02 އޯގަސްޓް 2016 - 11:25

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބު ބާއްވަން 21 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު އިންތިހާބު ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިއްޔެ އެކުލަވާލައިފި އެވެ.
އެމްބީއޭގެ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސް އަދި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިޔައީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެންނެވެ. އެކަމަކު ފަހުން ހޯމް މިނިސްޓްރީން ވަނީ، އިތުރު ތިން މަސް ދުވަހަށް ދައުރު އިތުރުކޮށްދީފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ވެސް އިންތިހާބު ބޭއްވުމަކީ ފަސޭހަކަމަކަށް ނުވާނެތީ، އެސޯސިއޭޝަނުން އިންތިހާބު ބާއްވައި ދިނުމަށް އޮލިމްޕިކް ކޮމިޓީގައި އެންމެ ފަހުން އެދުނީ އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އެކަމުގައި، ފީބާ އޭޝިއާ އަދި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ލަފާ އަށް އެދުނު ކަމަށާއި ނަމަވެސް އެ ފަރާތުން އެންގީ އިންތިހާބެއް ބޭއްވުމުގެ މަސައްކަތްކުރުމަށް ކަމަށެވެ. އަދި އެކަން ކާމިޔާބުނުވެއްޖެ ނަމަ، އެ ފަރާތުގެ އެހީ އަށް އެދުމަށް ފީބާ އޭޝިއާ އާއި އޯސީއޭ އިން ވަނީ އޮލިމްޕިކް ކޮމިޓީއަށް އަންގައިފަ އެވެ.
މަރުޒޫގު ވިދާޅުވީ އެމްބީއޭގެ އެކްސްކޯ މެމްބަރުންނާއި ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާ އެކު އިއްޔެ ހަވީރު ބައްދަލުވުމެއް ބާއްވައި، އިންތިހާބު ބޭއްވުމަށް 21 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމުގެ ހުރިހާ މެންޑޭޓެއް ކޮމިޓީއަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ކޮމިޓީގައި ތިއްބަވާނީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު އަބްދުﷲ ރަޝީދެވެ.