ފަތިސްހަނދުވަރު
ފަތިސްހަނދުވަރު

ބުދަ ދުވަހާ ގުޅޭ

"އަހަރެން ބޭނުން އުފާވާ ކަހަލަ ހަނދާނެއް ރައްކާކުރަން." ޚިޔާލަކަށް ގެއްލިގެން އިން ޒޫނާ ބުންޏެވެ.

ޒޫނާގެ ޚިޔާލު ސަކީނާއަކަށް އެއްގޮތަކަށް ވެސް ކަމަކުނުދިޔައެވެ. ލޮލަށް ފެނުނު ކަންތަކާއި، އިވުނު އަޑުތައް އެންމެ ގާތުން ތަޖުރިބާކުރި އެކަކީ ސަކީނާއެވެ. އެ ހުރިހައިކަމަކުން ސަލާމަތްވެވުމުން ދެން އަނެއްކާ އެ ކަން ތަކުރާރުވާކަށް ސަކީނާގެ ހިތަކަށް ކުޅަދާނައެއް ނުވާނެއެވެ.

"ދަރިފުޅާ ޒޫނާ!" ސަކީނާ އޯގާތެރިކަމާ އެކުގައި ބުންޏެވެ. "މަންމައަށް ފެންނަނީ.."

ގާދިރުގެ ބޮލުގެ އިޝާރާތުން ސަކީނާގެ ވާހަކަ ހުއްޓުވިއެވެ. ޑޮކްޓަރު ވަނީ ޒޫނާ އުފާވާނެ ހުރިހައި ކަމެއް ކޮށްދިނުމަށް އެދިފައެވެ. އެއީ ފަރުވާގެ ބަޔެއްކަމާއި މުހިންމު މަރުޙަލާއެއްކަން ގާދިރު ހަނދާންހުއްޓެވެ.

"އެންމެރަނގަޅު!" ގާދިރު އެއްބަސްވިއެވެ. "ހަމަ ކަނބުލޮ ތި ބޭނުންވާ ގޮތަށް ތި ކަން ހަމަޖެހޭނެ. ގާދިރުބެ ހުރިއްޔާ ކުޑަކޮށް ވެސް ނުޖެހޭނެ ހާސްވާކަށް. ސަކީނާ ތި ބުނަނީތާ މިތާނގަ ވެސް އެ ޖިންނި ނެތްކަމެއް ނޭނގެޔޭ. ހުރިއްޔާ އަޑުއަހާ. ޒޫނާ ކައިވެނިކުރާނީ ވިލިނގިލީގެ ގޮނޑުދޮށުގަ. އިރާދަކުރެއްވިއްޔާ އެއީ ހަނދުވަރު ރީތި ރެޔަކަށް ވާނެ. ނަމަނަމަ އަހަރުމެންނަށް ގޯނާކުރަން ނަހަދާތި! އަހަރުމެން ދާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން."

މަލާމާތުގެ ރާގަކަށް އިފުރީތު ހީނގަތެވެ. އެންމެންނަށް އެ އަޑު އިވުނެވެ. ދުރުދުރުން ކޮންމެވެސް މީހަކު ހީނގަތް އަޑުހެންނެވެ. އެއީ އިފުރީތެއްގެ އަޑު އެ ފަހަރު އިވުނު ގޮތްކަމެއް އެކަކަށް ވެސް ނޭނގެއެވެ.

"ދެނެއް ބައްޕައެއް ނުހުއްޓުވޭނެ!" ހަމްރާއު ކަންބޮޑުވެފައި ބުންޏެވެ.

ރަށުގެ ފުޓުބޯޅަ ދަނޑުގެ ކުޑަ ތަންކޮޅެއްގައި ބަންދުވެފައިވާ މަޒްލާން ހުރީ އުމުރުން ފަސް އަހަރުގެ އިންސާނެއްގެ ސިފައިގައެވެ. ގައިގެ ހަންގަނޑު ކުރަކިވެފައި ކަޅެވެ. ހުއްޓައިނުލައި ގައިގެ އެތައްމިތަން ކަހަމުންގެންދިޔައެވެ. ރުޅިއައިމަ މަޒްލާނަށް ބައެއްފަހަރު އެހެން ވެއެވެ.

