29 ޖުލައި 2018 - 08:19

ވާވޭއިން އަލަށް ނެރެގެން އުޅޭ ބައެއް ފޯނުތަކަށް، "ވީއެލްސީ މީޑިއާ ޕްލޭޔާ" ނޭޅޭ ގޮތަށް ބަންދުކޮށްފި އެވެ. މިއީ ވީއެލްސީ ޑިވެލޮޕަރުން ގަސްދުގައި ކުރި ކަމެކެވެ.
ވީއެލްސީ ޕްލޭޔަރަށް ގެނައި ބަދަލުގައި، "ގޫގުލް ޕްލޭ" މެދުވެރިކޮށް ވާވޭ ބައެއް ފޯނުތަކަށް ވީއެލްސީ މީޑިއާ ޕްލޭޔަރު އެޅޭ ގޮތެއް ނުވެ އެވެ. ނަމަވެސް، ވީއެލްސީ ވެބްސައިޓުން ޑައުންލޯޑްކުރެވޭ "އޭޕީކޭ" ފައިލް ބޭނުންކޮށްގެން، އެ ފޯނުތަކަށް ވީއެލްސީ ޕްލޭޔަރު އިންސްޓޯލްކުރެވެ އެވެ.
ވާވޭ ފޯނުތަކުގައި ބެޓެރީ މެނޭޖްކުރާ ގޮތުން ވީއެލްސީ ޕްލޭޔަރަށް ރަނގަޅަށް މަސައްކަތެއް ނުކުރެވެ އެވެ. ބެޓެރީ ބާރު ގިނައިރު ދެމެހެއްޓުމަށްޓަކައި، ވާވޭ ފޯނުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން، ބައެއް އެޕްލިކޭޝަންތަކަށް ހުއްޓުންއަރަ އެވެ. ވީއެލްސީ ޕްލޭޔަރަށް ވެސް ވަނީ މިހެންނެވެ. ނަމަވެސް، ވާވޭ ފޯނުތައް ބޭނުންކުރާ މީހުން ދެކޭ ގޮތުގައި، އެ ގޮތަށް ކަންތައް ދިމާވަނީ ވީއެލްސީ އެޕްލިކޭޝަންގެ ސަބަބުންނެވެ. އެހެންވެ، ވީއެލްސީ ޕްލޭޔަރަކީ ކަމުނުދާ އެޕްލިކޭޝަނެއް ގޮތުގައި ކޮމެންޓްކުރެވެ އެވެ.
ވީއެލްސީ ޑިވެލޮޕަރުން ބުނި ގޮތުގައި، ފޯނަށް އަޅާ އެޕްލިކޭޝަނެއް ހިންގުމަށް، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުން ދޭ ކޮމާންޑްތައް ބްލޮކްވުމަކީ ބޮޑު މައްސަލައެެކެވެ. ބެޓެރީ ބާރު ދެމެހެއްޓުމަށްޓަކައި ފީޗާތަކެއް ފޯނުގައި ގާއިމުކުރި ނަމަވެސް، ވަރަށް އާދައިގެ އެޕްލިކޭޝަނެއްގެ ހިނގުމަށް ދަތިވެގެން ނުވާނެ އެވެ. އެވަރުން ވެސް ބެޓެރީ ހިމާޔަތްކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވޭ ނަމަ، އެކަން ކުރަން މާ މޮޅު ގޮތެއް އޮތް ކަމަށް ވެސް ޑިވެލިޕަރުން ވަނީ ބުނެފަ އެވެ. އެއީ ފޯނު ނިއްވާލާފައި ބޭއްވުމެވެ. އެ އަށް ވުރެ މޮޅަށް ބެޓެރީ "ސޭވް"ކުރެވޭނެ އެހެން ގޮތެއް ނޯންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވީއެލްސީ ޕްލޭޔަރު ނޭޅުމުގެ މައްސަލަ ދިމާވަނީ ވާވޭއިން ދާދި ފަހުން ނެރުނު ބައެއް ފޯނުތަކަށެވެ. އެކަމަކު ވާވޭގެ ގިނަ ފޯނުތަކަށް އެ އެޕްލިކޭޝަން އިންސްޓޯލްކުރެވެ އެވެ.