ޔުނައިޓެޑުން މެގުއާ ބޭނުންވިޔަސް ލިބުމުގެ ފުރުސަތު ކުޑަ
ޔުނައިޓެޑުން މެގުއާ ބޭނުންވިޔަސް ލިބުމުގެ ފުރުސަތު ކުޑަ

ލެސްޓާ (ޖުލައި 28) – ޑިފެންޑަރު ހެރީ މެގުއާ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރާ ކޮންމެ މަސައްކަތާ ލެސްޓާ ސިޓީން ދެކޮޅު ހަދާނެ ކަމަށާއި އަދި އެ ކްލަބުން މަސައްކަތްކުރަނީ އޭނާ ލައްވާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ މެގުއާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރި އިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހަލް ސިޓީން 17 މިލިއަން ޕައުންޑަށް ލެސްޓާއާ ގުޅުނު ކުޅުންތެރިއާ މިދިޔަ ސީޒަނުގައި އެ ޓީމަށް ހުރިހާ މެޗެއް ކުޅެދިނެވެ.

ޑިފެންސް ވަރުގަދަކުރުމަށްޓަކައި މެންޗެސްޓާ ޔުނައިޓެޑުން ކުރާ މަސައްކަތުގައި 65 މިލިއަން ޕައުންޑުގެ އަގަކަށް އޭނާ ގަންނަން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މެގުއާ އަކީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ގަޔާވާ ކުޅުންތެރިއެކެވެ.

މެގުއާގެ އިތުރުން ޔުނައިޓެޑުން ޝައުގުވެރިވާ ޑިފެންޑަރުންގެ ތެރޭގައި އޭސީ މިލާނުގެ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަދި ޓޮޓެންހަމްގެ ބެލްޖިއަމް ޑިފެންޑަރު ޓޯބީ އަލްޑަވެއިރަލްޑް ހިމެނެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ގަތުމަށް ޗެލްސީން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެއީ އެ ޓީމުގެ ބެލްޖިއަމް ގޯލްކީޕަރު ތިބައޫ ކޯޓުއާ ރެއާލް މެޑްރިޑަށް ބަދަލުވާތީ އެވެ.