އެފްރިކާގެ މަހުޖަނު އަދިވެސް އާސެނަލަށް ޝައުގުވެރިވޭ
އެފްރިކާގެ މަހުޖަނު އަދިވެސް އާސެނަލަށް ޝައުގުވެރިވޭ

ލަންޑަން (ޖުލައި 29) - އިނގިރޭސި ކްލަބް އާސެނަލް ގަންނަން ބޭނުންވާ ކަމަށް އެފްރިކާގެ އެންމެ މުއްސަނދި މީހާ ނައިޖީރިއާގެ އަލީކޯ ޑަންގޯޓޭ އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ޑަންގޯޓޭ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން އާސެނަލް ގަންނަން މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ދެ ފަހަރު އާސެނަލްގެ ވެރިން ޑަންގޯޓޭއާ މަޝްވަރާ ކުރަން ވެސް ބޭނުމެއް ނުވި އެވެ. ތިން ވަނަ ފަހަރު ވާހަކަތަކެއް ދެކެވުނު ނަމަވެސް ޑަންގޯޓޭ އަށް ވިއްކާލަން ހުށަހެޅީ ވަރަށް މަދު ހިއްސާއެއް ކަމަށްވާތީ އެކަން އޭނާ ގަބޫލުނުކުރި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އާސެނަލްގެ އެއް ހިއްސާދާރު ކަމަށްވާ ރަޝިއާގެ މަހުޖަނު އަލީޝާ އުސްމާނޯފް ވަނީ އޭނާގެ ހިއްސާ އެ ޓީމުގެ މެޖޯރިޓީ ހިއްސާދާރު ސްޓެން ކްރޮއެންކޭ އަށް ވިއްކާލަން ނިންމައިފަ އެވެ. އެކަން އެގޮތަށް ވެއްޖެނަމަ އާސެނަލްގެ ފުލް ކޮންޓްރޯލް ކްރޮއެންކޭ އަށް ލިބޭނެ އެވެ.

ޑަންގޯޓޭ ބުނީ އޭނާގެ ވިސްނުން މިހާރު ހުރީ 2020 ވަނަ އަހަރު އާސެނަލް ގަންނަން އަނެއްކާ ވެސް މަސައްކަތް ފެށުން ކަމަށެވެ.

"އަހަރެން އަޑުއެހިން ކްރޮއެންކާ އާސެނަލްގެ ފުލް ކޮންޓްރޯލް ނަގަން އުޅޭ ހަބަރު. ކޮންމެ ގޮތެއް ވިޔަސް 2020 ވަަނަ އަަހަރު އަހަރެން އަނެއްކާ ވެސް އާސެނަލް ގަންނަން ދާނަން. މި ފަހަރު ދާނީ ނޫނެކޭ ނުބެނެވޭނެ ވަރުގެ ހުށަހެޅުމަކާ އެކު. މިހާރު މަސައްކަތް މި ކުރަނީ އަހަރެމެންގެ ދެ ވަނަ އޮއިލް ރިފައިނަރީ (ތެޔޮ ވަޅުގެ މަސައްކަތް) ނިންމަން،" ޑަންގޯޓޭ ބުންޏެވެ.

ފޯބްސް މެގަޒިން އިން މިދިޔަ އަހަރު ނެރުނު އެންމެ މުއްސަނދި މީހުންގެ ލިސްޓުން ޖާގަހޯދާފައިވާ ޑަންގޯޓޭގެ މިލްކިއްޔާތުގައި 14.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ރިޕޯޓްތައް ބުނާގޮތުގައި މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ގަތަރުގެ އެހީގައި އެފްރިކާގެ އެންމެ ބޮޑު އޮއިލް ރިފައިނަރީ ނައިޖީރިއާގައި ބެހެއްޓުމަށެވެ. މި މަސައްކަތް ނިމުމާ އެކު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ގަދަ 10 ގެ ތެރެއިން ޑަންގޯޓޭ އަށް ޖާގަ ލިބޭނެކަމަށް ފޯބްސް އިން ލަފާކުރެ އެވެ.