"ކިކް 2" ވަރަށް ތަފާތު ވާނެ: ޕްރޮޑިއުސަރު
"ކިކް 2" ވަރަށް ތަފާތު ވާނެ: ޕްރޮޑިއުސަރު

ދެހާސް ސާދައިގައި ރިލީޒް ކުރި ސަލްމާން ހާންގެ ކާމިޔާބު ފިލްމް "ކިކް" ގެ ދެވަނަ ބައި ވަރަށް ތަފާތު ވާނެ ކަމަށް އެ ފިލްމްގެ ޑައިރެކްޓަރު ސާޖިދު ނަދިއަދްވާލާގެ އަންހެނުން އަދި ޕްރޮޑިއުސަރު ވަރްދާ އެސް ނަދިއަދްވާލާ ބުނެފި އެވެ.

އޭނާ ކުރި ޓްވީޓެއްގައި ބުނީ "ކިކް 2" ގެ ސްކްރިޕްޓް ވަރަށް ތަފާތު ވާނެ ކަމަށާއި މި ފިލްމަކީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ފިލްމަކަށް ވާނެ ކަމަށެވެ.

ސަލްމާންނާއި ޖެކްލިން ފެނަންޑޭޒްގެ ޖޯޑު ބޮޑު ސްކްރީނަށް އައި ފުރަތަމަ ފިލްމް "ކިކް" އަކީ އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ސާޖިދުގެ އަލަތު ޑައިރެކްޝަނެވެ.

މަރުވެފައިވާ ކުރީގެ މަޝްހޫރު ބަތަލާ ދިވްޔާ ބާރްތީގެ ކުރީގެ ފިރިމީހާގެ ފުރަތަމަ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ އެކު "ކިކް" ގެ ދެވަނަ ބައެއް ހަދާކަން ރަސްމީކޮށް އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

"ކިކް 2" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ކްރިސްމަސްގެ އެވެ. އާމިރް ހާނާއި ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ، ކުރީގެ މަޝްހޫރު ޕްރޮޑިއުސަރު ގުލްޝަން ކުމާރްގެ ބައޮގްރަފިކަލް ޑްރާމާ "މޮގުލް" ވެސް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ.

އެހެންވެ މިއީ "ކިކް" އާއި "މޯގުލް" ގެ ތަޅާލުންގަނޑެއް ބޮކްސް އޮފީހުގައި ހިނގާނެ ކަމަކަށް ވާނެ އެވެ.

"ކިކް 2" އިން ސަލްމާން ފެންނާނެކަން ކަށަވަރުވި ނަމަވެސް، ފިލްމްގެ ދެވަނަ ބައިގެ މައި ކާސްޓް އަދި އިއުލާނެއް ނުކުރެ އެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް މިހާރު ބަލަން ބޭނުން ވަނީ ސަލްމާނާ އެކު މި ފަހަރު ވެސް ޖެކްލިން ފެންނާނެތޯ އެވެ.

އެ ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިފައި ވަނީ މިދިޔަ މަހު ރިލީޒް ކުރި "ރޭސް 3" އިންނެވެ.

"ކިކް" އަކީ ހަމަ އެ ނަމުގައި 2009 ގައި ރިލީޒް ކުރި ތެލެގޫ ފިލްމެއްގެ ރިމެކިންއެކެވެ. ސަތޭކަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ސަލްމާންގެ ކިކް" އަށް ބޮކްސް އޮފީހުގައި 400 ކްރޯޑްގެ އާމްދަނީއެއް ލިބުނެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ނަވާޒުއްދީން ސިއްދީގީ އާއި ރަންދީޕް ހޫޑާ ވެސް ހިމެނެ އެވެ.