29 ޖުލައި 2018 - 08:21

މި މަހުގެ 20 ގައި ރިލީޒް ކުރި "ދަޅަކް" އަކީ ޝަޝަންކް ކައިތާން ޑައިރެކްޓް ކުރި އެންމެ މޮޅު އަދި އެންމެ ފުރިހަމަ ފިލްމް ކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ބުނެފި އެވެ.
ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރު ލީޑް ރޯލް ކުޅުނު "ދަަޅަކް" އަކީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނަށް ޝަޝަންކް ޑައިރެކްޓްކުރި ތިން ވަނަ ފިލްމެވެ.
އާލިއާ ބަޓް އާއި ވަރުން ދަވަން ހިމަނައިގެން އޭނާ ގެނެސްދިން ހަމްޓީ ޝަރްމާ ދުލްހަނިޔާ (2015) އާއި ބަދްރީނާތު ކީ ދުލްހަނިޔާ (2017) އަކީ ވެސް ވަރަށް ހިނގި ދެ ފިލްމެވެ. މީގެ ތެރެއިން ދެވަނަ ފިލްމަކީ 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދާފައިވާ ފިލްމެކެވެ.
ދެހާސް ސޯޅައިގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" އަށް ބިނާކޮށް އުފެއްދި "ދަޅަކް" އަށް ޝަޝަންކް ގެނެސްފައިވާ ގިނަ ބަދަލުތަކަށް ވަރަށް ގިނަ ކްރިޓިކުން ވެސް ތައުރީފުކޮށްފަ އެވެ. އަދި ދެ ފިލްމް އޮތީ އަޅާނުކިޔޭ ވަރަށް ތަފާތުކޮށްފައި ކަމަށް ވެސް ކްރިޓިކުން ބުންޏެވެ.
"ދަޅަކް" ގެ ކާމިޔާބީ ފާހަގަ ކުރުމަށް ފަހު ކަރަން ބުނީ "ސައިރާތު" ގެ ރިމެކިންއެއް ހަދާ ވާހަކަ ޝަޝަންކް ބުނުމުން ފުރަތަމަ ގަތީ ބިރު ކަމަށެވެ.
"އެ ފިލްމަކީ ބެލުންތެރިން ވަރަށް ގަޔާވެފައި އޮތް ފިލްމަކަށްވާތީ އަނެއްކާ އެ ފިލްމް އަހަރެމެން ހަދައިގެން ކިހިނެއް ވާނެ ބާއޭ ފުރަތަމަ ހިތަށް އެރީ. އެކަމަކު ދަޅަކްގެ ސްކްރިޕްޓް ޝަޝަންކް ގެނައުމާ އެކު އަހަންނަށް ގަބޫލު ކުރެވުނު އޭނަ މިއަށް ވަރަށް ފުރިހަމައަށް އިންސާފުކޮށް ދޭނެކަން،" ކުޗް ކުޗް ހޯތޭ ހޭ ފަދަ ފިލްމްތަކުގެ ޑައިރެކްޓަރު ބުންޏެވެ.
"ދަޅަކް" ގެ ސްކްރީންޕްލޭ ވެސް ލިޔުނީ ޝަޝަންކް އެވެ.
ކަރަން ބުނި ގޮތުގައި އާ ތަރިންތަކެއް ލައިގެން ފިލްމަށް ޝަޝަންކް ކޮށްފައި އޮތް މަސައްކަތްތައް ފެނުމުން ވަރަށް އުފާވި އެވެ. އަދި ފިލްމް ހިނގާނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް ފަހުރުވެރިވަން ޝަޝަންކް ކުރި މަސައްކަތްތަކަށް. އޭނައަކީ ވަރަށް އެނަޖެޓިކް އެހާމެ ތޫނުފުލި ޑައިރެކްޓަރެއް،" ކަރަން ބުންޏެވެ. "ޝަޝަންކްއާ ދޭތެރޭ މިހާރު އަހަރެންގެ ހިތުގައި އެއްވެސް ޝައްކެއް ނެތް. އެއީ ވަރަށް އިތުބާރު ކުރެވޭ ޑައިރެކްޓަރެއް."
ޝަޝަންކްގެ ހަތަރު ވަނަ ފިލްމަކީ ވެސް ކަރަން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އެއީ ވަރުން ދަވަން ލީޑް ރޯލް ކުޅޭ "ރަމްބޫމީ" އެވެ. އެ ފިލްމް މި އަހަރުގެ ކުރީކޮޅު އިއުލާންކޮށްފައިވާ އިރު، ފިލްމް ސިނަމާތަކަށް އަންނާނީ 2020 ގެ ދިވާލީގަ އެވެ.
ޒުވާން ޑައިރެކްޓަރު މިހާރު އަންނަނީ ކަލާޒުން ދައްކާ ޑާންސް ޝޯ "ޑާންސް ދީވާނޭ" ގެ ޖަޖްކަން ވެސް ކުރަމުންނެވެ. އެ ޝޯގެ ޖަޖުންގެ ތެރޭގައި މަދޫރީ ޑިކްސިޓާއި ތުޝާރް ކާލިއާ ވެސް ހިމެނެ އެވެ.
ފަންސާސް ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ދަޅަކް" އަށް ހޮނިހިރު ދުވަހާ ހަމައަށް ޖުމްލަ 73.18 ކްރޯޑްގެ އާމްދަނީއެއް ލިބިފައިވެ އެވެ.