30 ޖުލައި 2018 - 00:16

ރައީސް އަބްދުﷲ ޔާމީން ލޯބިފުޅުވާ ނައިބު ރައީސަކަށް ވެވަޑައިގަންނަވާނެ ކަމަށް، އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓު ގައި ނުކުންނަވާ ރައީސް ޔާމީންގެ ރަނިމްނޭޓު ކަމުގެ ޓިކެޓާ ރަސްމީކޮށް މިރޭ ހަވާލުވެވަޑައިގަތުމަށް ފަހު، ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖެ އިން އިސްލާމް ދީން ބެހިގެން ދަނިކޮށް ކަމަށެވެ.

އެކަމަކު، ރައީސް ޔާމިން ވަނީ ވެރިކަމަށް ވަޑައިގެން ރާއްޖެ އާއި އިސްލާމީ އުންމަތާ ގާތް ކުރައްވައި، ރަހްމަތްތެރިކަމުގެ ގުޅުން ވަރުގަދަ ކުރައްވާފައި ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޝަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގައި ވެސް ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ޝަހީމް މިރޭ ވަނީ ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.
"އަޅުގަނޑު ވެގެންދަނީ ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ވަފާތެރި ނައިބު ރައީސަކަށް. އަޅުގަނޑުގެ ޓީމެއް ނޯންނާނެ. އަޅުގަނޑު ހުށަހަޅާ ވަޒީރުންތަކެއް ވެސް ނުތިބޭނެ. އަޅުގަނޑަކީ މަނިކުފާނު ޓީމުގެ އެއް މެމްބަރު. އެގޮތުގައި އަޅުގަނޑު ދެމި ހުންނާނަން،" ރައީސް ޔާމީނަށް އަބަދުވެސް ވަފާތެރިވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް ހެޔޮ ލަފައެއް ދެއްވަން ޖެހިއްޖެ ނަމަ، އެ ލަފާ ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މެއަށް ވަޒަނެއް އަރާނީ އޭނާގެ މޭ ފޫ އަޅުވާލާފައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، މިއީ ގައުމީ އެއްބައިވަންތަކަމުގެ ވަރުގަދަ ދަތުރެއް ކުރުމަށް "ދަންމާނު" ބާރުކޮށްލި ހިނދުކޮޅެކެވެ. ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި، ޝަހީމް ވިދާޅުވީ "ނައުގެ ކައްޕިތާން" އަކީ ވަރަށް ހިތްވަރު ގަދަ ކައްޕިތާނެއް ކަމަށާއި ދަތުރު ކުރައްވަނީ ރަނގަޅު މިސްރާބަކަށް ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ޕީޕީއެމަށް ސޮއި ކުރެއްވީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި ކުރިއެރުމާއި އިސްލާމް ދީން ކުރިއެރުވުމަށް އެ ޕާޓީން ކުރާ މަސައްކަތް ދެމެހެއްޓުމަށް ރައީސް ޔާމީނާ އެކު މަސައްކަތް ކުރުމަކީ އޭނާގެ މައްޗަށް ލާޒިމް ކަމަކަށް ވާތީ ކަމަށެވެ. އަދި ރައީސް ޔާމީން ޕީޕީއެމްގައި ދެމިހުންނެވިހާ ހިނދަކު، އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ވުމަކީ އަޅުގަނޑު ކުރި އުންމީދެއް ނޫން. އެއީ އަޅުގަނޑު ދަހިވެތިވި ކަމެއް ނޫން،" ރައީސް ޔާމިން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝަހީމް ވިދާޅުވި އެވެ.
އިސްލާމް ދީނާ އަދާވަތްތެރިން ރާއްޖޭގެ ކަންކަމާ ބެހި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީނާ ކުޅެލުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި އެ ދީނުގެ އަދާވާތްތެރި ބާރުތަކަށް އެހީތެރިވެ، ދިވެހި ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެ، ސަރުކާރު ބަލިކަށި ކުރުމަކީ ގައުމަށް ވެވޭނެ ބޮޑު ހިޔާނާތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި ދިވެހިން ބައިވެރިވެގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝަހީމް ވިދާޅުވީ މިއަދު ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތައް ބަލާއިރު، ވެރިކަން ކުރެވޭނީ ވަރުގަދަ ވެރިއަކަށް ކަމަށާއި އެފަދަ ވެރިއަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރާއްޖޭގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިންމައި ތަރައްގީ ފުރިހަމަ ކުރުމަށް ރައީސް ޔާމީނަށް އަދި އެއް ދައުރު ދިނުމަށް ވެސް ޝަހީމް އެދިވަޑައިގަތެވެ..