29 ޖުލައި 2018 - 10:36

ޖަކާޓާ (ޖުލައި 29) - އިންޑޮނީޝިއާގައި ޓޫރިސްޓުން ޒިޔާރަތް ކުރާ މަޝްހޫރު ރަށެއް ކަމަށްވާ ލޮމްބޮކަށް ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ.
ރިކްޓާ މިންގަނޑުން 6.4 ގެ ބާރު މިނުގައި އައި މި ބިންހެލުމުގައި އިމާރާތްތައް ވެއްޓި ވަނީ 10 މީހުން މަރުވެފަ އެވެ. ބާލީގެ އިރުން 40 ކިލޯ މީޓަރު (25 މޭލު) ދުރުގައި އޮންނަ ލޮމްބޮކަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.
ބިންހެލުމުގައި ވަރަށް ގިނަ އިމާރާތްތައް ވެއްޓި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުމުގެ އަސްލުހުރީ ލޮމްބޮކުގެ އުތުރުން އޮންނަ މަޓަރާމް ސިޓީގެ އިރު ދެކުނުން 50 ކިލޯ މީޓަރު (31 މޭލު) ދުރުގައި ކަމަށެވެ.
ބިންހެލުމަށް ފަހު ވެސް ވަނީ 60 އަށް ވުރެ ގިނަ ބާރުގަދަ ލޮޅުންތައް އަރައިފަ އެވެ. ބައެއް ލޮޅުންތައް ވަނީ ރިކްޓާ މިންގަނޑުން 5.7 އަށް ވެސް ރެކޯޑް ކުރެވިފަ އެވެ.
"ގާތްގަނޑަކަށް 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ ވަރަށް ގިނަ އިމާރާތްތައް ވަނީ ހަލާކުވެފައި. މަރުވާ މީހުންގެ އަދަދު ވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ،" އިންޑޮނީޝިއާގެ ޑިޒާސްޓާ އެޖެންސީގެ ތަރުޖަމާން ސުޓުޕޯ ޕުރްވޯ ނުގްރޮހޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ މީހުން ސަލާމަތް ކުރަން ކަމަށެވެ. އަދި ޒަޚަމްވެފައިވާ މީހުންނަށް ކްލިނިކްތަކުގައި މިހާރު ވެސް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިންހެލުމުގެ ބާރު ވަރަށް ގަދަ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
"ބިންހެލުމުގެ ބާރު ވަރަށް ގަދަ. ގޭގައި ތިބި އެންމެން ވެސް ވަރަށް ބިރު ގަތް. ކުއްލިއަކަށް އެންމެން ބޭރަށް ނުކުތީ. އަވަށްޓެރި އެންމެން ވެސް ބޭރަށް ނުކުތީ. ކުއްލިއަކަށް ކަރަންޓް ހިނގައްޖެ،" މަންޒަރު ދުށް މީހަކު އޭއެފްޕީ އަށް ބުންޏެވެ.
އިންޑޮނީޝިއާ އޮންނަނީ އެންމެ ގިނައިން ބިންހެލުން އަންނަ ޕެސިފިކް ރިންގް އޮފް ފަޔާގަ އެވެ.
އިންޑޮނީޝިއާގެ ސުމަތުރާ އަށް 2016 ވަނަ އަހަރު 6.5 ގެ ބާރު މިނުގައި އައި ބިންހެލުމެއްގައި ވަނީ އެތައް ބަޔަކު މަރުވެ 40،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ.
ސުމަތުރާ އަށް 2004 ވަނަ އަހަރު 9.3 ގެ ބާރު މިނުގައި އައި ބިންހެލުމުގައި ވަނީ އެ ގައުމުން 168،000 މީހުން މަރުވެފަ އެވެ. އަދި އިންޑިއާ ކަނޑުގެ ގައުމުތަކާ އެކު ވަނީ 220،000 މީހުން މަރުވެފަ އެވެ.