29 ޖުލައި 2018 - 12:23

އިސްލާމްއާބާދު (ޖުލައި 29) - ކޯލިޝަން ސަރުކާރެއް އުފެއްދުމާ ގުޅޭ ގޮތުން މިނިވަން ކެންޑިޑޭޓުންނާއި ކުދި ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.
ޕާލަމެންޓުގެ 272 ގޮނޑީގެ ތެރޭން ޕީޓީއައި އަށް ލިބިފައި ވަނީ 117 ގޮނޑި އެވެ. ސަރުކާރެއް އުފެއްދުމަށް 137 ގޮނޑީގެ އަޣުލަބިއްޔަތެއް ބޭނުންވެ އެވެ. ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޕީއެމްއެލް-އެން އަށް ލިބިފައި ވަނީ 64 ގޮނޑި އެވެ. ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ޕީޕީޕީ އަށް 43 ގޮނޑި އެވެ. އަދި އެހެނިހެން ފަރާތްތަކަށް 47 ގޮނޑި އެވެ.
ޕީޓީއައި އިން ބުނީ ހަތަރު މެންބަރުން ކޯލިޝަނާ ގުޅެން މިއަދު އެއްބަސްވެއްޖެ ކަމަށާއި ޕާކިސްތާނުގެ މިނިވަން ދުވަސް ކަމަށްވާ އޮގަސްޓް 14 ވަނަ ދުވަހުގެ ކުރިން ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން ކުރައްވާނެ ކަމަށެވެ.
ޕީޓީއައިގެ ތަރުޖަމާން ފަވާދު ޗައުދަރީ ވިދާޅުވީ ސަރުކާރެއް އުފެއްދުމަށް އިތުބާރު ހުރި ޕާޓްނަރަކު ހޯދަން ކުދި ޕާޓީތަކާއި މިނިވަން ކެންޑިޑޭޓުންނާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް 10 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ޕީޓީއައި އިން ކުރަމުންދާ އިރު ބައެއް ޕާޓީތައް ގުޅިގެން އުފައްދާފައިވާ އޯލް ޕާޓީސް ކޮންފަރެންސް އިން ދަނީ އިންތިޚާބު ބާތިލްކޮށް އަލުން ވޯޓުލާން ގޮވާލާ ކެމްޕޭން ކުރަމުންނެވެ.