓް 9 ގައި މީގެ ސްކްރީން ބޭނުންކުރާކަށް ވަގުތެއް ނެތެވެ. ބެލެވޭ ގޮތުގައި ނޯޓް 9 ގައި ހުންނާނީ އެސް9 އާއި އެސް9 ޕްލަސްގައި ވެސް ހުރި ސިފަތަކެވެ.
އަލަށް ފައްކާކުރި ސްކްރީން އަޅުވާނީ ހަމައެކަނި ފޯނުތަކުގައެއް ނޫނެވެ. ޓެބްލެޓާއި ޕޯޓަބްލް ގޭމްސް ކޮންސޯލާއި މި ނޫނަސް އެހެނިހެން އިލެކްޓްރޯނިކް އާލާތްތަކުގައި ބޭނުންކުރުން އެކަށީގެންވެއެވެ.