ކެންސަރު ޖެހުނު މައެއްގެ ބައޮގްރަފީ ދަރިފުޅަށް ހާއްސަ
ކެންސަރު ޖެހުނު މައެއްގެ ބައޮގްރަފީ ދަރިފުޅަށް ހާއްސަ

ރަޗެލް ބްލޭންޑަކީ 15 އަހަރު ވަންދެން ބީބީސީގައި ޕްރެޒެންޓަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އޭނާ އަށް ހަޔާތުގެ ބައިވެރިޔަކު ވެސް ލިބުނީ ބީބީސީގެ ތެރެއިންނެވެ.

އެތަނުގެ ކުރީގެ ނޫސްވެރިޔާ ސްޓީވް ބްލޭންޑާ ކައިވެނިކޮށް، ދެ މީހުންގެ މިހާރު ދެ އަހަރުގެ ފިރިހެން ދަރިއަކު ވެސް އެބަ ހުއްޓެވެ. އެއީ ފްރެޑް އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް މި ކުޑަކުޑަ އާއިލާ އުޅެމުން އައީ ވަރަށް ވެސް އުފަލުންނެވެ. އެކަމު ރަޗެލްގެ ހަޔާތަށް ބަނަ ވިލާގަނޑެއް ވެރިވީ އޭނާ ކެންސަރުގެ ޝިކާރައަކަށްވެފައިވާ ޚަބަރާ އެކުގަ އެވެ.

އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިރު، އެ ބަލީގެ ހުރިހަ ވާހަކައެެއް ދަރިފުޅަށް ކިޔައިދިނުމަށްޓަކައި ރަޗެކް އަންނަނީ ބައޮގްރަފީއެއް ލިޔަމުންނެވެ. އެއަށް ދީފައިވާ ނަމަކީ "ފޮ ފްރެޑް" އެވެ.

މީގެ އިތުރުން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިރު ރަޗެލް އަންނަނީ "ބިގް ސީ. ލިޓްލް މީ" ގެ ނަމުގައި ބްލޮގެއްގައި ވެސް އޭނާގެ ތަޖުރިބާތައް ހިއްސާ ކުރަމުންނެވެ. ހަމަމިއާ އެކު ބީބީސީއާ ގުޅިގެން "ޔޫ، މީ އެންޑް ދަ ބިގް ސީ" ގެ ނަމުގައި އަންނަނީ ޕޮޑްކާސްޓް ކުރަމުންނެވެ.

ދަ ޓައިމްސް އަށް ރަޗެލް ބުނި ގޮތުގައި އެންމެ ދެ އަހަރުގެ ފްރެޑަށް ތަހުސީސް ކުރާ ގޮތަށް އޭނާ ބައޮގްރަފީ ލިޔަނީ ދަރިފުޅު ބޮޑުވެގެން އޭގެ ފައިދާ ކުރާނެ ކަމުގެ އުންމީދުގަ އެވެ.

"ދަރިފުޅަށް އަދި އެންމެ ދެ އަހަރު. މި ކަހަލަ އެއްވެސް ކަމެއް އެނގޭ ވަރުގެ އުމުރެއް ނޫން އަދި އެއީ،" އޭނާ ބުންޏެވެ. "އެކަމަކު އަހަރެން ބޭނުން ވަނީ ހިތްދަތި ކަމެއް ކުރިމަތިވުމަކީ މުޅި ހަޔާތަށް ނިމުމެއް އަންނަ ކަމެއް ނޫންކަން އަހަރެންގެ މި ވޭން ހުރި ތަޖުރިބާތަކާ އެކު ދަރިފުޅަށް ކަންކަން އެނގޭ ދުވަހަކުން ދަސްކޮށް ދޭން."

ރަޗެލް ބުނި ގޮތުގައި ދާއިމީ އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށްވި ނަމަވެސް އޭނާ އަދިވެސް ބަލަނީ ހަމަ ކުރީގެ ދިރިއުޅުމުގެ ތެރޭގައި އުޅެވޭތޯ އެވެ.

"ބޭނުމެއް ނޫން މާޔޫސްވެގެން އަބަދު ކަރުނަ އަޅާކަށް. އަހަރެން ބޭބުން ވަނީ ހަޔާތުގެ ކޮންމެ ދުވަހެއް ވެސް އުފާވެރިކޮށް އުޅެން. ހީލާ މަޖާކޮށްލާ ހަދަން،" އޭނާ ބުންޏެވެ. "ހިނިތުންވުމަކީ ވެސް ފަރުވާއެއް. މި ކަހަލަ ވަރަށް ގިނަ ވާހަކަތަކެއް އަހަރެންގެ ބަޔޮގްރަފީގައި ހުންނާނެ."

ޓްވިޓާގައި ރަޗެލް ވަނީ އޭނާގެ ބައޮގްރަފީ "ފޮ ފްރެޑް" ޕަބްލިޝްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އޮތް ވާހަކަ ވެސް ހިއްސާކޮށްފަ އެވެ. އޭނާ ހުރީ ފޮތް ޗާޕްވެގެން ދަރިފުޅުގެ އަތަށް ވެސް އޭގެ ކޮޕީއެއް އަރާނެ ކަމުގެ ފޮނި އުންމީދުގަ އެވެ.