ޕްރީ ސީޒަނުގައި ޔުނައިޓެޑް އަތުން ލިވަޕޫލަށް ބޮޑު މޮޅެއް
ޕްރީ ސީޒަނުގައި ޔުނައިޓެޑް އަތުން ލިވަޕޫލަށް ބޮޑު މޮޅެއް

އަން އާބޯ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 29) – އަލަށް ގުޅުނު ވިންގާ ޒެރްދާން ޝަގީރީ ވައްދާލި އޯވާހެޑް ގޯލާ އެކު ލިވަޕޫލުން ލައްކައެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ރޭ 4-1 އިން މޮޅުވެއްޖެ އެވެ.

ޕްރީ ސީޒަން މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ލިވަޕޫލުން އެމެރިކާގެ މިޝިގަން ސްޓޭޑިއަމުގައި މި މޮޅު ހޯދީ ލިވަޕޫލުން ބޮޑު ހަރަދުތަކެއްކޮށްފައިވާތީ އެ ޓީމުން މި ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރަން ޖެހޭ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވަނިކޮށެވެ. އެކަމަށް މީޑިއާ އިން ވެސް ޕްރެޝަރުކުރަން ޖެހޭނެ ކަމަށް މޮރީނިއޯ ބުނުމުން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ރައްދުދީފަ އެވެ.

ރޭގެ މެޗަށް ޔުނައިޓެޑުން ނެރުނު ޓީމުގައި މިދިޔަ ސީޒަނުގެ ލީގުގައި ނުކުޅޭ ފަސް ކުޅުންތެރިއަކު ހިމެނެ އެވެ. އެކަމަކު ލިވަޕޫލުން ނެރުނީ ޖުމްލަކޮށް ވަރުގަދަ ސްކޮޑެކެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ ހިމެނެ އެވެ.

ލިވަޕޫލަށް 26 ވަނަ މިނެޓުގައި ޕެނަލްޓީއަކުން މާލޭ ލީޑު ނަގައިދިނީ ސަލާ ހޯދައިދިން ޕެނަލްޓީއަކުންނެވެ. އެކަމަކު އޭގެ ކުޑަކުޑަ އިރުކޮޅެއް ފަހުން ޔުނައިޓެޑުގެ އަންދްރެއަސް ޕެރެއިރާ ވަނީ ހިލޭ ޖެހުމަކުން ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ.

ލިވަޕޫލަށް 66 ވަނަ މިނެޓުގައި އަލުން ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ފުރަތަމަ ފައިގައި ޖެހުނު ބޯޅައިން ޑެނިއަލް ސްޓަރިޖެވެ. ތިން ވަނަ ގޯލް 74 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ޝެޔީ އޯޖޯ އެވެ. ލިވަޕޫލުގެ މި މޮޅު އިތުރަށް ހާއްސަވީ 13 މިލިއަން ޕައުންޑަށް ސްޓޯކް ސިޓީން ދާދި ފަހުން ގުޅުނު ޝަގީރީ 82 ވަނަ މިނެޓުގައި އޯވާހެޑް ކިކަކުން ޖެހި ގޯލުންނެވެ.

މުބާރާތުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުން ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން ބަލިވިއިރު ދެ ވަނަ މެޗުން މެންޗެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވި އެވެ. އެ ޓީމަށް މުބާރާތް ނިމިފައިވާއިރު ދެން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހު ޑަބްލިންގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗާއި 7 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޓޮރިނޯއާ ދެކޮޅަށް ކުޅޭ މެޗެވެ. ޔުނައިޓެޑުން އަންގާރަ ދުވަހު ރެއާލް މެޑްރިޑާ ވާދަކުރާއިރު އަންނަ މަހުގެ 5 ވަނަ ދުވަހު ނުކުންނާނީ ބަޔާން މިއުނިކާ ދެކޮޅަށެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގެ ސިންގަޕޫރު ފަޅީގައި އިއްޔެ އާސެނަލް ވަނީ ޕީއެސްޖީ އަތުން 5-1 އިން މޮޅުވެފަ އެވެ. އާސެނަލްގެ ގޯލްތައް ޖެހީ މެސުތު އޮޒިލާއި އަލެކްސެންޑާ ލަކަޒޭޓާއި ރޮބަޓް ހޯލްޑިން އަދި އެޑްވަޑް ކެޓިއާ އެވެ. ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖެހީ ކްރިސްޓަފާ ކުންކޫ އެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ފަހަތުން އަރައި 3-2 އިން މޮޅުވެފަ އެވެ. ބަޔާނަށް ގޯލް ޖަހައިދިނީ މެރިޓަން ޝަބާނީ އާއި އާޔެން ރޮބެން އެވެ. ސިޓީގެ ބެނާޑޯ ސިލްވާ ދެ ގޯލް ޖެހިއިރު އަނެއް ގޯލް ޖެހީ ލޫކަސް މެޗާ އެވެ.

ޖުވެންޓަސް އާއި ބެންފީކާ ކުޅުނު މެޗު 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-2 އިން ޔުވެންޓަސް މޮޅުވީ އެވެ. އަދި ޗެލްސީ އާއި އިންޓަ މިލާން ވެސް 1-1 އިން އެއްވަރުވިއިރު ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވީ ޗެލްސީ އެވެ.