29 ޖުލައި 2018 - 08:19

ފުޓްވެއާ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ނައިކީގެ ބާނީ ފިލް ނައިޓްސްގެ ވާހަކަ އަށް ފިލްމެއް ހަދަން ނެޓްފްލިކްސް އިން ނިންމައިފި އެވެ.
އޭނާގެ ވާހަކަ ކިޔައިދޭ ފިލްމް ބިނާ ކުރަނީ 2016 ގައި ނެރުނު ފިލްގެ ބައޮގްރަފީ "ޝޫ ޑޯގް: އަ މެމޮއާ ބާއި ދަ ކްރިއޭޓާ އޮފް ދަ ނައިކް" އެވެ. މި ފިލްމްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ފިލް ވެސް ބައިވެރިވެ އެވެ.
"ޝޫ ޑޯގް" ގެ ސްކްރީންޕްލޭ ލިޔަން ހަވާލުކޮށްފައި ވަނީ "އެޑް ވުޑް" އާއި "ދަ ޕީޕަލް ވާސަސް ލެރީ ފްލައިންޓް" ލިޔުނު ސްކޮޓް އެލެގްޒެންޑާ އާއި ލެރީ ކެރެޒެސްކީ އެވެ.
އުމުރުން މިހާރު 80 އަހަރުގެ ފިލް ބުނި ގޮތުގައި އޭނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެނައުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އަދި ނެޓްފްލިކްސްއާ ގުޅިގެން ފިލްމް ގެނެސް ދެވުމަކީ އޭނާގެ ވާހަކަ ބޮޑު އޯޑިއަންސަކަށް ފޯރާނެ ކަމެއް ކަމަށް ބުންޏެވެ.
"ބައޮގްރަފީ އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ. އެކަމަކު މިހާރު މީތި ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައިވާތީ އަހަރެން ގަބޫލު ކުރަނީ އަދި މާ ބޮޑު އޯޑިއަންސަކަށް އަހަރެންގެ ވާހަކަ ފޯރާނެ ކަމަށް،" ފިލް ބުންޏެވެ.
ނެޓްފްލިކްސް ފިލްމް ގްރޫޕްގެ ހެޑް ސްކޮޓް ސްޓަބާ ބުނީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާގެ ވާހަކަ އޯޑިއަންސާ ހަމައަށް ގެނެސް ދޭން ފުރުސަތު ލިބުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ހިއްސާއަކަށްވާތީ ވަރަށް އުފާވާ ކަމަށް ބުންޏެވެ.
"ފިލްގެ ވާހަކައަކީ ކޮންމެ މީހަަކަށް ވެސް އިބުރަތްތެރި ފިލާވަޅަކަށް ވާނެ. ކާމިޔާބު މީހަކަށް ވާން މީހަކު ކުރާނެ ހުރިހާ ދަތުރެއް އޭނާގެ ކެރިއަރުގައި ވަނީ ތަޖުރިބާކޮށްފައި. އެހެންވެ އޭނާގެ ވާހަކަ ވަރަށް އިންސްޕިރޭޝަނަލް،" ސްކޮޓް ބުންޏެވެ.
"ޝޫ ޑޯގް" ފިލްމެއްގެ ގޮތުގައި ގެނެސްދޭ އިރު، ފިލްއާ އެކު، މީގެ ޕްރޮޑިއުސަރެއްގެ ޒިންމާ އޭނާގެ ގާތް އެކުވެރިޔާ ފްރޭންކް މާޝަލް ވެސް ނަގާނެ އެވެ. އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ 1985 ގެ "ބެކް ޓް ދަ ފިއުޗާ" ގެ މަސައްކަތުގެ ތެރެއިންނެވެ.
ފަސް ފަހަރަށް އޮސްކާ އަށް ނޮމިނޭޓްވެފައިވާ މާޝަލްއަކީ ދަ ކަލާ ޕާޕަލް (1985)، ދަ ސިކްސްތު ސެންސް (1999) އަދި ކިއުރިއަސް ކޭފް އޮފް ބެންޖަމިން ބަޓަން (2008) ފަދަ ފިލްމްތަކުގެ ޕްރޮޑިއުސަރެވެ.
"ޝޫ ޑޯގް" ގައި ފިލްގެ ރޯލް ކުޅޭނެ އެކްޓަރަކާއި ފިލްމް ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.
ބައްޕަގެ އަތުން ހޯދި އެންމެ 50 ޑޮލަރާ އެކު 1963 ގައި ވުޖޫދަށް ގެނައި ނައިކްއަކީ މިހާރު އަހަރެއްގެ މައްޗަށް 36 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކުންފުންޏެކެވެ.