އިންތިޚާބު ވަނީ ވަގަށް ނަގާފައި، އާ އިންތިޚާބަކަށް ގޮވާލައި ޕާޓީތަކުން މުޒާހަރާ އަށް
އިންތިޚާބު ވަނީ ވަގަށް ނަގާފައި، އާ އިންތިޚާބަކަށް ގޮވާލައި ޕާޓީތަކުން މުޒާހަރާ އަށް

އިސްލާމްއާބާދު (ޖުލައި 28) - ޕާކިސްތާނުގައި ބޭއްވި އާއްމު އިންތިޚާބު ވަނީ "ވަގަށް ނަގާފައި" ކަމަށާއި އަދި އެ އިންތިޚާބުގެ ނަތީޖާގެ ސަބަބުން ގައުމުގެ ސިޔާސީ ހަޔާތުގައި ހުތުރު ލައްގަނޑެއް ޖެހޭނެ ކަމަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިންތިޚާބަށް ފަހު ނަވާޒް ޝަރީފާ ބައްދަލު ކުރަން ޖަލަށް ދިޔަ އޮފިޝަލުން މެދުވެރިކުރައްވާ ޕީއެމްއެލް-އެންގެ ކުރީގެ ލީޑަރު ވިދާޅުވީ އެމަނިކުފާނުގެ ޕާޓީން ފައިސަލްއާބާދު، ލާހޯރު އަދި ރާވަލްޕިންޑީގައި ވާދަކުރީ ވަރަށް ވަރުގަދަ ކެންޑިޑޭޓުން ކަމަށާއި އެކަމަކު ނަތީޖާ އައި އިރު އެ ކެންޑިޑޭޓުން ނުހޮވޭ ކަމަށެވެ.

ނަވާޒް ޝަރީފް ވިދާޅުވީ އެންމެ ފަހުން އާއްމު އިންތިޚާބު ބޭއްވި 2013 ވަނަ އަހަރަށް ވުރެ އިމްރާން ޚާންގެ ޕީޓީއައި މި ފަހަރު ދެއްކީ ބަލިކަށިކޮށް ކަމަށާއި އެކަމަކު ނަތީޖާ އިން ދެއްކީ އެ ޕާޓީ މޮޅުވެފައި އޮތް ކަމަށެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ ސިޔާސީ ބައެއް ޕާޓީތައް ގުޅިގެން އާ އިންތިޚާބެއް ބާއްވަން ޑިމާންޑް ކުރަން މުޒާހަރާ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އޯލް ޕާޓީސް ކޮންފަރެންސްގެ ތަރުޖަމާން މައުލާނާ ފަޒުލުލް ރަހްމާން ވިދާޅުވީ އާ އިންތިޚާބަކަށް ގޮވާލާ ހަރާކާތްތަކެއް ހިންގާނެ ކަމަށެވެ. ނަވާޒް ޝަރީފް ވަނީ އެ ހަރަކާތަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޯލް ޕާޓީސް ކޮންފަރެންސް އުފައްދާފައި ވަނީ ހުކުރު ދުވަހު ރޭ ބޭއްވި ޕާޓީތަކުގެ ބައްދަލުވުމުގަ އެވެ. އޯލް ޕާޓީސް ކޮންފަރެންސްގައި ނަވާޒް ޝަރީފުގެ ޕީއެމްއެލް-އެން ވެސް ހިމެނެ އެވެ.

"ޑިމޮކްރެސީ ރަހީނު ކުރާކަށް ފުރުސަތެއް ނުދެވޭނެ،" ރަހުމާން ވިދާޅުވި އެވެ.

އިމްރާން ޚާން ވެރިކަމަށް ގެނައުމަށް ސިފައިން އެހީވަމުންދާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.