މޮރީނިއޯ އަށް ކްލޮޕް ޖަވާބުދީފި
މޮރީނިއޯ އަށް ކްލޮޕް ޖަވާބުދީފި

މިޝިގަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 28) – ލިވަޕޫލުން ކުޅުންތެރިން ގަތުމަށް ބޮޑު ހަރަދުކޮށްފައިވާތީ އެ ޓީމަށް މި ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރަން ބޮޑު ޕްރެޝަރެއް އެބައޮތް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނި ވާހަކަތަކަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ފިނި ޖަވާބެއް ދީފި އެވެ.

މިދިޔަ ޖެނުއަރީ އަދި މި ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ބޮޑު އަގުގައި ފަސް ކުޅުންތެރިން ގެނައުމާއި އެ ޓީމުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވާތީ އެ ޓީމު މި ފަހަރު ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް ބެލެވެ އެވެ. މޮރީނިއޯ ބުނީ އެ ޓީމުން ތަށި ހޯދަން ޖެހޭކަމަށް މީޑިއާއިން ޑިމާންޑްކުރަން ޖެހޭ ކަމަށެވެ.

ޕްރީ ސީޒަން މެޗެއްގައި މިރޭ އެމެރިކާގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ކްލޮޕް ބުނީ މޮރީނިއޯ އަށް ބޭނުން އެއްޗެއް ބުނުމުގެ ހައްގު އޮންނާނެ ކަމަށެވެ.

"އަހަރެން މެންޗެސްޓާ ޔުނައިޓެޑާ މެދު މާބޮޑު ޝައުގުވެރިކަމެއް ނެތް. އަހަންނަށް ޔަގީން އެ ޓީމުން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިތަކެއް ކުރާނެކަން،" ކްލޮޕް ބުންޏެވެ. "އެކަމަކު އަހަރެމެންގެ ޒިންމާ އޮންނާނީ އަހަރެމެންގެ ސަޕޯޓަރުންނާއި ވެރިންނާއި މުޅި ދުނިޔޭގައި ތިބި އަހަރެމެންގެ ސަޕޯޓަރުންނަށް. އެއީ ހާލަތަކީ."

ކްލޮޕް ބުނީ ލިވަޕޫލުގެ ވެސް އަމާޒުތަކެއް އެބަހުރި ކަމަށާއި ދުވަހަކު ވެސް އެނޫން ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި ލިވަޕޫލުން ވެސް ކާމިޔާބީތަކެއް ހޯދަން ޖެހޭނެ ކަމަށާއި އެކަމަކު އޭނާގެ ވަޒީފާގެ ވަރަށް ބޮޑު ބަޔަކީ ސަޕޯޓަރުން ގަޔާވާނެ ފުޓްބޯޅައެއް ކުޅުވުން ކަމަށް ބުންޏެވެ.'

"އެކަން އެގޮތަށްވި މިދިޔަ އަހަރު ވެސް. އަދި އޭގެ ކުރީ އަހަރު ވެސް. މިހާރު މިއޮތީ އަނެއް ހަރުފަތަށް އަހަރަން ބޭނުންވާ ހިސާބުގައި،" ކްލޮޕް ބުންޏެވެ. "އެކަމަކު އަހަރެމެންގެ ވާދަވެރިންގެ ލޮލަށް ނިންޖެއް ނާދޭ. އެކަން އެނގޭ."

ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ މެޗު އޮންނާނީ މިރޭ ދަންވަރު ރާއްޖެ ގަޑިން 2 ޖަހާއިރެވެ. މިޝިގަން ސްޓޭޑިއަމަށް މި މެޗު ބެލުމަށް 100،000 މީހުން ވަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.