"އަހަރެން ސަލާމަތުން ހުރި ނަމަ ލާހިކެއްނޫން .." މަޒްލާން ބުންޏެވެ. "ހަމްރާއުއަށް ކެރޭނެތަ ބައްޕަ ހުއްޓުވަން؟"

އުޑަފައިން އިށީނދެގެން އިން ހަމްރާއު ފުންމައިގެން ތެދުވިއެވެ. އޭނަ ވެސް އިނީ އިންސާނެއްގެ ސިފައިގައެވެ. އެކަމަކު އިސްކޮޅުން ވަރަށް ދިގެވެ.

"މަޒްލާންގެ ބައްޕަ ފުމެލިޔަސް އަހަރެން ވިއްސައިގެންދާނެ،" ހަމްރާއު ބުންޏެވެ. "މަޒްލާން ބުނެފިއްޔާ އަހަރެން ބަލާނަން ތި ކަން ވޭތޯ! އެކަމަކު ދެން އަލުން މަޒްލާނާ ބައްދަލުނުވެދާނެ. އެހެންވިޔަސް ހެޔޮތަ؟"

މަޒްލާން ވިސްނައިލިއެވެ. އާނއެކޭ ބުނާކަށް ނުކެރުނެވެ.

"ބައްޕަ އެ އުޅެނީ މޮޔަވެގެންނޭ. އަހަރެން އަހާއިރަށް ބުނާނެ މިއުޅެނީ ޖެނީއަށް އެވެނިކަމެއް ކޮށްދޭށޭ. ޖެނީގެ މަންމަލައްވާ އެވެނިކަމެއް ކުރުވާށޭ،" މަޒްލާން ހިތާހިތުން ބުނެލިއެވެ. "އަހަންނަށް ހަމަ ޝައްކު. މިހާރު އެއީ އެންމެ ފުރަތަމަ އަހަރެން ބައްޕަ ކިއި ބައްޕައެއް ނޫން. އެންމެ ރަނގަޅު. ކެރޭނެތަ އަހަރެން ބުނާ އެއްޗެއް ގޮސް ބައްޕަ ގާތުގަ ބުނަން. އެނގޭ ގަބޫލުނުކުރާނެކަން ވެސް. އެކަމަކު ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލަންޖެހޭނެއްނު!"

ހަމްރާއު ވިސްނައިލިއެވެ. މަޒްލާން ކުރަން ބުނަނީ ބިރުވެރިކަމެކެވެ. އެހެންނަމަވެސް، މަޒްލާން ހުރީ ވަރަށް އެކަނިވެފައެވެ. އޭނައަށް ކަމެއް ކޮށްދޭން ހުރި ހަމަ އެކަނި މީހަކީ ހަމްރާއުއެވެ. ބައްޕަގެ ސަބަބުން މަޒްލާން ކަންބޮޑުވެފައިވާ ފަދައިން ޖެނީ ވެސް ހުރީ ވަރަށް ނުތަނަވަސްވެފައެވެ. މައްސަލައަކީ ވަކި ކޮޅަކަށް ޖެހެން ޖެނީއަށް ނުކުޅެދުމެވެ. އެއްކޮޅުގައި މަންމައެވެ. އަނެއްކޮޅުގައި ބައްޕައެވެ. އެކަކަށް ހޯދައިދޭ އުފަލަކީ އަނެކަކަށް ލިބޭ ހިތާމައަކަށްވާކަށް ޖެނީ ނޭދެއެވެ.

"މަންމަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާ ބައްޕާ!" ވިސްނައިދޭން ބުނާ ރާގުގައި ޖެނީ އެދުނެވެ. "ފެށުނީއްސުރެ ވެސް މަންމަ އިންނަން ބޭނުންވި މީހާޔާ އެ އިންނަނީ. މަންމަ އުފާވާކަމެއް ކުރަން ދޫކޮށްލީމަ ނިމުނީނު."

ބައްޕަގެ ޖަވާބަކަށް ޖެނީ އިންތިޒާރުކުރިއެވެ. އެ ޖަވާބުދޭން އިރުކޮޅެއް ނެގިއެވެ.

