30 ޖުލައި 2018 - 07:33

"ބާހްބަލީ" ފަދަ މޮޅެތި ފިލްމްތައް ހަދައިގެން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމްގެ އެއް ބަތަލާގެ ރޯލް ޖާންވީ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމްގެ ލީޑް ދެ އެކްޓަރުންނަކީ ސައުތު ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީ ރާމަ ރާއޯ ޖޫނިއާ އެވެ.
ޗަރަން ވަނީ ކުރިން ޕްރިޔަންޗާ ޗޯޕްޅާއާ އެކު 2013 ގެ "ޒަންޖީރު" ގައި މަސައްކަތްކޮށްފަ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ބާހްބަލީ" ގެ ދެވަނަ ބައި "ބާހްބަލީ: ދަ ކޮންކްލޫޝަން" އަށް ފަހު، ރާޖަމޯލީ ގެނެސްދޭ ފިލްމްގެ ޕްލޮޓް އަދި ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅޭ އިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިއީ ކުޅިވަރުގެ ހާދިސާއެއް ކިޔައި ދޭނެ ފިލްމެވެ. އަދި ފިލްމްގެ ބޮޑު ބައި ޝޫޓް ކުރާނީ އެމެރިކާގައި ކަމަށްވެ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ ފިލްމުން ދެ ބަތަލާއިން ފެނިގެންދާ އިރު، ޖާންވީ އަށް ފިލްމްގެ ރޯލެއް ހުށަހެޅި ކަމަށް މީޑިއާތަކުން ހަބަރު ފެތުރި ނަމަވެސް މިކަމާ ބެހޭ ގޮތުން ރާޖަމޯލީ އާއި ޖާންވީ ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މި މަހުގެ 20 ގައި ރިލީޒް ކުރި "ދަޅަކް" އިން ޖާންވީ ބޮލީވުޑަށް ފައިތިލަ އެޅި އިރު، "ބާހްބަލީ" ގައި ރާމިޔާ ކްރިޝަނަން ކުޅުނު ސިވާގަމީގެ ރޯލް ޖާންވީގެ މަންމަ އަދި މަރުވެފައިވާ ބަތަލާ ސްރީދޭވީ އަށް ހުށަހެޅި އެވެ. އެކަމަކު އަގުގެ މައްސަލާގައި އެއްބަސްވުމަކަށް ނާދެވިގެން އެ ފިލްމް ސްރީދޭވީ ވަނީ ނުކުޅެ ދޫކޮށްލައިފަ އެވެ.
"ދަޅަކް" އަށް ފަހު، ޖާންވީ އަދި އިތުރި ފިލްމަކަށް ރަސްމީކޮށް ސޮއެއް ނުކުރެ އެވެ. އެކަމަކު ދާދި ފަހުން އޭނާ ބުނި ގޮތުގައި ދެން އެހާ އަވަސް މުސްތަގުބަލެއްގެ ތެރޭގައި އިތުރު ރިމެކިންއަކަށް ސޮއެއް ނުކުރާނެ އެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓް ކުރި "ދަޅަކް" އަކީ 2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" ގެ އެޑަޕްޓޭޝަނެކެވެ.
ރާޖަމޯލީގެ އާ ފިލްމަށް އެތައް ބަޔަކު ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ އިރު، މި ފިލްމް ރިލީޒް ކުރާނީ އަންނަ އަހަރު ކަމަށް ބެލެވެ އެވެ.
ރަސްކަމެއްގެ ތެރޭގައި ހިނގާ ކަންތައްގަނޑެއް ދައްކުވައިދޭ "ބާހްބަލީ: ދަ ކޮންކްލޫޝަން" އަކީ ބޮކްސް އޮފީހުގައި 1،796.59 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމް ހަދަން ހަރަދު ކުރީ 250 ކްރޯޑެވެ.
ދެހާސް ފަނަރައިގައި ރިލީޒް ކުރި "ބާހްބަލީ: ދަ ބިގިނިން" 180 ކްރޯޑް ހަރަދު ކުރި އިރު، ފިލްމަށް 650 ކްރޯޑްގެ އާމްދަނީއެއް ލިބުނެވެ.