02 އޯގަސްޓް 2016 - 11:26

ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައެޅި ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެން، ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާ ބައްދަލުކުރައްވަން ފައްޓަވައިފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިދިޔަ ޖޫން މަހު ފަހުކޮޅު ހަމަޖެއްސީ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމުގެ ޒިންމާ އޭނާއާ ވަނީ މަތިކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ފަސް ދުވަހުގެ މުއްދަތަށް މުޓުންގާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ. އެ ރޭ އޮތް ރާއްޖޭގެ މިނިވަންކަމުގެ ހެވިކަމުގެ ކުޅިވަރުތައް ވެސް އޭނާ ބައްލަވާލެއްވި އެވެ.
ރާއްޖޭގައި މުޓުންގާ ގެންދަވަނީ ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އިސް އޮފިޝަލުން ހިމެނިވަޑައިގަންނަ ވާއިރު، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސް ވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ. އަދި އަމިއްލަ ޖަމިއްޔާތަކާ ވެސް ބައްދަލުކުރައްވަން ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ ކަންކަން ބެއްލެވުމުގެ ޒިންމާ ހަވާލުވެވަޑައިގަތުމަށް ފަހު މުޓުންގާ ވިދާޅުވެފައިވާ ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އެރުވުމަށެވެ.
"މިކަމުގެ ބޭނުމަކީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް 2018 ގައި ބޭއްވުމަށް މަގު ފަހިކުރުމަށް ބޭނުންވާ މަޝްވަރާގެ އިންތިޒާމް ހަމަޖައްސައި ދިނުން. އަދި ރާއްޖޭގެ މުއައްސަސާތަކާއި ޑިމޮކްރެސީ ވަރުގަދަ ކުރަން އެހީ ވާން ވެސް ވަނީ ހަވާލުކޮށްފައި،" މުޓުންގާ ރިޓަޔާ ކުރެއްވުމަށް މިދިޔަ ޖޫން މަހު ފަހުކޮޅު ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައިވެ އެވެ.
ކޮމަންވެލްތުން ބުނި ގޮތުގައި ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކާއި އެ ނޫން ވެސް ކަމާ ގުޅުން ހުރި ފަރާތްތަކާ މުޓުންގާ ބައްދަލުކުރައްވާނެ އެވެ. އޭނާ މަސައްކަތް ކުރައްވާނީ، ކޮމަންވެލްތުން ބުނި ގޮތުގައި، ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކުރުމާއި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް 2018 ގައި ބޭއްވުމުގެ އިތުރަށް ދައުލަތުގެ ބާރުތައް ވަކިކުރެވިފައިވާކަން ކަށަވަރު ކުރުމަށެވެ.
މިއީ ކޮމަންވެލްތުގެ ހާއްސަ މަންދޫބެއް ރާއްޖެ އަށް ކަނޑައެޅި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމާ އެކު ހިނގި ހަމަނުޖެހުންތަކާއި އޭރު އޮތް ސިޔާސީ ހަލަބޮލިކަން ހައްލު ކުރުމަށް ރާއްޖެ އަށް އެހީ ވުމަށް ވެސް ކޮމަންވެލްތުން ހާއްސަ މަންދޫބެއް ހަމަޖެއްސި އެވެ.
ކޮމަންވެލްތުގެ މަންދޫބު ރާއްޖެ ވަޑައިގެންނެވިއިރު، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމެއް އަންނަ މަހު ބާއްވާނެ އެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ މި ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.
ކޮމަންވެލްތުގެ މަންދޫބު ރާއްޖެ ވަޑައިގެންނެވީ އދ.ގެ ހާއްސަ މަންދޫބުގެ ދަތުރަށް ފަހު އެވެ.
ސިޔާސީ މަސްރަހު ފިނި ކުރަން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރި އަށް ގެންދަން އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ރާއްޖޭގައި ހަފުތާއެއްހާ ދުވަސް ހޭދަކުރެއްވި އެވެ. މާ ބޮޑު ކުރިއެރުމެއް ނުލިބި ތަމްރަތު ފުރާވަޑައިގެންނެވީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫކޮށް، ގައުމީ މަސްލަހަތު އިސްކުރަން ބާރުއަޅުއްވާފަ އެވެ.