"ތިއޭ މައްސަލައަކީ ދަރިފުޅާ!" ކަންބޮޑުވެފައި ބައްޕަ ބުންޏެވެ. "އޭނަޔާ އިނދެގެން މަންމައަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ. ލިބޭނީ ހިތްދަތިކަމާ، އެކަނިވެރިކަމާ،ފޫހިކަން. މަންމަ އެ އުޅެނީ ހުވަފެނީ ދުނިޔެއެއްގަ. އެ ޖިނާގެ ކުރީގެ އަންހެނުން ވަރިވީ ކީއްވެގެންކަން ދަރިފުޅަކަށް ނޭނގޭނެ. ރަނގަޅަށް ވިއްޔާ މަންމައަކަށް ވެސް ނޭނގޭނެ. އެކަމަކު ބައްޕައަށް އެނގޭ. އެ ޖިނާއަކީ އަނބިމީހާއަށް އަޅާލާ މީހެއް ނޫން. ގެއަށް ވަދެލާ، ދަރިންގެ ހާލުބަލައިލަން ވަގުތެއް ވާ މީހެއް ނޫން. އަންހެނުންނަށް ވީގޮތެއް، ހުރި ތަނެއް ބަލައިނުލާ ޒޫނާއާ އިންނަން އުޅުން އެއީ ވެސް އަންހެނުން ދެކެ އޭނަ ލޯބިނުވާކަމުގެ ކިހާ ސާފު ހެއްކެއް؟ އެކަމަކު ވެސް މަންމައަށް ވަރިހަމަ. އިންސާނުން ކީއްވެގެންތަ ބޭރުފުށުން ފެންނަ ސިފަ ދެކެ އެހާ ލޯބިވަނީ؟"

"އެކަމަކު ބައްޕަ ކީއްވެގެން މަންމަޔާ ދޭތެރޭ ތިހާ ވަރަށް ތި ވިސްނަނީ؟" ޖެނީ ސުވާލު އުފެއްދިއެވެ. "ބައްޕަ ބުނީމެއްނު މަންމަދެކެ މިހާރު ވަރަށް ފޫހިވެޔޭ. ރުޅިއާދެޔޭ. ދެން ހުރީ މަޒްލާން. ފެށުނީއްސުރެ ވެސް މަޒްލާން އެންމެ ފޫހިވާ މީހަކީ މަންމަ. އަހަރެން އެކަނިކަންނޭނގެ މިހާރު މަންމަދެކެ ލޯބިވަނީ."

"ތިވާހަކަޔޭ މި ބުނަނީ! ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ،" ޖެނީގެ ބޮލުގައި ފިރުމައިލައިފައި ބައްޕަ ބުންޏެވެ. "މީހަކު ދެކެ ލޯބިވަންޏާ އެ މީހާ ލޯބިވާ އެންމެންނަށް ވެސް ޖެހޭނެ ހިތްހެޔޮކުރަން. ދަޢުވަތު ނުދިނަސް އެ ތަނަށް ބައްޕަ ދާނަން. އެ މީހުން ރަނގަޅަށް ތައްޔާރުވެގެން ދަންޏާ، އެއަށް ވުރެ ރަނގަޅަށް ބައްޕަ ހުންނާނީ ތައްޔާރުވެގެން."

ވިލިނގިއްޔަށް ދާ ފެރީ ނެރުން ނުކުތެވެ. މަންޒިލާ ދިމާއަށް މިސްރާބުޖެހިއެވެ. މެންދުރުފަހުގެ ވަގުތެވެ. ޖިނާ އިނީ ޒޫނާޔާ ޖެހިގެންނެވެ. އެ ދޯނީގައި ސަކީނާއާއި އަޒީޒާ ވެސް ތިއްބެވެ. ގާދިރު އިނީ އިދުރީހާ ޖެހިގެންނެވެ. ތަންކޮޅެއް ކުރިން ވިލިނގިއްޔަށް އެ މީހުން ދަނީ ތަން ތައްޔާރުކުރުމަށް ޓަކައެވެ. ދޯންޏާ އެއްވަރަށް ކަނޑުއަޑިން ވެސް އެއްޗެއް ދަތުރުކޮށްފައި ދިޔައެވެ. ފެންހަރުފައެއް ފަދައިން ބަނޑިބަނޑިލައްވަމުންނެވެ. ދޯނީގައި ދައްކާ ހުރިހައި ވާހަކައެއް އަޑުއަހަމުން، ދުރާލައި ރާވަމުންނެވެ. އެ އިފުރީތުގެ ޢަޒުމު ވަރުގަދައެވެ. ހިތާހިތުން ބުނާ ކަހަލައެވެ. ޒޫނާގެ ލޯބި ހޯދާނަމެވެ. އެ ކަމުގައި މުޅިން އާ ހަރުފަތަކަށް އަރަން ވެސް އޭނަ ހުރީ ތައްޔާރުވެގެންނެވެ.

"އެ ޖިންނި އައިސް އަހަރެން ކާލައިފިއްޔާޔޯ؟" ޒޫނާގެ ކަންފަތްދޮށުގައި މަޑުމަޑުން ޖިނާ ބުންޏެވެ.

