ސާފަށް ސްކޮޑް އިއުލާންކޮށްފި، ދަގަނޑޭ ނުހިމެނޭ
ސާފަށް ސްކޮޑް އިއުލާންކޮށްފި، ދަގަނޑޭ ނުހިމެނޭ

އެންމެ ފަހުން އެކުލަވާލި ގައުމީ ސްކޮޑުން ވަކި ހިސާބުން ވަކިކުރި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުހިމަނައި ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށް އޮތް ސާފް ސުޒުކީ ކަޕަށް 30 ކުޅުންތެރިންގެ ސްކޮޑެއް މިއަދު އިއުލާންކޮށްފި އެވެ.

މި ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭއިރު ނިސްބަތުން ގިނައީ ޒުވާން ކުޅުންތެރިންނެވެ. ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންނަކީ ގޯލްކީޕަރު މުހައްމަދު ފައިސަލާއި އަކްރަމް އަބްދުލްގަނީ އާއި މުހައްމަދު އުމެއިރާއި އަލީ ފާސިރު (ސެންޓޭ) އާއި އަސަދުﷲ އަބްދުﷲ އަދި މުހައްމަދު އާރިފް (ބަކާ) އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކެޕްޓަން ދަގަނޑޭ ޓީމުން ވަކިކޮށްފައިވީ ނަމަވެސް ބެލެވިފައި އޮތީ މި ފަހަރު އޭނާ އަށް ފުރުސަތު ދޭނެ ކަމަށެވެ. ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ކެޕްޓަން ބޭންޑް އަތުލި މައްސަލައިގައި ހިތްހަމަނުޖެހިގެން އެ ފަހަރު ޓީމުން ރިޓަޔާކޮށްފައިވާތީ މި ފަހަރު ނުހިމެނެ އެވެ.

ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންނަކީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ނިއު ރޭޑިއަންޓުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި ގްރީންސްޓްރީޓްސްގެ އަބްދުﷲ ޔާމީނާއި އީގަލްސްގެ ގޯލްކީޕަރު މިފްދާދް އަހުމަދާއި މާޒިޔާގެ ހުސެއިން ޝަރީފް އަދި ޓީސީގެ އައްޒާމް އަބްދުﷲ އެވެ.

އަސަދުﷲ ޓީމުގައި މި ހިމެނުނީ މެދުކެނޑުމަކަށް ފަހު އެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ނުވަ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފައި އޭނާ އެނބުރި ކުޅެން ފެށީ މިދިޔަ އެސްޓީއޯ މާލޭ ލީގުގެ ފަހު ބުރުގަ އެވެ. އެކަމަކު އޭނާ އަދި އެންމެ ރަނގަޅު ފޯމަކަށް ނޭޅެ އެވެ. ދުވަސްތަކަށް ފަހު ފުރުސަތު ލިބުނު އަނެއް ދެ ކުޅުންތެރިންނަކީ މާޒިޔާގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މޫސާ ޔާމީން (ޔާންބެ) އާއި ގްރީންސްޓްރީޓްސްގެ ސަމްދޫހު މުހައްމަދެވެ.

އާއްމުކޮށް ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބައެއް ކުޅުންތެރިންނަށް މި ފަހަރު ފުރުސަތެއް ނުލިބެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކްލަބް އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މީގެ އިތުރުން ނިއުގެ ރިލްވާން ވަހީދު (ރިލޭ) އާއި އިމްރާން ނަޝީދު (އިންމަ) އަދި ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އަކީ ފުރުސަތު ނުލިބުނު ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނެވެ. ޒުވާން ކުޅުންތެރިންނަށް ބަލާއިރު ނިއުގެ އިބްރާހިމް އަތީގާއި އީގަލްސްގެ ޔުމައިލް ޖަމީލަކީ ވެސް ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނު ކުޅުންތެރިންނެވެ.

ބަންގްލަދޭޝްގެ ޑާކާގައި ސެޕްޓެމްބަރު 4 އިން 15 އަށް ބާއްވާ ސާފް ސުޒުކީ ކަޕުގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ސްރީ ލަންކާއާ އެއް ގްރޫޕެއްގަ އެވެ.

ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަކްރަމް އަބްދުލްގަނީ، މުހައްމަދު އުމެއިރު، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، ރިހާމް އަބްދުލްގަނީ (ބޮބީ).

މާޒިޔާ: މުހައްމަދު މުޖުތާޒް (މުޖޭ)، ހުސެއިން ޝަރީފް، އަލީ ސަމޫހު (ސަމުއްޓެ)، މުހައްމަދު އިރުފާން، އަސަދުﷲ އަބްދުﷲ، ހަސަން ނާއިޒް (ދާދު)، އަހުމަދު އިމާޒް (އާއްކޮ)، މޫސާ ޔާމީން (ޔާމްބެ).

އީގަލްސް: ހުސެއިން ސިފާއު ޔޫސުފް، މުހައްމަދު ނާއިމް، އަހުމަދު ނޫމާން، މުހައްމަދު އާރިފް (ބަކާ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، މިފްދާދު އަހުމަދު.

ޓީސީ: އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު)، އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ)، މުހައްމަދު އައްޒާމް، މުހައްމަދު ސާމިރު، އައްޒާމް އަބްދުﷲ.

ވިކްޓަރީ: ހުސެއިން ނިހާން، ޔުނައިޓެޑް ވިކްޓަރީ: ހުސެއިން ތޮލާލް، ގްރީންސްޓްރީޓްސް: މުހައްމަދު ސާއިފް، އަބްދުﷲ ޔާމީން، މުހައްމަދު ސަމްދޫހު.