"ރޭސް 3" ކުޅުނީ ހަމައެކަނި ފައިސާގެ ބޭނުމުގައި: އަނިލް
"ރޭސް 3" ކުޅުނީ ހަމައެކަނި ފައިސާގެ ބޭނުމުގައި: އަނިލް

ކްރިޓިކުންނާއި ބެލުންތެރިންގެ ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި ފިލްމް "ރޭސް 3" ކުޅުނީ ހަމައެކަނި ފައިސާގެ ބޭނުމުގައި ކަމަށް އެކްޓަރު އަނިލް ކަޕޫރް ބުނެފި އެވެ.

ޑެކަން ކްރޮނިކަލް އަށް ދިން އިންޓަވިއުއެއްގައި، އެ ފިލްމަށް ސޮއިކުރީ ކީއްވެތޯ އެހުމުން ސަމާސާ މޫޑެއްގައި އަނިލް ބުނީ "އެކްޓަރަކަށްވާތީ އަބަދުވެސް ފިލްމް ކުޅެނީ ލިބޭ އެއްޗަކަށް ބަލައިފައި" ކަމަށެވެ.

"ހަމަ އެގޮތަށް ފައިސާގެ ބޭނުމުގައި ރޭސް ތިނެއް ވެސް ކުޅުނީ. މިއީ އަހަރެން ކާންބޯން ކުރާ މަސައްކަތަކީ. އެހެންވީމާ ފިލްމަކުން ލިބޭ އާމްދަނީއަކީ ވަރަށް މުހިއްމު އެއްޗަކަށް ވާނެ،" މިހާރު ފިލްމު ކުޅޭ ތިން ދަރިން ތިބި އެކްޓަރު ބުންޏެވެ.

"ސްލަމްޑޮގް މިލިއަނާ" ފަދަ ހޮލީވުޑްގެ ބައެއް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކޮށްފައިވާ އަނިލް، 61، ބުނި ގޮތުގައި ކުރާ މަސައްކަތުން ގެ ހިންގައިލެވޭ ވަރުގެ އާމްދަނީއެއް ނުލިބޭ ނަމަ އަންހެނުން ސުނީތާ ކަޕޫރް އޭނާ ގެެއަކަށް ވެސް ނުވައްދާނެ އެވެ.

އެހެންވެ ފައިސާއަކީ އަބަދުވެސް މުހިއްމު އެއްޗެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރި "ރޭސް 3" އަށް ބޮޑެތި ފަޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، އެ ފިިލްމަކީ މި އަހަރު އެންމެ ރަނގަޅު ވިޔަފާރިއެއް ކުރި އެއް ފިލްމެވެ. މިދިޔަ ފިތުރު އީދު ދުވަހު ރިލީޒް ކުރި ފިލްމަށް 303.57 ކްރޯޑްގެ އާމްދަނީއެއް ލިބުނެވެ.

"ރޭސް" ފްރެންޗައިޒްގެ ފުރަތަމަ ދެ ބައި އައްބާސް-މަސްތާން ޑައިރެކްޓް ކުރި އިރު، އެ ދެ ފިލްމްގައި ވެސް އަނިލް ވަނީ ވަރަށް "ކޫލް" ފުލުހެއްގެ ރޯލް ކުޅެފަ އެވެ. އަދި އެ ދެ ފިލްމަކީ ބެލުންތެރިން ވަރަށް ގަޔާވި ދެ ސަސްޕެންސް ތުރިލާ އެވެ.

ބަތަލާ ސޯނަމް ކަޕޫރް، އެކްޓަރު ހާޝްވަރްދަން ކަޕޫރް އަދި ޕްރޮޑިއުސަރު/ސްޓައިލިސްޓް ރިއާ ކަޕޫރްގެ ބައްޕަ އަނިލްގެ ފިލްމެއް އަންނަ މަހު ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ އޮގަސްޓް 3 ގައި ރިލީޒް ކުރާ "ފަނޭ ހާން" އެވެ.

އަދި ޑިސެމްބަރު 7 ގައި ރިލީޒް ކުރާ "ޓޯޓަލް ދަމާލް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.

އަނިލް އާއި ސޯނަމް އެކުގައި ކުޅެފައިވާ ފިލްމް "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ކުރިން އަންނަ އޮކްޓޯބަރު 12 ގައި ރިލީޒް ކުރަން އޮތް ނަމަވެސް އެ ފިލްމް މިހާރު ވަނީ ފެބްރުއަރީ، 1، 2019 އަށް ފަސްކޮށްފަ އެވެ.