03 އޯގަސްޓް 2016 - 06:32

މަޝްހޫރު މޭކަޕް ބްރޭންޑު "ޓޫ ފޭސްޑް" އަކީ އެކި ވައްތަރުގެ ލިޕްސްޓިކް، ފައުންޑޭޝަން، އައިޝެޑޯ އަދި އައިލައިނާ އުފައްދާ ބައެކެވެ. ޓޫ ފޭސްޑްގެ ބްރޭންޑިން އާއި ޕެކެޖިން އެހެން ޕްރޮޑަކްޓްތަކަށްވުރެ ތަފާތުވެފައި ޕްރޮޑަކްޓްތަކަށް ދީފައި ވަނީ ވެސް ވަރަށް ތަފާތު ނަންނަމެވެ.

މެލްޓަޑް ޗޮކްލެޓް، ކޯކޯ ކޮންޓުއާ ނުވަތަ ޑާކް ޗޮކްލެޓް ސޮލެއި ފަދަ ޗޮކްލެޓުގެ އެކި ރަހަތަކާއި ސިފައަށް ނިސްބަތްވާ ގޮތަށް ޕްރޮޑަކްޓްތަކަށް ވަނީ ނަން ދީފަ އެވެ. އަދި ޗޮކްލެޓުގެ ނަން ދީފައިވާ ޕްރޮޑަކްޓްތަކުން ދުވަނީ ވެސް ޗޮކްލެޓްގެ ވަހެވެ. މިއީ އަސްލު ޗޮކުލެޓެއް ކަމަށް ހީވުމަކީ ވެދާނެ ކަމެކެވެ.

އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅޭ ލައުރަން ރިންކޮން ކިޔާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނި ގޮތުގައި އޭނާގެ ކޮއްކޮ ވަނީ ޓޫ ފޭސްޑް އައިޝެޑޯ ޕެލެޓް ކާލައިފަ އެވެ.
"އަހަރެންގެ ޓޫ ފޭސްޑް ޗޮކްލެޓް ބާ ކާލައިފި. އެއީ ޗޮކްލެޓް ވަސް ދުވާތީ. ހޭންވީ ކަމެއް ރޯންވީ ކަމެއް ނޭނގެ" ކޮއްކޮގެ ފޮޓޯއާ އެކު ކޮށްފައިިވާ ޓްވީޓްގައި ބުނެފައިވެ އެވެ.
ލައުރަންގެ ކޮއްކޮގެ މޫނުމަތީގަ އާއި ލައިގެން ހުރި ޓީޝާޓުގައި ހުރީ އައިޝެޑޯގެ ކުލަތައް އުނގުޅިފަ އެވެ. މި ފޮޓޯ އެތައް ބަޔަކު ރީޓްވީޓް ކޮށްފައިވެ އެވެ.
ލައުރަން އޭނާގެ ކޮއްކޮ ކައިފައިވާ ޕެލެޓް ސާފުކުރުމަށް ފަހު އޭގެ ފޮޓޯއެއް ވެސް ޓްވީޓްކުރި އެވެ.
"ކިޔު ޓިޕްސާއި ޓިޝޫ ބޭނުންކޮށްގެން ސާފު ކޮށްލުމަށް ފަހު ބައެއް ކުލަތައް ފިޔަވާ އަހަރެންގެ އައިޝެޑޯ ޕެލެޓު ސަލާމަތް ކުރެވިއްޖެ"
ގިނަ ބަޔަކު ވަނީ މި ޓޫ ފޭސްޓް ޕެލެޓް ކާލި ކުއްޖާ އަށް އެއްވެސް ކަމެއް ވިތޯ ސުވާލުކޮށްފަ އެވެ. އަދި މައްސަލައެއް ނުފެންނާތީ އެ ކުއްޖާ ޑޮކްޓަރަކަށް ނުދައްކަ އެވެ.