ވައިއަޑުން ޖިނާ ބުނާ އެއްޗެހި ކިހާ ދުރަށް ދަތުރުކުރާކަމެއް ޖިނާއަކަށް ނޭނގެއެވެ. އިންސާނެއްގެ ލޯބި ހާސިލުކުރުމަށް ޓަކައި ޖިންނިއަކު ކިހާ ނުރައްކާތެރި ނިންމުމެއް ނިންމައިފާނެކަމެއް ވެސް ޖިނާ ނުދެނަހުއްޓެވެ. ޒޫނާ ލޮލުގެ އިޝާރާތުން އިދުރީސް ދައްކައިލިއެވެ.

"އެހެރީ ބޮޑީގާޑު،" ޒޫނާ ބުންޏެވެ. "އެހެންނޫނަސް އޭނަ އަވަލެވިޔަސް ލަވާނީ މަށާ. އަހަންނަށް ހީވަނީ މިހާރު ފޯރިގަނޑު ކެނޑުނީހެން. މީން ޒަމާނަކު ވެސް އަހަންނަށް އުނދަގުލެއް ނުކުރޭވިއްޔަ! އޭނަ ވަރުބަލިވެގެން ހުއްޓައިލީ ކަންނޭނގެ."

"ހާދަ ހަމަޖެހިލާފަ ތިހެން ތި ބުނެލީ؟" ޖިނާ ސުވާލުކުރިއެވެ. "ޒޫނާ ބިރެއްނުގަނޭ؟"

"އައްޗި!" ޒޫނާ ބުނެލިއެވެ. "އޭނަދެކެ ކާކު ބިރުގަންނާނީ؟ ތެދަށް ބުނަންތަ؟ އަހަންނަކަށް ނޭނގެ ތީ އޭނަ ނޫންކަމެއް ވެސް. އެކަމަކު މަ އެބައުޅެންތަ ބިރުން؟"

ޖިނާ ކުއްލިއަކަށް ހަމަހިމޭންވިއެވެ. ޒޫނާ ހީނގަތެވެ.

"އެއީ ސަމާސަޔަކަށް ބުނި އެއްޗެކޭ! ސާބަހޭ!" ޒޫނާ މަޖާވެލައިފައި ބުންޏެވެ. "އަހަރެން މާ ބިރުގަނޭ ޖިނާގެ ދަރިންނަށް ނާންގާ މި ކައިވެނިކުރާތީ. އެ ކުދިންނަށް އެނގޭ ވަގުތު ކިހާ ބޮޑު.."

"ތި ކަން ދޫކޮށްލާ އަހަންނަށް،" ޖިނާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ޒޫނާ ވިސްނާ ކަށްޑެވީގެ ކަންތަކާ."

