އިބޫގެ ކެންޑިޑެސީ އިލެކްޝަންސުން ބަލައިގެންފި
އިބޫގެ ކެންޑިޑެސީ އިލެކްޝަންސުން ބަލައިގެންފި

ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިއަދު ބަލައިގެންފި އެވެ.

އިބޫގެ ކެންޑިޑެސީ އިލެކްޝަންސުން ބަލައިގެންފި
އިބޫގެ ކެންޑިޑެސީ އިލެކްޝަންސުން ބަލައިގެންފި

ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު އިބޫގެ ކެންޑިޑެސީ ގަބޫލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށް އިލެކްޝަންސުން ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ހުޅުވައިލުމުން އެންމެ ފުރަތަމަ ފޯމު ހުށަހެޅުއްވީ އިބޫ އެވެ. އެއީ ބުރާސްފަތި ދުވަހު އެވެ. ގާނޫނުގައި ބުނާ ގޮތުގައި، އިލެކްޝަންސުން ފޯމު ބަލައިގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި، ކެންޑިޑެސީއާ މެދު ގޮތެއް ނިންމައި އެކަން އަންގަން ޖެހެ އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިބޫ ފިޔަވައި އެހެން ބޭފުޅަކު އަދި ފޯމު ހުށަހަޅުއްވައިފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހަތް މީހަކު ފޯމު ނަގާފައިވެ އެވެ.

އިންތިޚާބު ގައި ވާދަކުރައްވާނެ ކަމަށް ދެން އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 10 އާ ހަމައަށް އިތުރު ކޮށްފަ އެވެ. ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިދާރީ ފީގެ ގޮތުގައި 100،000ރ. ހުށަހަޅަން ޖެހެ އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ . ވޯޓު ގުނަން ފަށާނީ ވޯޓު ނަގައި ނިމޭތާ 30 މިނިޓު ފަހުންނެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް އީސީން ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރިންނެވެ.