29 ޖުލައި 2018 - 13:23

ނޮން ޕެން (ޖުލައި 29) - ކެމްބޯޑިއާގައި އާއްމު އިންތިޚާބު މިއަދު ބާއްވާ އިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ ވަނީ އުވާލައިފަ އެވެ. ޕާލަމެންޓުގައި ތިބި އެ ޕާޓީގެ މެންބަރުންގެ ގޮނޑިތައް ވަނީ ގެއްލުވާލައިފަ އެވެ.

ކެމްބޯޑިއާގައި އިންތިޚާބު ބޭއްވި ނަމަވެސް 1985 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވާ ބޮޑު ވަޒީރު ހުން ސެން އަށް ބިރެއް ނެތެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނަނީ އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދި އިދިކޮޅު ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ އުވާލާފައި އިންތިޚާބު ބޭއްވުމަކީ ބޮޑު ލަދުވެތި ކަމެއް ކަމަށެވެ. އެ ޕާޓީގެ ލީޑަރު އޮތީ ޖަލުގަ އެވެ. އެކަމަކު ކެމްބޯޑިއާގެ ވެރިކަން ކުރާ ޕީޕަލްސް ޕާޓީން ބުނެފައި ވަނީ 19 ޕާޓީއަކުން އިންތިޚާބުގައި ވާދަކުރާ ކަމަށެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން މިހާރު ވެސް ވަނީ ކެމްބޯޑިއާގައި ބާއްވާ އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ.
ކެމްބޯޑިއާގެ އިދިކޮޅު ޕާޓީ ސުޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހު އުވާލުމުން ޕާލަމެންޓުގެ 123 މެންބަރުންގެ ތެރޭގައި ހިމެނޭ އެ ޕާޓީގެ 55 މެންބަރުންގެ ގޮނޑި ވަނީ ގެއްލިފަ އެވެ.
ވޯޓުގެ ކުރިން ކެމްބޯޑިއާ ސަރުކާރުން ހުކުރު ދުވަހު ވަނީ ވަކި ފަރާތަކަށް ނުޖެހި ޚަބަރު ގެނެސްދޭ ހުރިހާ ވެބްސައިޓްތަކެއް ބަންދު ކުރަން އިންޓަނެޓުގެ ޚިދުމަތްދޭ ފަރާތްތަކަށް އަންގައިފަ އެވެ. އިނގިރޭސި ބަހުން ނެރޭ ނިއުސް ވެބްސައިޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ވެރިކަން ދެމެހެއްޓުމުގައި ކޯޓުތަކާއި ސަލާމަތީ ބާރުތަކުގެ ބޭނުން ހުން ސެން ކުރައްވާ ކަމަށް ވަރަށް ބޮޑަށް ތުހުމަތުކޮށްފައިވެ އެވެ.
ކެމްޕޭނުގެ އެންމެ ފަހު ބައްދަލުވުމުގައި ހުން ސެން ހުކުރު ދުވަހު ވިދާޅުވީ ވެރިކަން ވައްޓާލަން މަސައްކަތް ކުރާ ޣައްދާރުން މައިތިރިކޮށްފައިވާ ކަމަށެވެ.
"ގޮށްމުށުގެ ބާރުން ނަމަވެސް އެ މީހުން މައިތިރި ނުކުރި ނަމަ ކެމްބޯޑިއާ މިއަދު އޮނާނީ ހަނގުރާމައިގެ ހާލަތުގައި،" ހުން ސެން ވިދާޅުވި އެވެ.
އެމެރިކާ އާއި އީޔޫ އިން ބުނެފައި ވަނީ ކެމްބޯޑިއާގެ އިންތިޚާބަށް އެއްވެސް އެހީތެރިކަމެއް ނުދޭނެ ކަމަށެވެ. ނަމަވެސް ޗައިނާ އިން ދާދި ފަހުން ވަނީ އަސްކަރީ އެހީގެ ގޮތުގައި ކެމްބޯޑިއާ އަށް 130 މިލިއަން ޑޮލަރު ދީފަ އެވެ. އަދި އިންތިޚާބަށް ޗައިނާގެ އޮބްޒާވަރުން ފޮނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.