މެޔޮނައިޒް އައިސް ކްރީމް ކިހިނެއް ވާނެ؟
މެޔޮނައިޒް އައިސް ކްރީމް ކިހިނެއް ވާނެ؟

އައިސް ކްރީމްގެ ރަހަތަކަށް އަނެއްކާ ވެސް އިތުރުވުމެކެވެ. މި ފަހަރު މެޔޮނައިޒް ފްލެވަޑް އައިސް ކްރީމެވެ. މިއީ ހަމަ ގައިމުވެސް ވަރަށް ތަފާތު ރަހައަކަށް ވާނެ އެވެ. މެޔޮނައިޒަކީ އާންމުކޮށް ސޭންޑްވިޗާއި ސެލަޑް ކަހަލަ އެއްޗެހި ހަދަން ބޭނުން ކުރާ ލޮނު ރަހައިގެ އެއްޗެކެވެ.

އެކަމަކު އަނގަ ފޮނިކޮށްލައި، ކަރު ހިއްކުން ވެސް ފިލުވައިލަން މެޔޮނައިޒް އައިސް ކްރީމަކީ މިހާރު އިހުތިރާރަކަށް ވެދާނެ އެވެ. ސްކޮޓްލެންޑް މެޔޮނައިޒް އައިސް ކްރީމް ތައާރަފުކޮށްފައިވާ އިރު، މިކަމާ ބެހޭ ގޮތުން އައިސް ކްރީމަށް ލޯބި ކުރާ މީހުންގެ ހިޔާލުތައް ވަނީ ދެކަފިވެފަ އެވެ.

އެއް ބަޔަކު ބުނަނީ މިއީ މާ ގަޔާވާ ކަހަލަ ރަހައަކަށް ނުވާނެ ކަމަށާއި މި އައިސް ކްރީމް ހެދި މީހަކަށް ތެރަޕީ ބޭނުންވާ ކަމަށެވެ. އެކަމަކު މެޔޮނައިޒް އައިސް ކްރީމް ތަޖުރިބާ ކުރި ބައެއް މީހުން ބުނެފައި ވަނީ މިއީ އެއް ފަހަރު ރަހަ ބަލާލައިފި ނަމަ، ދޯޅުވާނެ ރަހެއް ކަމަށެވެ.

މެޔޮނައިޒް އައިސް ކްރީމް ތައްޔާރު ކުރި އައިސް އާޓިސަންގެ ވެރިޔާ ކައިލް ޖެންޓްލްމަން ބުނި ގޮތުގައި މެޔޮނައިޒް ރަހައިގެ އައިސް ކްރީމް ތައާރަފު ކުރަން ނިންމީ ކަސްޓަމަރުންނަށް މުޅުން ތަފާތު ރަހައެއް ލައްވައި ދިނުމުގެ ގޮތުންނެވެ.

"ޔަގީނުން ވެސް މެޔޮނައިޒް ކަމުދާ މީހުންނަށް މެޔޮނައިޒް އައިސް ކްރީމަކީ ވެސް ވަރަށް ކަމުދާ އެއްޗަކަަށް ވާނެ،" އޭނާ ބުންޏެވެ. "މިހާތަނަށް ސީދާ އަހަރަމެންނަށް ލިބުނު ފީޑްބެކްތައް ވަރަށް ޕޮޒިޓިވް."

ކައިލް ބުނި ގޮތުގައި މެޔޮނައިޒް އައިސް ކްރީމަކީ ހަމަ އަނގަޔަށް މީރު "ކްރީމީ އަދި ސްމޫތު" އައިސް ކްރީމަކަށް ވާނެ އެވެ.

އައިސް ކްރީމަކުން ތަފާތު ރަހައެއް ކަރުބުޑަށް ލައްވައިލަން ބޭނުން ނަމަ މެޔޮނައިޒް އައިސް ކްރީމަކީ ހަމަ ތަޖުރިބާކޮށްލަން ރަނގަޅު ހޮވުމަކަށް ވެދާނެ އެވެ.