03 އޯގަސްޓް 2016 - 06:34

އިންސާނުންގެ ނޭފަތް ތެރޭގައި ހިނގާ ބެކްޓީރިއާގެ ހަނގުރާމަ ދިރާސާކޮށް ބެލުމުގެ ތެރޭގައި އެންޓިބަޔޮޓިކްގެ މުޅިން އާ ވައްތަރުތަކެއް ފެނިއްޖެ އެވެ.
ނޭޗާ ޖާނަލްގައި ބުނެފައި ވަނީ އަލަށް ފެނުނު ކްލާސްގެ އެންޓިބަޔޮޓިކުން، މިހާރު ގެންގުޅޭ އެންޓިބަޔޮޓިކުން ރަނގަޅު ނުކުރެވޭ ސުޕަބަގް އަށް ފަރުވާ ކުރުމަށް ވެސް ބޭނުންކުރެވިދާނެ ކަމަށެވެ.
މި ދިރާސާކުރި ޖަރުމަނުގެ ޓޫބިންގެން ޔުނިވަސިޓީގެ ރިސާޗަރުން ބުނީ އާ އެންޓިބަޔޮޓިކް ހޯދުމަށް ކުރާ މަސައްކަތުގައި އިންސާނުންގެ ހަށިގަނޑު މިހާތަނަށް ބަލާފައި ނެތް ކަމަށެވެ.
އެންމެ ފަހުން އެންޓިބަޔޮޓިކްގެ އާ ކްލާހެއްގެ ބޭސް ހޯދިފައި ވަނީ 1980ގެ ތެރޭގަ އެވެ. މިފަހަރު އިންސާނުންގެ ނޭފަތް ތެރެއިން އެންޓިބަޔޮޓިކް ފެނިފައި ވިޔަސް މިހާރު ބޭނުންކުރާ، ގާތްގަނޑަކަށް ހުރިހާ އެންޓިބަޔޮޓިކަކީ ވެސް ވެލީގައި ހުންނަ އެއްޗިއްސެވެ.
ސައިންސްވެރިން ބުނެފައި ވަނީ އަލަށް ފެނުނު ބައެއް އެންޓިބަޔޮޓިކަކީ ކޮންމެ މީހެއްގެ ނޭފަތުގައި އުޅޭ އެއްޗެއް ނޫން ކަމަށާއި އެކި މީހުންގެ ނޭފަތުން ފެންނަނީ އެކި ވައްތަރުގެ އަދި އެކި މިންވަރަށް ހުންނަ އެންޓިބަޔޮޓިކް ކަމަށެވެ. އަދި ބައެއް ޖަނަވާރުތަކުން އެއްވެސް އެންޓިބަޔޮޓިކެއް ނުފެންނަކަން ވެސް ސައިންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.
އާ އެންޓިބަޔޮޓިކްތަކެއް ހޯދުމަށް ސައިންސްވެރިން މިހާރު ބުރަކޮށް މަސައްކަތް ކުރަމުން ދަނީ މިހާރު ގެންގުޅޭ އެންޓިބަޔޮޓިކްތަކަށް ވައިރަސްތައް ހޭނި، އެންޓިބަޔޮޓިކުން ބަލިތައް ފަސޭހަނުކުރެވޭ މައްސަލަ ސީރިއަސްވަމުން ދާތީ އެވެ.