ޗެލްސީން ޝައުގުވެރިވި ގޮލޮވިން މޮނާކޯއަށް
ޗެލްސީން ޝައުގުވެރިވި ގޮލޮވިން މޮނާކޯއަށް

މޮނާކޯ (ޖުލައި 28) – ސީއެސްކޭއޭ މޮސްކޯ އަށް ކުޅެމުން އައި ރަޝިއާގެ ހުނަރުވެރި މިޑްފީލްޑަރު އަލެކްސެންޑާ ގޮލޮވިން އަށް ޗެލްސީން ފާރަލަމުން އަންނަނިކޮށް ފްރާންސްގެ މޮނާކޯ އިން އޭނާގެ ސޮއި ހޯދައިފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 22 އަހަރުގެ ކުޅުންތެރިއާއަށް ޗެލްސީން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އަދި އޭނާ އެ ކްލަބާ ގުޅިދާނެ ކަމަށް އޭނާއާ އެކު މޮސްކޯއަށް ކުޅޭ ކުޅުންތެރިއަކު މިދިޔަ ހަފުތާގައި އިޝާރާތެއް ދިނެވެ.

މޮނާކޯގެ ނައިބް ރައީސް ވަޑިމް ވަސިލްޔެފް ވެސް ވަނީ ގޮލޮވޮން ގެނައުމުގައި ޔޫރަޕުގެ ބޮޑު ކްލަބްތަކަކާ ވާދަކުރަން ޖެހުނު ކަމާށް ވިދާޅުވެފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ ވޯލްޑް ކަޕުގައި ގޮލޮވިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މޮނާކޯ އިން އައީ އޭގެ ކުރިން ވެސް އޭނާގެ ކުޅުން ބަލަމުން ކަމަށެވެ.

އޭނާ މޮނާކޯއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު އެ ކްލަބުން އޭނާ ގަތް އަގެއް ހާމައެއްނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އަގަކީ 30 މިލިއަން ޔޫރޯ އެވެ. އޭނާ އަކީ ރަޝިއާގެ ބިލިއަނަރަކު ހިންގާ މޮނާކޯއާ ގުޅުނު އެ ގައުމުގެ ފުރަތަމަ ކުޅުންތެރިއާ އެވެ.