29 ޖުލައި 2018 - 08:42

މެޑްރިޑް (ޖުލައި 29) – ޗެލްސީގެ އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ވާހަކަތައް ހުއްޓިއްޖެ ކަމަށާއި މިހާރު ފުރުސަތު ބޮޑީ އޭނާ ޗެލްސީގައި މަޑުކޮށް ކޮންޓްރެކްޓް އާކުރުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިނާއި އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި މެޑްރިޑުން ވަނީ ޗެލްސީން ކިޔާ 224 މިލިއަން ޔޫރޯގެ އަގު ދޭން ދެކޮޅު ހަދައިފަ އެވެ. ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އޮތް ކުޅުންތެރިއަކަށް އެވަރުގެ އަގެއް ދޭން އެ ޓީމުން ބޭނުމެއް ނުވެ އެވެ. އެހެންވެ މެޑްރިޑުގެ ޑިރެކްޓަރުން މިހާރު ނިންމާފައިވަނީ އެ ޓީމުގެ ސްޕެއިން ޕްލޭމޭކާރު އިސްކޯ ޕްލޭނުގައި ހިމަނައިގެން ކުރިއަށްދާން ކަމަށްވެ އެވެ. އިސްކޯ އަކީ މެޑްރިޑުގެ މިހާރުގެ ކޯޗު ހުލެން ލޮޕެޓީގް ސްޕެއިނަށް ކޯޗުކޮށްދިން އިރު ވެސް އޭނާގެ ޕްލޭނުގައި މުހިއްމު ކުޅުންތެރިއެކެވެ.
ކުރިން ބެލެވިފައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލާފައިވާތީ ސަޕޯޓަރުން ރުއްސަން މެޑްރިޑުން ބޮޑު ހަރަދެއްކޮށްގެން މަޝްހޫރު ކުޅުންތެރިއަކު ގެންނާނެ ކަމަށެވެ. އެ ޓީމާ ނޭމާއާ ގުޅުވައިގެން ވާހަކަތަކެއް ދެކެވުނު ނަމަވެސް އެކަމުގައި ވެސް ހަގީގަތެއް ނެތް ކަމަށްވެ އެވެ.
އަނެއްކޮޅުން ޗެލްސީގައި ހަޒާޑް މަޑުކުރުވުމަށްޓަކައި އޭނާ އަށް ޓީމުގެ ކެޕްޓަންކަން ދޭން އާ ކޯޗު މައުރީޒިއޯ ސާރީ ހުށަހަޅާފައިވާ ކަމަށްވެ އެވެ. އެހެންވެއްޖެ ނަމަ އުމުރުން 27 އަހަރުގެ ކުޅުންތެރިއާ އާ ކޮންޓްރެކްޓުގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.
ސާރީ ހަވާލުވެ ޗެލްސީ ވަރުގަދަކުރަން ކުރާ މަސައްކަތުގައި އަންނަނީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ ނުވަތަ މަޓިއާ ކަލްޑާރާ އަދި ފޯވާޑް ގޮންޒާލޯ ހިގައިން ގަތުމަށް މަސައްކަތްކުރަމުންނެވެ. އެކަމަކު ޔުވެންޓަސް އިން އޭސީ މިލާނުގެ ލިއޮނާޑޯ ބޮނޫޗީ ހޯދުމަށްޓަކައި މިލާނަށް ކަލްޑާރާ އާއި ހިގައިން ދޭން ޖެހޭތީ ޗެލްސީއަށް އެ ދެ ކުޅުންތެރިން ލިބުމުގެ ފުރުސަތު ކުޑަ އެވެ. އަދި ކަލްޑާރާ ދޫކޮށްލާ ހާލަތެއްގައި ދެން ހުރި ޒުވާން ޑިފެންޑަރު ރުގާނީ ވިއްކާލަފާނެ ކަމަށް ނުބެލެވެ އެވެ.
ޗެލްސީން އަންނަނީ ޝަކްތަރު ޑޮނެސްޓްކްގެ ބްރެޒިލް ވިންގާ ބާނާޑް ގެންނަން ވެސް މަސައްކަތްކުރަމުންނެވެ. ކޮންޓްރެކްޓް ހަމަވެފައި ހުރި މި ކުޅުންތެރިއާ ހޯދުމުގައި ވެސް ވާދަކުރަން ޖެހެނީ މިލާނާ އެވެ.