މިނިވަން ދުވަހުގެ ޕެރޭޑް އޮންނާނީ އާދިއްތަ ދުވަހު
މިނިވަން ދުވަހުގެ ޕެރޭޑް އޮންނާނީ އާދިއްތަ ދުވަހު

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބާއްވާ، ސިފައިންނާއި ސްކޫލްތަކުގެ ކުދިންގެ ރޫޓު މާޗް މާދަމާ ބާއްވާ ގޮތަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

މާދަމާ ހަވީރު މާލޭގައި ބާއްވާ މި ރޫޓު މާޗް ކުރިން، ކުރިއަށް ގެންދަން އޮތީ މިއަދު ހަވީރު އެވެ. ނަމަވެސް، މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވާ ތާރީޚަށް އައި ބަދަލަކާ ގުޅިގެން ރޫޓު މާޗު ވެސް މާދަމާ އަށް ފަސްކުރީ އެވެ.

ހޯމް މިނިސްޓްރީން މިހާރު ނިންމާފައިވާ ގޮތުން ނަމަ، މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް އޮންނާނީ މިރޭ ގަލޮޅު ދަނޑުގަ އެވެ. ކުރިން ރޭ ބާއްވަން ނިންމާފައި އޮތް ކުޅިވަރުތަކުގެ އައިޓަމްތައް މިރެ އަށް ފަސްކުރުމާ ގުޅިގެން، މާދަމާ އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވައިފަ އެވެ.

އެގޮތަށް، ރައީސް ނިންމެވީ މިނިވަން ދުވަހުގެ ކުޅިވަރުތަކާ ގުޅޭ ކަންކަމުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ސަރުކާރުގެ މުވައްޒަފުން ބައިވެރިވާތީ އެ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވި އެވެ.

މިނިވަން ދުވަހާ ގުޅިގެން ލިބުނު ބަންދަށް ފަހު ދެން ސަރުކާރު ހުޅުވޭނީ އަންނަ ހޯމަ ދުވަހު އެވެ.