މަސައްކަތު މީހުން ހަޅުތާލު ކުރުމުން މެލޭޝިއާގެ ފަނޑިޔާރުން ނުކުމެ ފާޚާނާ ސާފުކޮށްފި
މަސައްކަތު މީހުން ހަޅުތާލު ކުރުމުން މެލޭޝިއާގެ ފަނޑިޔާރުން ނުކުމެ ފާޚާނާ ސާފުކޮށްފި

ކުއާލަ ލަމްޕޫރު (ޖުލައި 29) - ކޮންޓްރެކްޓަރު މުސާރަ ނުދޭތީ މެލޭޝިއާގެ ކޯޓުތަކުގެ ފާޚާނާ ސާފުކުރާ މީހުން މަސައްކަތް ކުރުން ހުއްޓާލައި ހަޅުތާލު ކުރަން ފެށި ފަހުން ފަނޑިޔާރުން ނުކުމެ ފާޚާނާތައް ސާފު ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ޓާން ސްރީ ރިޗަޑް މަލަންޖުމް ވަނީ ހުރިހާ ކޯޓެއްގެ މުވައްޒަފުން ނުކުމެ ފާޚާނާތައް ސާފު ކުރުމުގެ ވޮލަންޓަރީ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.

މެލޭޝިއާގެ ކޯޓުތަކުގެ ފާޚާނާތައް ސާފުކުރާ މީހުން ވަނީ ރޯދަ މަހުގެ ފަހުން މަސައްކަތް ހުއްޓާލައިފަ އެވެ. އެ މީހުންނަށް މުސާރަ ނުދޭތާ ތިން މަސްވެއްޖެ ކަމަށްވެ އެވެ.

މެލޭޝިއާގެ ހައި ކޯޓުގެ ފަނޑިޔާރަކު ވެސް ބުނީ ކޯޓުގެ ފާޚާނާ އާއި އޮފީސް ފޮޅާ ސާފު ކުރުމުގެ މަސައްކަތް މުވައްޒަފުންކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

"އަޅުގަނޑު މިއުޅެނީ ގޭގައި މަސައްކަތް ކުރާ މެއިޑް ގެންގޮސް ކޯޓުގެ ފާޚާނާ ސާފު ކުރަން. އެ މަސައްކަތަށް އަޅުގަނޑު އަމިއްލަ އަށް އޭނާ އަށް އިތުރު ފައިސާ ދޭނަން،" ފަނޑިޔާރު ބުންޏެވެ.

ކޯޓުތަކުގެ މުވައްޒަފުން ފާޚާނާ ސާފުކުރާ މަންޒަރުގެ ފޮޓޯތައް އެ މީހުން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.