ސުވިޗު ޖައްސައިލުމާއެކު އަތިރިމަތި އުޖާލާވެގެންދިޔައެވެ. ހަނދުވަރުގެ އައްޔާއި ބޮކިތަކުގެ އަލި އެކުވެގެން މުޅި ހިސާބުގަނޑު ހުޅުދާންވެ، ބަބުޅަން ފެށިއެވެ. ކައިވެނީގެ ރަސްމިއްޔާތަށް ޓަކައި ބަހައްޓައިފައިހުރި މޭޒުގެ ވަށައިގެން ގޮނޑިތައް އަތުރައިފައި ހުއްޓެވެ. ތަނުގައި އަތުރައިފައިވާ މާވަށިތަކާއި، ގަސްމުށިތަކުން ދޮންވެލިގަނޑުގެ ހުދުކަން ފަޅުފިލުވައިދީފައިވެއެވެ. މޫސުން ރީތި ރެޔެކެވެ. އުޑުގައި ތަރި ގިނަވެފައި، ވިލާ މަދެވެ. ކަނޑުގެ ބާނި ކުދިވެފައި، ޖައްވުގައި ރޯޅި ވެސް މަޑެވެ. މޭޒުގެ އެއްފަރާތު އަރިމަތީގައި ހުރި މުޖުމަރާގައި އަނދަމުންދިޔަ އަގަރުލަކުޑީގެ ސަބަބުން މާޙައުލަށް ފެތުރިފައިވަނީ އާދަޔާޚިލާފު މީރުވަހެކެވެ. އެ ވަހުގެ މަސްތުގައިޖެހިފައިވަނީ އިންސާނުން އެކަންޏެއް ނޫނެވެ. ޖިންނީންގެ އެންމެ ބާރުގަދަ މާރިދުންގެ ތެރެއިން އެކަކު ވެސް ހިމެނެއެވެ. ރަސްމިއްޔާތަށް ޓަކައި އޭނަ ހުރީ އޭނަގެ ސިފައާއި ފަރުދާގެ އެހީތެރިކަން ދޫކޮށް އިންސާނެއްގެ ސިފައަށް ބަދަލުވެގެންނެވެ. ހަނދުވަރުގެ އައްޔާއި، ބޮކިތަކުގެ އައްޔަށް ނިވާވެގެންނެވެ. އޭނަ އޮތީ، ކައިވެނީގެ މޭޒާ ދިމާ މަތިން ފެތުރިފައިވާ ބޮޑު ކާނިގަހުގެ އެންމެ ފަތް ބޯ ހިސާބުގައެވެ. މޭޒާ ދިމާއަށް ގުދުވެގެން، ކަނޑައެޅިފައިވާ ވަގުތުގެ އިންތިޒާރުގައެވެ. ހުޠުބާކިޔަމުންދިޔަ ވަގުތެވެ. ދުރުގައި ތިބި ބައެއް މީހުން ފޯނުން ފޮޓޯނެގިއެވެ. އިދުރީސް ހުރީ ވަރަށް ހަމަޖެހިފައެވެ. ގާދިރު ހުންނަނީ ދެކޮޅު ހޯދައިލަހޯދައިލައެވެ. އަޒީޒާއާއި ސަކީނާގެ ކަޅި ހުއްޓިފައިވަނީ ޖިނާއާއި ޒޫނާއަށެވެ. ޖިނާއަށް ވުރެ ހަމަޖެހިފައި އިން މީހަކު ނެތެވެ. ގަދަކަމުން ނަމަވެސް ހިނިތުންވެވޭތޯ ޒޫނާ މަސައްކަތްކުރިއެވެ. އެކަމަކު ޒޫނާއަށް އެނގެއެވެ. ކޮންމެ ވަގުތެއްގައި ކޮންމެފަދަ ކަމެއް ވެސް ހިނގައިފާނެއެވެ. ވީ ވެސް އެހެންނެވެ. މަންޒަރު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. ކުއްލިއަކަށް ވަރުގަދަ ގުގުރިއެއްޖެހި އަޑު އިވުނެވެ. ތަނުގައި ތިބި އެންމެން ދިޔައީ ސިއްސައިގެންނެވެ. އިވުނީ ކޮން އަޑެއްކަން ނޭނގިފައި ތިއްބައި ވައި ގަދަވިއެވެ. ސިއްރުސިއްރުން ދަތުރުކޮށްފައި އައި ވިއްސާރަ ވިލާގަނޑު އޭރު އޮތީ ބޯމަތިވެފައެވެ. އެކަކުގެ ލޮލަކު ވެސް ކުރިން އެ ވިލާގަނޑު އަޅައެއްނުގަނެއެވެ. ދެން ހަދާނެގޮތެއް ވެސް ނޭނގިފައި އެންމެން ތިއްބައި ވާރޭވެހިގަތެވެ. އެއީ ބޮޑުތިކީގެ ވަރުގަދަ ހަމަލައެކެވެ. އެ ކަން ވެސް ހިނގީ ކުއްލިއަކަށެވެ. އެންމެން ތެދުވެގެން ކޮޅުކޮޅުމައްޗަށް ދުއްވައިގަތެވެ. ކުޑަމިނުން ވިއްސާރަކުޑައެއްހާ ހިސާބު ވެސް ގެނެވިފައެއް ނެތެވެ. ކުރިން ރޭވިފައި ނެތުމުގެ ސަބަބުން އެކި މީހުންނަށް ދުއްވައިގަނެވުނީ އެކި ދިމާއަށެވެ. ޖިނާ ދުއްވައިގަތީ ޒޫނާ ދިޔަ ދިމާއަށެވެ. ޖިނާއަށް ފެނުނީ ޒޫނާ ނޫންކަމާއި، އެއީ ލޯމައްޗަށް ދެއްކުނު ދަޅައެއްކަމެއް ޖިނާއަކަށް ނޭނގެއެވެ. އިފުރީތުގެ ބޭނުމަކީ އެހެން ހުރިހާ މީހުންނާއި ޖިނާ ވަކިކޮށްލުމެވެ.

ނުނިމޭ